ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް އެލައިޑް އިންޝުއަރެންސްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާކަން ޔޮޓް ޓުއާސްއިން ހާމަކޮށްފިއެވެ.
އެލައިޑް އިންޝުއަރެންސްއާއި ދެކޯލަށް ކޯޓަށް މައްސަލަ ހުށަހަޅައި ގެއްލުމުގެ ބަދަލު ހޯދަން ޖާބިރުގެ ޔޮޓް ޓުއާސް އިން ނިންމާފައި މިވަނީ ޔޮޓް ޓުއާސްއިން ހިންގަމުން އަންނަ ހއ. އަލިދޫ ރިސޯޓުން އިންޝުއަރެންސްގެ ފައިސާ ދައްކާފައިވަނިކޮށް މޫސުން ގޯސްވެ ރަށް ބޭނުން ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުމާއި ގުޅިގެން އިންޝުއަރެންސް ފައިސާ ހޯދަން ހުށަހެޅުމުން އެ ފައިސާ ނުދިނުމުން ރިސޯޓް އަލުން ނުހުޅުވި އެތައް ދުވަހެއް ފަހުން އެ ފައިސާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެނެވެ.
2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ދުވަހާއި ދެމެދު ކުރި ވިއްސާރައިގައި އަލިދޫ ރިސޯޓަށް ވަނީ ބޮޑެތި ގެއްލުންތަލެއް ލިބިފައެވެ. ގުދުރަތީ ހާދިސާއެއްގައި ރަށް ބޭނުން ނުކުރެވޭވަރަށް އެކި ގެއްލުންތަކެއް ލިބުނުއިރު، އަލިދޫ ރިސޯޓުގެ މޫދު ކޮޓަރިތަކަށް ވެސް ގެއްލުންވެ ބޭނުން ނުކުރެވޭވަރަށް ހަލާކުވިއެވެ.
މައްސަލައިގައި ކޯޓުން ނިންމާފައިވަނީ، އެ ހާދިސާގައި ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ އެލައިޑާއި ދެމެދު ސޮއިކޮށްފައިވާ ފަޔާރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލުން ވެފައިވާ ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންދުނިން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔާރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްއަށް އިންޝުއަރެންސް ކެލެއިމްގެ ގޮތުގައި ބަދަލު ކުރަންޖެހޭ ގެއްލުންތަކެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.
އެ ހާދިސާއާއި ގުޅިގެން އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ އިންޝުއަރެންސް ބަދަލުގެ ގޮތުގައި ޔޮޓް ޓުއާސްއިން ހޯދުމަށް އެދިފައިވާ US$22,784,837.59 (ބާވީސް މިލިއަން ހަތް ލައްކަ އައްޑިހަ ހަތަރުހާސް އަށްސަތޭކަ ތިރީސް ހަތަރު އެމެރިކާ ޑޮލަރު) ޔޮޓް ޓުއާސްއަށް ދިނުމަށް އެލައިޑުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
އިންޝުއަރެންސްގެ ކްލެއިމްގެ ގޮތުގައި 22،7 މިލިޔަން ޑޮލަރު އެލައިޑްއިން ޔޮޓް ޓުއާސް ދެއްކުމަށް ކުރި ހުކުމާއި ގުޅިގެން ”ސަންގު“ ދެއްވި އިންޓަވިއުއެއްގައި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ވިދާޅުވީ 22.7 މިލިޔަން ޑޮލަރަކީ އެލައިޑް މެދުވެރިކޮށް އަލިދޫ ރިސޯޓް އިންޝުއަރެންސް ކޮށްފައި ވާތީ ދޭން ޖެހޭ ފައިސާއެއް ކަމަށާއި ނަމަވެސް މިހާތަނަށް އެ ފައިސާ އެއީ ދޭން ނުޖެހޭނެ ފައިސާއެއް ކަމަށް އެލައިޑުން ބުނަމުން އައި ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމުން އިންޝުއަރެންސްގެ ކްލެއިމްގެ ގޮތުގައި 22.7 މިލިޔަން ޑޮލަރު އެލައިޑުން ޔޮޓް ޓުއާސްއަށް ދޭން ޖެހޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެހެން ކަމުން އެ ފައިސާ ނުދިނުމުގެ ސަބަބުން މިވީ މުއްދަތުގެ ތެރޭގައި ރިސޯޓް މަރާމާތު ނުކުރެވި ރިސޯޓް ނުހުޅުވި ދިޔަ މުއްދަތުގެ ގެއްލުމުގެ ބަދަލު އެއް 100 މިލިޔަން ޑޮލަތަށް ވުރެ މައްޗަށް އަރާ ކަމަށާއި އެފައިސާ ހޯދުމަށް އެލައިޑާއި ދެކޮޅަށް ދައުވާ ކުރުމަށް ޔޮޓް ޓުއާސްގެ ބޯޑުން ނިންމާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އިންޝުއަރެންސް ފައިސާ އެލައިޑުން ނުދިނުމުން ޔޮޓް ޓުއާސްގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުން ނުބެލޭނެ މައްސަލައެއް ކަމަށް ބުނެ ބޭރުކޮށްލި ކަމަށެވެ. ނަމަވެސް ޔޮޓް ޓުއާސްގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ކުރިއަށް ގެންދަން ހައިކޯޓުން ސިވިލް ކޯޓަށް އެންގީ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ އެ ނިންމުން އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި ކަމަށާއި ސުޕްރީމް ކޯޓުން ވެސް ހައިކޯޓުގެ ނިންމުމަށް ތާއިދުކޮށް ސިވިލް ކޯޓަށް އެންގީ މައުޟޫއީ ގޮތުން މައްސަލައިގައި ގޮތެއް ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން މަތިން އަލުން ސިވިލް ކޯޓުން މައްސަލަ ބަލައި ނިންމާފައި ވަނީ 22.7 މިލިޔަން ޑޮލަރު ޔޮޮޓް ޓުއާސް ދިނުމަށް ކަމަށްވީނަމަވެސް ގެއްލުމުގެ ބަދަލު އެއަށްވުރެ ބޮޑު ކަމަށާއި އެހެން ކަމުން ގެއްލުން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމީ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން ޖާބިރު ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަން ޔޮޓް ޓުއާސްއިން ކޯޓަށް ދިޔަ ނަމަވެސް އެލައިޑުން ބޭނުންވާނަމަ މަޝްވަރާއަށް ގޮސްގެން މައްސަލައށް ހައްލެއް ހޯދަން ޔޮޓް ޓޫއާސް ތަްޔާރު ކަމަށެވެ.
ސިވިލް ކޯޓުން އެލައިޑްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ފައިސާ ޖުލައި މަހުގެ 19، 2020 އިން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ދައްކަމުން ގޮސް ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ އެކީ ހަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ އެލައިޑަށް އަންގައި ހުކުމްކޮށްފައެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިޔަން ޑޮލަރު ހޯދަން ޔޮޓް ޓުއާސްއިން އެލައިޑްއާއި ދެކޮޅަށް ދައުވާ ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ