ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އެންމެ ފޯރިގަދަ އެއް ޒޯން ކަމަށްވާ ބ. އަތޮޅުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން މޮޅުވެ، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އާއި ފިނޮޅު މޯލްޑިވްސް އިން ސެމީ އަށް ދަތުރުކޮށްފި އެެވެ.
ގްރޫޕް ބީގެ ފަހު ދެ މެޗަށް މިއަދު ނުކުތްއިރު، ހަތަރު ޓީމަށް ވެސް އަމިއްލަ ބާރުގައި ސެމީ ފައިނަލަށް ދިއުމުގެ ފުުރުސަތު އޮތެވެ. އެއީ، ގްރޫޕްގެ ފަހު މެޗުތަަކަށް އައިއިރު، ހުރިހާ ޓީމެއް ވެސް ޕޮއިންޓުން އެއްވަރުވެފައި އޮތުމުންނެވެ.
އެ ގޮތުން، ފިނޮޅުން ވަނީ އަމިއްލަ މޯލްޑިވްސް އަތުން 6-0 އިން މޮޅުވެ، ގްރޫޕްގެ އެއް ވަަނަ ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، އަނަންތަރާ އަށް ގްރޫޕްގެ ދެ ވަނަ ލިބުނީ، ފަހު މެޗުން، ވައްކަރު މޯލްޑިވްސް އަތުން ފަހަތުން އަރައި، 4-1 އިން ވައްކަރު މޯލްޑިވްސް ބަލިކުރުމުންނެވެ.
ފިނޮޅާއި އަނަންތަރާ އަށް ހަ ޕޮއިންޓް ލިބުނު ނަމަވެސް، ލަނޑުގެ ގޮތުން، ފިނޮޅު ކުރިހޯދީ ފައިދާ ނުވަ ގޯލާ އެކު އެވެ. އަދި، ދެ ވަނަ އަށް ދިޔަ އަނަންތަރާގެ ފައިދާ އޮތީ ހަތަރު ގޯލެވެ. ތިން ވަނަ ހޯދި އަމިއްލަ އާއި ފުލުގައި ނިންމި ވައްކަރަށް ލިބުނީ ތިން ޕޮއިންޓެވެ.
އަވަނި+ފަރެސްގައި ހޯސްޓްކުރާ ބ. އަތޮޅުގެ މެޗުތަކުގައި މިއަދު ފުރަތަމަ ކުޅުނީ، ވައްކަރު އާއި އަނަންތަރާ އެވެ. މި މެޗުގައި، ވައްކަރުން ލީޑުނެގި އެވެ. ގޯލު ކުރިމައްޗަށް އައި ބޯޅައެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި އަނަންތަރާގެ ކެޕްޓަން، ހުސެއިން ހަނާން (ޖޯ) އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ. ފަހަތުން އަރައި، އަނަންތަނާ އިން ނަތީޖާ އަނބުރާލައި މޮޅުވިއިރު، ޖޯ ވަނީ ލަނޑެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
އަނަންތަރާގެ އަނެއް ލަނޑުތައް ޖެހީ، ރަޝާދު އަބްދުލް މަތީން ދެ ގޯލާއި އަހުމަދު ސާޖިދު ގޯލެކެވެ.
ފިނޮޅުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މުހުތާރު ނަސީރު (ޓޫކިލޯ)ގެ ކޯޗުކަމުގައި ކުޅޭ ފިނޮޅުން ވަނީ އުނދަގުލެއް ނެތި އަމިއްލަ މޯލްޑިވްސް ކައިރިން މޮޅުވެފަ އެވެ. މި މެޗުގައި، ފިނޮޅުގެ ގޯލުތައް ޖެހީ، އިބްރާހިމް ކާމިލް ދެ ގޯލާއި ހުސެއިން ޝިޔާމް، އާދަމް އިމްޖާދު، އަލީ ޝަހީދު އަދި މުހައްމަދު ފަޔާޒް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، އަމިއްލަ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައި، ފިނޮޅަށް ކޮންފިޑެންސް ދީގެން އެޓޭކްކުރަން ފުރުސަތު ފަހިކޮށްދިން ފިނޮޅުގެ ގޯލްކީޕަރު، އަލީ ހަމްދާން އެވެ.
ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު އެވެ. ފުރަތަމަ ސެމީގައި، މިލައިދޫ މޯލްޑިވްސް އިން ކުޅޭނީ އަނަންތަރާއާ އެވެ. ދެ ވަނަ ސެމީގައި، ފިނޮޅުން ބައްދަލުކުރާނީ ފޯ ސީޒަން ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުއާ އެވެ.
ރިސޯޓް ލީގު: ބ އަތޮޅުގެ ސެމީގެ ފަހު ޖާގަތައް ފިނޮޅާއި އަނަންތަރާ އަށް ރިސޯޓް ލީގު: ބ އަތޮޅުގެ ސެމީގެ ފަހު ޖާގަތައް ފިނޮޅާއި އަނަންތަރާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ