2018 ގައި މުދަލު ޒަކާތުގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބިފަވޭ، މިއީ ރެކޯޑެއް

2018 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 65 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފިއެވެ.މޯލްޑިވްސް އިންލަންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 65،345،528 ރުފިޔާވަނީ އެއިދާރާއަށް ދައްކާފައެވެ. 2016 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މީރާއިން މުދަލު ޒަކާތުގެ ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖެއްސި ފަހުން 2018 ވަނަ އަހަރަކީ އެންމެ ގިނަ އަދަދަކަށް އެއިދާރާއަށް ޒަކާތް ދެއްކި އަހަރެވެ.އެގޮތުން ޒަކާތުގެ ގޮތުގައި 2016 ވަނަ އަހަރުގެ ޖޫން 1 ން އެއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 35،899،479 ރުފިޔާއެވެ. ޖެހިގެންއައި 2017 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 63،336،833 ރުފިޔާ ލިބިފައިވެއެވެ.މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 4301.85 ރުފިޔާއެވެ.މުދަލުގެ ޒަކާތް ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ