ރާއްޖޭގައި ތިން ވަނަ ޕާޓީއެއް އޮންނަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބުރާހީމް ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ރާއްޖޭގައި ތިން ވަނަ ޕާޓީއެއް އޮންނަން ޖެހޭނެ ކަމަށާއި ޖުމްހޫރީ ޕާޓީ ކުރިން އޮތް ގޮތަށް ނިދާފައި ދެން ނޯންނާނެ ކަމަށެވެ.
"ރާއްޖޭގައި ތިން ވަނަ ޕާޓީއެއް އޮންނަން ޖެހޭ، ޖުމްހޫރީ ޕާޓީން އެކަން ކުރާނަން، މިޕާޓީ ނިދާފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވިޔަސް އެ ޕާޓީ ނިދާފައި އޮންނަން ނުޖެހޭނެ ކަމަށާއި އެ ޕާޓީ ރަނގަޅަށް ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބު ކުރަން ޖޭޕީން މަސައްކަތް ކުރާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ އިތުރު ބޭފުޅުން ވެސް އެޕާޓީ އަށް ހަމަ ވަޑައިގަންނަވަންވީ ކަމަށާއި މަރުހަބާ ކިޔާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ތިޔަ ބޭފުޅުން ހަމަ އަވަހަށް ވަޑައިގަންނަވާށޭ، އަޅުގަނޑުމެން މިތިބީ ވެލްކަމް ކުރާށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު މިރޭ ޖުމްހޫރީ ޕާޓީ( ޖޭޕީ) ސޮއިކުރެއްވި އެވެ.
މިރޭ ޖޭޕީ އަށް ސޮއިކުރެއްވީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.
މަޖިލީހުގެ ތިން މެމްބަރުންގެ އިތުރުން އެމްޓީސީސީގެ ކުރީގެ ސީއީއޯ ޑރ. އަހުމަދު މުހައްމަދާއި ޓީވީއެމްގެ ކުރީގެ ސީއީއޯ އަލީ ޚާލިދާއި ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވެސް ޖޭޕީ އަށް މިރޭ ސޮއިކުރެއްވި އެވެ.
އޭގެ ތެރެއިން ޑރ. އަދުހަމު ކުރިން ހުންނެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގަ އެވެ. އަދި އަލީ ސޯލިހު ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގަ އެވެ.
ތިން ވަނަ ޕާޓީއެއް އޮންނަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ