ބަދަލުގެ ގޮތުގައި 50 މިލިޔަން ޑޮލަރު ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާ ކުރާނަން: ޖާބިރު
ޕާސްޕޯޓް ކެންސަލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު އަބްދުﷲ ޖަބިރު ނިންމަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ޖާބިރުގެ ޕާސްޕޯޓު މިދިޔަ އަހަރު އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ. އެކަމާ ގުޅިގެން ޖަބިރު މިރޭ "ސަން" އަށް ވިދާޅުވީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް 50 މިލިއަން ޑޮލަރު ހޯދުމަށް ދައުވާ ކުރާނެ ކަމަށެވެ. "ފެށުނީއްސުރެ އަޅުގަނޑަކީ ވިޔަފާރިވެރިއެއް. ހުރިހާ ވިޔަފާރި ހުއްޓުނީ އެކަމުގެ ސަބަބުން. އަޅުގަނޑަށް ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ގެއްލުނު. އިނގިރޭސީ ވިލާތުގައި ދަތުރު ނުކުރެވި ހުންނަން ޖެހުނު،" ޔޮޓް ޓުއާސްގެ ޗެއާމަން ޖަބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ގާނޫނީ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ސިވިލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން މިދިޔަ އަހަރު ކެންސަލްކުރީ ފުލުހުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ. ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ އިޓަލީގައި ހުންނެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވިފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ