ވެރިކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ މައި ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ދީފައިވާކަމަށާއި ”ގޮތް ބަލާލަން“ ޖުމްހޫރީ ޕާޓީއަށް ވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް އެ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ވަނީ ޖުމްހޫރީ ޕާޓީ ވަރުގަދަ ކުރުމުގެ ގޮތުން އަތޮޅުތަކުގެ ތެރެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަން މީގެ ކުރިން އިއުލާނު ކުރައްވާފައެވެ. އެގޮތުން ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޖޭޕީއަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ ޕާޓީއިން ރިޔާސީ އިންތިހާބަށް ނިކުންނާނެ ކަމަށް ބުނުމާއި އެކު ބަޔަކު ”ކަންބޮޑުވެއްޖެ“ ކަމަށެވެ.
ގާސިމް ވިދާޅުވީ ބަޔަކު ކިތަންމެ ބޮޑު ކަންބޮޑުވުމެއް ”އޮތަސް، ނެތަސް“ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވާދަ ކުރާނެ ކަމަށެވެ.
2008 ވަނަ އަހަރުން ފެށިގެން، މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވެސް ވާދަ ކުރުމުގެ ވިސްނުން ގެންގުޅުއްވި ގާސިމް އެންމެފަހުން ވާންޖެހެނީ ވެރިކަން ކާމިޔާބު ކުރާ ސަރުކާރެއްގެ ”ޕާޓްނާރ“ އަކަށެވެ. އެހެން ނަމަވެސް، އަހަރު ދުވަސް ނުވަނީސް އެ ސަރުކާރަކާއި އެކީ އޮންނަ ގުޅުން ކަނޑާލަނީ ”ބާކީ“ ކޮށްލައިފިކަމަށް ބުނެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ވެސް ގާސިމް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި މި ސަރުކާރަށް އަންނަ އާދީއްތަ ދުވަހު އަހަރު ދުވަސްވާނެ އެވެ.
މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން، ވެރިކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ މައި ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ދީފައިވާކަމަށް ވިދާޅުވެ ގާސިމް ވަނީ ޖޭޕީން އެންމެފަހުން ބޭއްވި ޖަލްސާފައި ވެރިކަން ކުރުމުގެ ފުރުސަތު ޖޭޕީއަށް ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ގާސިމް ވިދާޅުވީ، ޖޭޕީއަކީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ”ފޮޅުވާ މަލަކަށް“ ނުހެދޭނެ ކަމަށެެވެ. ކޮންމެ ފަހަރަކު ވެސް އިންތިޚާބަކާ ދިމާކޮށް އެ ޕާޓީ ”މަލެއްގެ ގޮތުގައި ފޮޅުވުން“ ހުއްޓުވާނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ، ކަންކަމުން އަރައިގަނެ ޖޭޕީ ކުރިއަށް ނުކުންނަން ވެއްޖެ ކަމަށާއި އެއީ މާ މޮޅުތަކެއް ވާނެ ކަމަކަށެއް ވެސް ނޫން ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ޕަޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އޭނާގެ، އެންމެ އިސް ވާޖިބަކީ ސިޔާސީ މަސައްކަތް އިޚްލާސްތެރިކަމާ އެކު ރައްޔިތުންނަށްޓަކައި ކޮށްދެއްވުން ކަމަށް ވިދާޅުވި އެވެ.
ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް އޭނާ އަށް ވަރަށް ބޮޑު ގެއްލުމަކާއި ނިކަމެތި ކަމެއް ލިބޭ ކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގެނައުމަށް ޖުމްހޫރީ ޕާޓީގެ ހިއްސާ އޮތް ނަމަވެސް ކުރިމަތިލާން ޖެހުނީ ވެސް ވަރަށް ހިތްދަތި ކަންތައްތަކަކާ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ތަކުރާރުކޮށް ގާސިމް ވާހަކަތައް ދައްކަވަމުން ގެންދަވާތާ ދުވަސްތަކެއްވެފައިވާއިރު، އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޖޭޕީން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭނީ ކޮން ބޭފުޅެއްކަން ނިންމާނީ ޕާޓީގެ އާއްމު މެމްބަރުން ކަމަށެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަނީ، ރައީސް ސޯލިހްގެ ސަރުކާރު ބަދަލު ކުރުމަށް ކަމަށް ބުނެ، ގާސިމްއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި އޭނާ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހްއަށް ފުރިހަަމަ ފަސް އަހަރު ދިނުމަށް ޖޭޕީ އޮތީ ތައްޔާރަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
”ވެރިކަމަށް ހޮވާފަ މި ތިބީ ފަސް އަހަރަށް. އެ ފަސް އަހަރު ނިމުމަށްފަހު މީހަކު ނެރޭ ވާހަކަ މި ދައްކަނީ މި ޕާޓީން. އަޅުގަނޑުމެން ނޭރޭނަން އިނގޭތޯ ބަޔަކު ކަންބޮޑުވުން އޮތަސް ނެތަސް. މާތްﷲ ގެ އިރާދަފުޅާއެކު [ރިޔާސީ ކެންޑިޑޭޓަކު] ނެރޭނަން މި ޕާޓީން. އެކަން ނިންމާނީ މި ޕާޓީގެ މެންބަރުން،“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ، މީގެ ކުރިންވެސް ވިދާޅުވީ ވާހަކައެކޭ އެއްގޮތަށް ރައްޔިތުންނަށް ދެ ފިކުރެއް ތަޖުރިބާ ކުރެއްވިއްޖެކަމަށް ވިދާޅުވެ، މިއީ ޖޭޕީއަށް ފުރުސަތުދީ އިތުރު ފިކުރެއް ތަޖުރިބާ ކުރަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި ”ގޮތް ބަލާލަން“ ޖޭޕީއަށް ފުރުސަތު ދިނުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.
ގާސިމް ވިދާޅުވީ، އެ ޕާޓީން ކުރާ މަސައްކަތުގައި ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.
”ތިޔަ ބޭފުޅުން ކަނާތާއި ވާއަތަށްވެސް އަރައިފީމެއް ނޫންތޯ؟ އެއް ފަހަރު، ދެފަހަރު، ތިން ފަހަރުވެސް. ކިތައް ފަހަރުތޯ އަރުއްވަންވީ. ތިނެތިން އެކަތި ރައިވެރިއެއްގެ ދަރިއަކަށްވެސް އޮވެއޭ ބުނަނީ. އެހެންވީމަ އެހެން ނުހައްދަވާ، އަޅުގަނޑުމެންނާ ގުޅިވަޑައިގެން ބައިއަތު ހިފައިގެން ކުރިއަށްދިޔައީމަ ނޫންތޯ އިނގޭނީ މިތަނުން ވާގޮތެއް ވެސް،“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖޭޕީ ދެމި އޮންނާނީ ރައްޔިތުންނަށް ހަގީގީ ޖުމްހޫރީ ވެރިކަމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގައި ކަމަށެވެ. އަދި އެ މަސައްކަތުގައި މީހަކު ކޮށްފާނެ އަނިޔާއަކަށް، ޖެއްސުމަކަށް ނުބަލާ ކަމަށެވެ. ގާސިމް ވަނީ ބަޔަކު މީހުން ރައީސް ސޯލިހްގެ ވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ ހުރަސްތައް އެމްޑީޕީގެ އެތެރެއިންނާއި، ބޭރުން ވެސް އަންނަ ކަމަށް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ރައީސް ސޯލިހްއަށް އަމާޒުކޮށް އެކި އެކި ގޮތްގޮތުން ދުއްތުރާ ކުރާތަން ފެންނަ ކަމަށެވެ.
”މިއީތޯ ތާ އަބަދު އަޅުގަނޑުމެން އުޅެންޖެހޭ ގޮތަކީ. އަމިއްލަ ޕާޓީގެ ތެރެއިންނާ ނުވަތަ އެހެން މީހުންގެ ވެސް ފަރާތުން. މިއީ އެއް ނޫން ދެއްތޯ އުޅެންވީ ގޮތަކީ.“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް އިތުރު ކުރައްވާނެކަމަށެވެ. މެމްބަރުން އިތުރު ކުރުމުގެ މަސައްކަތަކީ ޖޭޕީ ”ރީފޯމް“ ކުރުންގެ ގޮތުގައި ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ޖޭޕީ ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީއަށް ކަމަށެވެ.
ގާސިމްއަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ރިޔާސީ އިންތިބާގައި ވާދަ ކުރެއްވާ ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ.2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމުގައި ގާސިމްއަށް މެދުވެރިވީ ހުރަހަކީ ވެރިކަމަށް ކުރިމަތިލެވޭނޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ފާސްކުރުމެވެ.
އެހެން ނަމަވެސް، ވެރިކަން ބަދަލުވުމާއި އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ބާތިލުކޮށްފައެވެ. ޖޭޕީ އަބަދުވެސް ފާހަގަވެފައިވަނީ ތިން ވަނަ ޕާޓީގެ ގޮތުގައި ކަމަށާއި، އެހެން ނަމަވެސް އެ ވިސްނުމާއި އުސޫލަށް ބަދަލު ގެންނަން ޖެހޭކަމަށް ގާސިމް ވަނީ އާދީއްތަ ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.
ޖޭޕީ އެއްވަނަ ޕާޓީއަށް ބަދަލު ކުރުމަކީ މިވަގުތު އޮތް އެންމެ ބޮޑު އަމާޒުކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރުންނާއި ލީޑާޝިޕަށް ބަދަލު ގެނައުން ހިމެނޭކަމަށެވެ.
ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ރައްޔިތުން ފުރުސަތު ދީފައިވާކަމަށާއި، އެއިން ކޮންމެ ފުރުސަތެއްގައި ވެސް އޭރަކު ވެރިޔަކު އިންތިހާބު ވަނީ ޖޭޕީގެ އެހީތެރިކަމާއި ބައިވެރިވުމާއި އެކުކަމަށް ގާސިމް ވިދާޅުވިއެވެ.
ޖޭޕީގެ ގޮފިތައް ވެސް ރާއްޖޭގެ އެކި ރަށްތަކުގައި އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު ޖޭޕީއަކީ ޅަފަތުގައި އޮތް ޕާޓީއެއް ނޫން ކަމަށާއި ސިޔާސީ ގޮތުން އެންމެ ފަހި ފުރުސަތުތައް ލިބޭ ޕާޓީއަކީވެސް ޖޭޕީކަމަށް ގާސިމް ވިދާވިއެވެ.
އާ ގާނޫނު އަސާސީއަށް ފަހު 2008 ގައި ބޭއްވި ރިޔާސީ ފުރަތަމަ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުކުރެއްވުނީ ގާސިމާ އެކު ޖޭޕީން އެ ފަޅިއަށް އެރުމުންނެވެ. އަދި 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ނަޝީދު ބަލިކުރެއްވުނީ ވެސް ގާސިމްގެ އެހީތެރިކަމާ އެކު އެވެ.
ކަނާތާއި ވާއަތަށްވެސް އަރައިފި! ދެން ”ގޮތް ބަލާލަން“ ޖޭޕީއަށް ފުރުސަތު ދެއްވާ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ