މުއިއްޒުގެ ފުރަތަމަ 14 ހަފުތާ: މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ހާއްސަ އެޖެންސީއެއް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ 14 ހަފުތާގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދެވުމަށް ނިންމަވައިފިއެވެ.
މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި މިރޭ ވަނީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް ވަނީ އަމާޒު ކަނޑައަޅުއްވައިފައެވެ.
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭ ކުރުމަށް ރާއްވަވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމާއި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުން ހިމެނެއެވެ. އަދި މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތެއް ތައާރަފުކުރުމާއި، ގައުމީ އެއާލައިނުން "ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތައާރަފުކުރުމުގެ މަސައްކަތް ފެށުން ވެސް ހިމެނެއެވެ. އަދި 14 ހަފުތާގެ ތެރޭގައި ޓްރެވަލް އެޖެންސީއާ ބެހޭ ބިލެއް ޑްރާފުޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވެސް ވަނީ ނިންމައިފައެވެ.
މުއިއްޒުގެ ވެރިކަމުގެ ފުރަތަަމަ 14 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ހާއްސަ "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ގައުމީ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާންކޮށް ތަންފީޒުކުރަން ފެށުމާއި، މީހުން އާބާދުވެފައިވާ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާންކޮށް ތަންފީޒުކުރަން ފެށުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ވެރިކަމުގެ ފުރަތަމަ ދުވަހުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ވަކި ދެ ވުޒާރާއެއް އުފެއްދެވުމަށް މުއިއްޒު ވަނީ ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ