ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ޚިދުމަތްތައް ހުއްޓާލީ ހުއްދަ ނުހޯދައި، އަލުން ފަށަން އަންގައިފިން: ނިމާލް

ކުޅުދުއްފުށި ސިޓީގައި ދެމުން ދިޔަ ޓްރާންސްޕޯޓުގެ ޚިދުމަތްތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން ލޯކަލް ގަވަމަންްޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެ ރަށު ބްރާންޗުން އެންގީ ހުއްދަ ނުހޯދައި ކަމަށާއި، ކުރިޔެކޭވެސް އެއްގޮތަށް ހުރިހާ ޚިދުމަތްތަކެއް ދިނުމަށް މިހާރު އަންގައިފައިވާ ކަމަށް، އެ އިދާރާގެ ސީއީއޯ މުޙައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި އެލްޖީއޭގެ ކުޅުދުއްފުށީ ބްރާންޗުން ވަނީ، ލާމަރުކަޒީ ގާނޫނަށް އައި ބަދަލުތަކާ ގުޅިގެން، އެ ބްރާންޗުން ދެމުން ގެންދިޔަ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން އަންގައިފައެވެ. ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުالله 'ސަން'އަށް އިއްޔެ ވިދާޅުވީ، އެލްޖީއޭގެ އެ އެންގުމާއެކު، އެ ސިޓީން ދެމުން ދިޔަ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ހުއްޓިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ނިމާލް ވިދާޅުވީ، ކުޅުދުއްފުށީގެ ބްރާންޗަށް އެފަދަ އިއުލާނެއް ނުނެރެވޭނެ ކަމަށާއި، އެ ބްރާންޗުން ޚިދުމަތް ހުއްޓާލިކަން އެނގުނީ އިއުލާން ނެރުނު ފަހުން ކަމަށެވެ. "މި ބަންދުގައި އޮފީސް ހުޅުވެންވާއިރަށް ޚިދުމަތް ކުރިޔެކޭވެސް އެއްގޮތަށް ދޭން ވާނީ އެލްޖީއޭގެ ހުރިހާ ބްރާންޗްތަކަކަށް އަންގައިފައި،" ނިމާލް ވިދާޅުވިއެވެ. ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓާލަން އެއް އިރެއްގައިވެސް އަންގަވައިފައި ނޯންނާނެ ކަމަށާއި، ޚިދުމަތްތަކުން ރައްޔިތުން މަހްރޫމުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ނިމާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެލްޖީއޭއިން މަަސައްކަތްކުރަނީ އަބަދުވެސް ޚިދުމަތްތައް ރަނގަޅުކުރެވޭތޯއެވެ. ޚިދުމަތްތައް ހުއްޓާލަން ނުވަތަ މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެކަން ބްރާންޗްތަކަށް ލިޔުމުން އަންގާނެ ކަމަށް، ނިމާލް ވިދާޅުވިއެވެ. "[ކުޅުދުއްފުށީގައި ދޭ ޓްރާންސްޕޯޓް] ޚިދުމަތް ހުއްޓާލީ އަޅުގަނޑާއި ނޫނީ އެލްޖީއޭގެ ކަމާބެހޭ އެއްވެސް ފަރާތަކާ ވާހަކަ ދައްކައިގެނެއް ނޫން،" ނިމާލް ވިދާޅުވިއެވެ. އެހެންކަމުން، ޚިދުމަތްތައް އަލުން ފަށަން ކުޅުދުއްފުށީގެ ބްރާންޗަށް މިހާރު އަންގަވައިފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް އެލްޖީއޭއިން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ