ފުށިދިއްގަރުގެ މައްސަލައިގައި މެމްބަރު އުޝާމްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އޭސީސީން ދިރާސާ ކުރަނީ

ކ. ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަދި މިހާރުގެ ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމްއާއި ދެކޮޅަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. 
ކ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާއި ސަރުކާރުން ހިލާފުވެފައިވާ ކަމަށްބުނެ، ސިންގަޕޫރު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންއަށް ހުށަހަޅާފައި ވަނިކޮށް މި މައްސަލައިގައި އުޝާމް ޑެޕިއުޓީ އޭޖީގެ މަގާމުގައި ހުންނަވައި ނިންމެވި ނިންމުންތަކާ ގުޅޭ މައްސަލައެއް އަމިއްލަ ފަރާތަކުން ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. 
އުޝާމް ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ ގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުށިދިއްގަރު ފަޅުގެ މައްސަލައިގައި އުޝާމްއާ ދެކޮޅަސް ހުށަހަޅާފައިވާ މައްސަލަ މިހާރު އޮޓީ އިވެލުއޭޝަން މަރުހަލާގައި ކަމަށެވެ. އެގޮތުން އެ މަރުހަލާގައި ކުރިއަށް ދާނީ މައްސަލަ ތަހުގީގު ކުރުމަށް ގޮތެއް ނިންމުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް ކުރުން ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 
މި މައްސަލައާއި ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއާ ދެމެދު ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްގީ ކުރުމާ ގުޅޭގޮތުން 18 ޖަނަވަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ހިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް މިދިޔަ ބއަހަރުގެ ޑިސެންބަރު މަހު ހުށަހަޅާފައިވާކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބަޔާންކޮށްފައިވާ ގޮތުން އެ މައްސަލައަކީ، ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް ޢިމާރާތް ތަރައްގީކުރުމަށް ސަބް-ލީސް ކުރުމަށް އެ ކުންފުންޏާ ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ އޮފީހުން ބުނީ، އެ މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށާއި، އާބިޓްރޭޝަނަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން ފާހަގަ ކުރާ ކަމަށެވެ.
މި މައްސަލަ ސުންގަޕޫރުގެ އާބިޓްރޭޝަންގައި ކުރިއަށްދާއިރު ފުށިދިއްގަރު ފަޅު ޕްރައިމް ކެޕިޓަލްއަށް ކުއްޔަށް ދިނުމުގައި ކޮރޮޕްޝަން އެކުލެވޭ ކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް 2016 އަހަރު އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައި ވަނީ ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގައި ކޮރޮޕްޝަންގެ އަމަލެއް ހިނގާފައި ނުވާ ކަމަށެވެ. 
އެގޮތުން މި މައްސަލައިގައި އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ކ. ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރަން ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި އުފައްދައި ރަޖިސްޓްރީކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. 
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި، މާލޭގެ ދެކުނުން އޮންނަ އެނބޫދޫ ފަޅާ ޖެހިގެން އޮތް، ފުށިދިއްގަރު ފަޅު ނިއު ޒީލެންޑް ވިޔަފާރިވެރިއެއްގެ ކުންފުންޏެއް ކަމަށްވާ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ،50 އަހަރަށް ކުއްޔަށް ދޭން ސޮއި ކޮށްފައި ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓްވެންޗާ ކުންފުނި ރަޖިސްޓްރީ ކުރީ 2014 ވަނަ އަހަރު އެވެ. ކުންފުނި ރަޖިސްޓްރީކުރުން ލަސްވީ، އިކޮނޮމިކް މިނިސްޓްރީން އެކަން ލަސްކުރުމާ ގުޅިގެންނެވެ.
ފުށިދިއްގަރު ފަޅު ކުއްޔަށް ދޭން އެއްބަސްވި މައްސަލަ ތަހުގީގުކޮށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ފުށިދިއްގަރުފަޅު ކުއްޔަށްދިނުމަށް ނިންމާފައިވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުންނާއި، 2011 ނޮވެމްބަރުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެންކަން ފިނޭންސް މިނިސްޓްރީގެ ސިޓީން އެނގޭ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލިހުން އެގޮތަށް ނިންމުމާ ގުޅިގެން ފަޅު ކުއްޔަށްދިނުމަށް 2013 ވަނަ އަހަރު ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރު ބަންދު ދުވަހެއްގައި، ޓްރޭޑާސް ހޮޓެލްގައި ކަމަށް ބުނެފައި ވީނަމަވެސް، އެކަން ސާބިތުކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ލިބިފައިނުވާ ކަމަށެވެ.
ޓޫރިޒަމް ޒޯނެއްގެގޮތުގައި އެ ފަޅު ތަރައްގީ ކުރަން އޭރުގެ ރައީސުލް ޖުމްހޫރިއްޔާގެ ކެބިނެޓުން ފާސްކުރިއިރު، އެ މަޝްރޫއު ކުރިއަށް ގެންދެވޭނީ ދިވެހި ސަރުކާރުން 50 ޕަސެންޓް ހިއްސާވާ ޖޮއިންޓް ވެންޗާއެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ކުންފުނި އުފައްދަން 2013 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގައި އެ ކުންފުނީގައި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކުރި އެވެ.
އެއްބަސްވުމުގައި އެގޮތަށް ނިންމާފައި އޮތީ، ފަޅު ކުއްޔަށްދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 2011 ވަނަ އަހަރު ކަމަށްވެފައި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް އައި ބަދަލެއްގެ ސަބަބުން ކަމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ބޭފުޅުން ވިދާޅުވި ނަމަވެސް އެކަމާ ގުޅޭގޮތުން އޭރު ކުރި އެއްވެސް މުއާމަލާތެއްގައި އެވާހަކަ ދައްކާފައި ނުވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭސީސީގެ ރިޕޯޓުގައި  ބުނެފައިވަނީ، ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް އެތަން ދެން ކުޔަށް ދޭނަމަ ދޭންވާނީ ދައުލަތުގެ މިހާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުއްޔަށްދޫކުރާ ފަޅުގެ ބޮޑު މިނަށް ބަލައި، މިހާރު ދައުލަތުން އަކަފޫޓަކަށް ކަނޑައަޅާފައިވާ މިންވަރަކަށް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށެވެ.
މީގެ އިތުރުން ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކުރުން ލަސްވުމާ ގުޅިގެން، އެ ކުންފުނިން މައްސަލަ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ކުންފުނި ރަޖިސްޓްރީކުރަން ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް، އެކަން ކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ހުއްދަވެސް ހޯދައިގެން ކަން އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެއްބަސްވުމުގައި ވާ ބައެއް ކަންކަމުގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވޭތީ އަދިވެސް ފަޅު ކުއްޔަށް ދޫކުރުމާ ބެހޭ މާސްޓާ އެގްރީމެންޓުގައި ސޮއި ނުކުރާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ