އިބޫގެ ސަރުކާރެއްގައި އެންމެންގެ މައްޗަށް ގާނޫނު ހިންގާނީ ހަމަހަމަކަމާއެކު: މައުމޫނު

އިންތިހާބީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރެއްގައި އެންމެންގެ މައްޗަށް ވެސް ގާނޫނޫ ހިންގާނީ ހަމަހަމަކަމާއެކުކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އަދި މިހާރު ޕާޓީ ހިންގުމާއި ހަވާލުވެ ހުންނެވި ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވާފައިވާއިރު އެބައްދަލުކުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް މައުމޫނު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަކީ ޝަރުއީ ހަމަތަކުގެ މަތިން ނޫން ގޮތަކަށް އެއްވެސް ފަރާތަކާއި މެދު ފިޔަވަޅު އެޅިގެން ނުވާނެ ފަސް އަހަރުކަމަށް އުއްމީދުކުރައްވާކަމަށެވެ.
"އަޅުގަނޑު އެދެނީ ރާއްޖެއަށް ހަމަހަމަކަމާއި އިންސާފު. އެންމެނަށް ވެސް އެއްގޮތެއް. ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ. ވަކި ވިސްނުމެއްގެ މީހަކަށްވީތީ ވަކި ތަފާތުކުރުމެއް ނޯންނާނެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުމެއް ނޯންނާނެ. އެއްވެސް މީހަކު ގޭގަ ހުއްޓާ ގެންގޮސް ޖަލަށް ލުމެއް ނޯންނާނެ. އެންމެނަށް ވެސް އިރާދަކުރެއްވިއްޔާ ހިނގާނީ އެއް އުސޫލެއް. ގާނޫނީ ހަމަތަކުގެ މަތިން ޝަރުއީ ހަމަތަކުގެ މަތިން މީހަކާއި ދޭތެރޭ އަމަލުކުރެވޭނީ." ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ ކޯލިޝަން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ކޯލިޝަން ގުޅިގެން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަނީ ވަކި ޕާޓީއަކަށް ނިސްބަތްވާ ސަރުކާރެއް ނޫންކަމަށާއި އެއީ ކޯލިޝަން ސަރުކާރެއްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އެގޮތުން ހުރިހާ ކަމެއް ވެސް ކޯލިޝަންގެ ތެރެއިން މަޝްވަރާކުރެވި އެންމެން އެއްބަސްވެވޭ ގޮތަކަށް ކަންކަން ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ