އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވިދާޅުވެއްޖެއެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަޙައްދަށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ އަންގަވާފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް މިއަދުގެ މެންދުރު ފަހު 01:45 އިން ފެށިގެން މިރޭ 07:45 އަށް ހުދު ސަމާލު ނެރެފައެވެ. އަދި ބުދަ، ބުރާސްފަތި މި ދެ ދުވަހު އާންމު ވައި ވަރަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންގަވާފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންގަވާފައެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ އިންޒާރު ދެއްވާފައެވެ.
މުޅި ރާއްޖެއަށް އަންގާރަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ: މޫސުމާބެހޭ ޤައުމީ އިދާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ