ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ހުރިހާ ކެންޑިޑޭޓުން ވެސް ވަކި ސިޔާސީ ފިކުރެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ބަދަލުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ޔާމީން މިކަމަށް ގޮވާލެއްވީ، ކައުންސިލުތަކުގެ ބާރުތައް ހަނިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައި ފާސްކޮށްފައިވާ ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރޭ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތަސް އަދި އިދިކޮޅުގައި އޮތް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތަސް ވާނީ ވަކި ސިޔާސީ ފިކުރެއްގެ އަޅުވެތި ކަމަށް ކަމަށެވެ.
"ރަށުގެ ކަންތައްތައް ކޮށްދޭން ތިބި އިހުލާސްތެރި ރައްޔިތުން ކައުންސިލުތަކަށް ކުރިމަތިލާ ނަމަ މިނިވަނުން ގޮތުގައި ކުރިމަތިލާށޭ. މިނިވަނުން ގޮތަށް ކުރިމަތިލައިގެން ކޮންމެ ބޭފުޅަކު ވެސް ރަށަށް ގެނެވޭނީ ކޮން ތަރައްގީއެއްތޯ ވިސްނަވާށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ:
ޕީއެންސީގެ ކައުންސިލަރެއްގެ ގޮތުގައި އައިސްގެން ތިބޭނީ އަޅުވެތިވެފައި އަދި ރަށުގެ ތަރައްގީއަށް މަސައްކަތެއް ނުކުރެވޭނެ؛ އެކަން މިހާރުގެ ކައުންސިލުތަކުންނާއި މަޖިލީހުން އެބަ ފެނޭ
އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި އަތުވެއްޖެ ނަމަ ސަރުކާރުގެ ޖެއްސުމާ ހުރެ ރަށުގެ ތަރައްގީއަށް ކަމެއް ކުރިޔަނުދޭނެ
އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ލިބިގެން ވެސް ކަންކަން ދިޔަ ގޮތް ރައްޔިތުންނަށް އޮތީ ފެންނަން؛ މިފަހަރު ވެސް ކައުންސިލުތައް އެމްޑީޕީއަށް ލިބިއްޖެ ނަމަ ބޭނުންވާ ތަރައްގީއެއް ނާންނާނެ
"އެހެންވީމާ މީގައި ރަށަށް އެންމެ ކުރިއެރުން ލިބޭނެ ކަމަށް އަޅުގަނޑަށް ވިސްނެނީ، ހަމަ މިނިވަނުން ގޮތުގައި ކައުންސިލުތަކަށް ބޭފުޅުން ކުރިމަތިލައްވައިގެން ރަށުގެ ތާއީދާ އެކު، ރައްޔިތުންގެ ތާއީދާ އެކު މިނިވަން ކެންޑިޑޭޓުންތަކެއް މިފަހަރުގެ ކައުންސިލުތަކުގައި ތިބެން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، އޭރުން ގޮނޑި ގެއްލިދާނެ ކަމަށް ސިޔާސީ ގޮތުން ދައްކާ ބިރުތަކުން ވެސް ސަލާމަތްވާނެ އެވެ. ކައުންސިލު މެމްބަރުކަމުގެ ޒިންމާ މިނިވަންކޮށް ހުރެގެން މާ ފުރިހަމައަށް އަދާކުރެވޭނެ ކަމަށާއި އޭރުން ރަށަށް ބޭނުންވާ ކަންކަން ކުރާއިރު، ރައްޔިތުންގެ ފަރާތުން ސަރުކާރާ މަޝްވަރާކުރަން ކައުންސިލުގެ ސީދާ ބާރުވެރިކަން އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލުތަކަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާން ޔާމީން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ