ދައުލަތަށް އެކިގޮތްގޮތަށް ފައިސާ ދައްކަންޖެހުމަކީ ވިޔަފާރިތކަށް އޮތް ހުރަހެއް: ނިޝާން

އެކިގޮތްގޮތުން ދައުލަތަށް ފައިސާ ދައްކަންޖެހުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އޮތް ހުރަހެއްކަމަށް ޤާނޫނީ ވަކީލް އަލްއުސްތާޛު މަހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.
ވީޓީވީގެ އެނގިދާނެތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ ލިބޭ އެއްޗަކަށްވުރެ ބޮޑަށް ކޮންމެކަމެއްގައިވެސް ދައްކަންޖެހޭ ފައިސާ އިތުރުވާނަމަ އެކަންތައްކުރަން ހުންނަ މީހަކަށް ވާނީ ބޮޑު ތަކުލީފަކަށް ކަމަށެވެ.
ކަމެއްގައި އިންޓްރަސްޓް އަދި ޖޫރިމަނާ ބޮޑުވުން ނުވަތަ ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ މުއްދަތާހަމައަށް ނުދެއްކިހުރުމުގެ ސަަބަބުން ދައްކަން ޖެހޭ ފައިސާ އިތުރަށް ބޮޑުކުރުމަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އޮތް ހުރަހެއްކަމަށްވެސް ނިޝާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހެދިފައިވާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާފަރާތްތައް ކޮންމެކަމެއް ކުރުމުގެ ކުރިން މިހާރުވެސް އިކޮނިމިކް މިނިސްޓްރީއިން އަމަލުކުރަމުން ގޮތަށް ވަކި ހުއްދައެއް ނަގަންޖެހޭކަމަށެވެ. އަދި މީގެން ކޮންމެ ހުއްދައަކީވެސް ވަކި ވަރަކަށް ފައިސާ ދައްކައިގެން ވަކި ގޮތަކަށް ނަގަންޖެހޭ ހުއްދަތަކެއްކަމަށްވެސް ނިޝާން ވިދާޅުވިއެވެ. އެހެންނަމަވެސް އެގޮތަށް ފައިސާ ދެއްކުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭ ތަކުލީފެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ ހުއްދަ ނެގުމަށްޓަކައި ދައްކަންޖެހޭ ފައިސާ މަދުކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކޮޅަށްޖެހޭނެ މަގު ކޮށައިދިނުމަކީ ޤާނޫނީ ގޮތުން މިފަދަ ކަންތައް ރަނގަޅުކުރެވެން އޮތް އެންމެ ރަނގަޅު ހައްލު ކަމުގައި ދެކޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ