ޑިމޮކްރެސީއެއްގައި ބިރަކާނުލައި ކޮންމެ މީހަކަށް ވެސް ހިޔާލު ފާޅުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކަނޑައެޅި 12 މެމްބަރުންނަށް، އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް އިދިކޮޅު ކޯލިޝަނުގެ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް މައުމޫން އިއްޔެ ވިދާޅުވެފައިވަނީ އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެ ފާޑުކިޔުންތަކާއި ގުޅިގެން މައުމޫން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓާއި އެއްކޮޅަށް އަދި ދެކޮޅަށް ހިޔާލު ފާޅުކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި، ޑިމޮކްރެސީއެއްގައި ކޮންމެ މީހަކަށްވެސް ބިރަކާނުލައި ހިޔާލުފާޅު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޕްރައިމަރީ އަކާއި ނުލައި 12 މެމްބަރުންނަށް ޓިކެޓު ދޭން އުޅޭތީ، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ ސަޕޯޓަރުން އަންނަނީ މީސް މީޑިޔާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މިއީ ޑިމޮކްރެސީގެ އުސޫލާއި ހިލާފު ކަމެއް ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެ ފާޑުކިޔުންތަކާއި އެކު ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭން ފެންނަނީ ޕްރައިމަރީ އަކަށްފަހު ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު ( ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.
ޑިމޮކްރެސީއެއްގައި ބިރަކާނުލައި ހިޔާލު ފާޅުކުރެވޭނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ