ރާއްޖޭގެ އިސްލާމީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި، ފަޟީލަތުއްޝައިހް އިސްމާއީލް މުހައްމަދު (ތޮއިބާ ޝައިހު) ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. ދ. މީދޫއަށް އުފަން، މއ. ފީރޯޒްވާދީ ޝައިހް އިސްމާއީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޝައިހް އިސްމާއީލް މުހައްމަދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމުގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ 1970 ގެ އަހަރުތަކުގައި މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. މާލޭގައި މަޝްހޫރު 'ތޮއިބާ ސްކޫލް' ހިންގެވުމުގެ އިތުރުން، ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ދީނީ ރޮނގުން މަތީ ތައުލީމުގެ ފުރުސަތު ހޯއްދަވައިދެއްވިއެވެ.
ޝައިހް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ ޝައިހް އަވަހާރަވުމަކީ ގައުމަށް ލިބުނު ބޮޑު ހިތާމައެއް ކަމަށާއި، އެމަނިކުފާނަކީ މިހާރު ގައުމުގެ އިސް ސަފުގައި ހިދުމަތް ކުރައްވާ އެތައް އިލްމުވެރިންނެއްގެ އުސްތާޒެއް ކަމަށެވެ. "ފަޟީލަތުއްޝައިޚް އިސްމާޢީލް މުހައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްވެސްމެ،" ރައީސް ފާހަގަކުރެއްވިއެވެ.
ޝައިހް އިސްމާއީލް ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފުވެސް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.
އަވަހާރަވިއިރުވެސް ޝައިހް ގެންދެވީ އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރައްވަމުންނެވެ. އުންމުލްމުއުމިނީން އާއިޝަތުގެފާނުގެ ނަންފުޅަށް ނިސްބަތްކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ މާޗު މަހު ރައީސް ޑރ. މުއިއްޒެވެ. ޝައިހް އިސްމާއީލް މުހައްމަދަކީ ރާއްޖޭގެ ދީނީ އިލްމީ މައިދާނުގައި ނުހަނު އިހްތިރާމް ލިބިގެންވީ، ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.
އިސްލާމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި 'ތޮއިބާ ޝައިހު' އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ