އަނދުން ހުސެެއިން ހައްޔަރު ކުރަން ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުން ގޮވާލައިފި

ބަރަހަނާ ހާލުގައި އަންހެނަކާއި ފިރިހެނަކާއެކު އޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ  އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހައްޔަރުކޮށްގެން އެ މައްސަލަ ތަހުގީގު ކުރަން އެ ދާއިރާގެ ރައްޔިތުން ގޮވާލައިފިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ ނަމުގައި މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުން ތަމްސީލްކުރާ މެންބަރެއްގެ ފަރާތުން ފެންނަންޖެހޭނީ އިސްލާމީ ރިވެތި އަޚްލާޤާއި ރިވެތި ސުލޫކު ކަމުގައެވެ. އެކަމަކު ފެނިގެން ދިޔައީ އެ ދާއިރާގެ މެންބަރު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ހަޑިހުތުރު ބޭއަދަބީ ބަސް ތަކުރާރުކޮށް ބޭނުން ކުރުމުގެ ސަބަބުން ދާއިރާގެ ރައްޔިތުން ލަދުގަނެފައިވާ ދަނޑިވަޅެއްގައި ފާހިޝް އަމަލުތަކެއް ފަޅާއެރި ކަން ކަމުގައި އެ ބަޔާނުގައި ވެއެވެ.
އަނދުން ހުސައިންގެ ފާހިޝް އަމަލުތަށް ފުލުހުން ތަހުޤީޤު ކުރަން ފެށުމުން އެކަމަށް ފުލުހުންނަށް ޝުކުރު އަދާކުރާ ކަމަށާއި، އަދި ތަހުޤީޤު މިނިވަންކަމާއި އެކު ކުރިޔަށް ގެންދިއުމަށް ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.
އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ނައިބު ލީޑަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަގާމު ވެސް ފުރަމުންދާ އެފަދަ ބާރުގަދަ ބޭފުޅަކު ތަހުޤީޤު ނިމެންދެން ބަންދުނުކޮށްފި ނަމަ ހެއްކަށް ނުފޫޒު ފޯރުވުމާއި، ރިޝްވަތުދީ ތަހުގީގު ނިޒާމުން ގެއްލުވައިލަފާނެ ކަމުގެ ބިރުއޮތުމުން، ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށްވެސް އެ ދާއިރާގެ ރައްޔިތުން ވަނީ ގޮވާލާފައެވެ. އަދި ތަހުޤީޤު މަރުހަލާ ލަސްކުރުމަށް ރާއްޖެއިން ބޭރަށް ފުރައިފާނެތީ ޕާސްޕޯޓް ހިފެހެއްޓުމަށާއި، ތަހުޤީޤު ކުރިއަށް ދާނުދާ ގޮތް ހެންވޭރު ދެކުނު ރައްޔިތުންނަށް ލަސްނުކޮށް އަންގަމުން ދިއުމަށްވެސް ބަޔާނުގައި ފުލުހުންގެ ކިބައިން އެދިފައިވެއެވެ.
ފަހަކަށް އައިސް އަޙްލާގީ ބަލިމަޑުކަމެއް އާންމުވަމުންދާ މިދަނޑިވަޅުގައި ރައްޔިތުން ތަމްސީލް ކުރަން އިންތިޙާބު ކޮށްފައިވާ މީހެއްގެ ފަރާތުން ފެނުނު މި ހަޑިހުތުރު ލާދީނީ މަންޒަރުތަކަކީ އެދާއިރާގެ ތުއްތު ކުދިންނާއި ޅަދަރީންނާއި ޒުވާނުންގެ މުސްތަގްބަލަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނޭ ކަމެއްކަމުގައިވާތީ އަޅުގަނޑުމެން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވާއިރު، ޣާފިލް ކަމުގައި ރައްޔިތުންނަށް އިންތިޙާބުކުރެވުނު ބޭފުޅެއްގެ ސަބަބުން ބަދުނަސީބާއި ކޯފާއާއި ކުރިމަތިވެދާނެތީ ބިރުވެތިވާ ކަމުގައި އެ ދާއިރާގެ ރައްޔިތުން ބުންޏެވެ.
އަނދުން ހުސެއިންގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ