ޖޫން މަހު ރިޒާވް ދަށްވިޔަސް ބޭނުންކުރެވޭ ރިޒާވް ރަނގަޅު: އެމްއެމްއޭ

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 686.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައި ވިޔަސް، ބޭނުންކުރެވޭ ރިޒާވް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްއޭން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ:
މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެއް 
މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިއަން ޑޮލަރު ނުވަތަ %17.5 ދަށް އަދަދެއް
ތަފްސީލް - ރިޒާވްގެ ޖުމްލަ އަދަދު ދަށްވިޔަސް، މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިއަން ޑޮލަރުގަ އެވެ. މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު:
މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު އެ އަދަދު ހުރީ 203 މިލިއަން ޑޮލަރުގައި 
މިއީ ގާތްގަނޑަކަށް %23ގެ ކުރިއެރުމެއް
އެމްއެމްއޭން ބުނި ގޮތުގައި، މި އަހަރުގެ މޭ މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ހިމެނެނީ، އެ ތަނުން ބުނި ގޮތުގައި:
ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު %43 އިތުރުވުން 
މީގެއިން ދޭހަކޮށްދެނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަންޖެހޭ ހޭދަ ބޮޑުވަމުންދާކަން
އެނގުން މުހިންމު - މިދިޔަ މާޗު މަހު ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މިހާތަނަށް ވަނީ 645 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ