ކިއުބާގައި ހުންނަ އެމެރިކާގެ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައުލޫމާތު ސަރުކާރުގެ ތެރެއިން ލީކުވި ގޮތް ބަލައި ދިނުމަށް އެދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވެސް ފުލުހުންނަށް މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެންނަ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމުގައި އިސް ދައުރެއް އަދާކުރެއްވި އަލީ ވަހީދު މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ އެ ލިޔުންތައް ލީކްކުރި މައްސަލަ ބަލައި އެ މީހަކު އިންސާފުގެ ކުރިމައްޗަށް ކޮންމެހެން ވެސް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ.
ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން ބަދަލުކޮށްފައިވާ ލިޔުންތައް ލީކުވި މައްސަލަ ބެލުމަށް ފުލުސް އޮފީހަށް އަލީ ވަހީދު ހުށަހެޅުއްވިއިރު ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވެސް ވަނީ އެ މިނިސްޓްރީން ބަންޑާރަ ނާއިބު އޮފީހަށް ފޮނުވި ޑޮކިއުމަންޓެއް "ވަގަށް" ނަގާފައިވާ ކަމަށް ވިދާޅުވެ އެކަން ބަލައިދިނުމަށް އެދިވަޑައިގެން ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
ޑރ. ޝަހީދު އެ ވިދާޅުވާ ޑޮކިއުމެންޓަކީ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން ބަންޑާރަ ނާއިބުގެ ލަފައަކަށް އެދިވަޑައިގެން މިދިޔަ މާޗް 28 ގައި ފޮރިން މިނިސްޓްރީން ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވި ސިޓީ އެވެ. އަދި އެ ސިޓީއާ އެކު ލަންކާގައި ހުންނަ އެމެރިކާގެ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓެއް ވެސް ވަނީ އެޓޭޗް ކޮށްފަ އެވެ. މި ސިޓީ ވަނީ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެންނަ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އަލީ ވަހީދު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހެޅުއްވި މައްސަލައިގައި ވެސް ހެއްކެއްގެ ގޮތުގައި ހިމަނުއްވައިފަ އެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާ "ވައްކަމެއް" ކުރައްވާފައި ނުވާނެ ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ ކަމެއް ހިނގާ ކަމުގެ ލިޔެކިޔުންތަކެއް އޭނާއަށް ލިބިވަޑައިގަތުމުން އެކަން ދިރާސާ ކުރެއްވުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހެޅުއްވީ ކަމަށެވެ.
"އެއީ ވައްކަން ކުރުން ކަމެއް ކަމަށް އަޅުގަނޑު ނުބަލަން،" އަލީ ވަހީދު ވިދާޅުވި އެވެ. "އަޅުގަނޑު ހިތުން އަޅުގަނޑުގެ އަތުގައި ހުއްޓައެއް ނޫން މި އުޅެނީ ލީކްވެގެން. ފޮރިން މިނިސްޓްރީގައި ނުވަތަ އެޓާނީ ޖެނެރަލް އޮފީހުގައި ނުވަތަ ރައީސް އޮފީހުގައި ލިޔެކިޔުން ވަނީ. އެހެންވީމަ ފުލުހުން ވެސް އެންމެ ފުރަތަމަ އިނގިލި ދިއްކޮށްފައި ދާން ޖެހޭނީ އެ ދިމާލަށް. އަޅުގަނޑަކީ އާންމުންގެ ތެރެއިން އެންމެ ފުރަތަމަ މި މައްސަލަ ]ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް[ ހުށަހެޅި ފަރާތް. މިއަދާ ހަމައަށް ފުލުސް އޮފީހަކުން ވެސް އަޅުގަނޑާ ހަމައަކަށް ހޯދާކަށެއް ނާދޭ. އަޅުގަނޑު މިކަމުގައި އެއްބާރުލުން ދޭނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހިސާބަށް ލީކްވާން މި ޖެހުނީ ރައީސް ނަޝީދާ ހެދި. އަޅުގަނޑަށް ތުހުމަތު ކުރެވޭ ގޮތުގައި ރައީސް ނަޝީދުގެ ދޯހަޅި ސިޔާސަތުގެ ދަށުން އިދިކޮޅު ޕާޓީގައި އެންމެ އަޑުގަދަކޮށް އުޅޭ މީހެއްގެ އަތަށް އަންނާނީ. މި ކަމުގައި އަޅުގަނޑަށް ތުހުމަތު ކުރެވެނީ ރައީސް ނަޝީދުގެ ދޯހަޅި ސިޔާސަތުގެ ދަށުން ވެފައި އޮތް ކަމެއް ކަމަށް. އެއީ އަޅުގަނޑަށް ސިފަކުރެވޭ ގޮތް."
އަލީ ވަހީދު ވިދާޅުވީ ގުއަންޓަނާމޯ ޖަލުން މީހުން ގެންނަ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ދިރާސާކުރަމުން އަންނަ އިރު އެއާ ގުޅޭ އެހެން ލިޔުންތައް ވެސް ރަނގަޅަށް ބެލެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.
"އަދި މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން، މިކަމާ ގުޅުން ހުރި އެންމެހާ ދައުލަތުގެ މައުލޫމާތުތަކެއް ރައްކާތެރިކަމާ އެކު، ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ކުރެވެން ހުރި އެންމެހައި ކަމެއް ކޮށްދެއްވުން އެދި މިކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތިޔަ ފަރާތުން ވީ އެންމެ އަވަހަކަށް ބައްލަވައި ދެއްވުން އެދި ހުށަހެޅީމެވެ،" ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހަށް އަލީ ވަހީދު ފޮނުއްވި ސިޓީގައިވެ އެވެ.
އެ ސިޓީގައި ވަނީ ފޮރިން މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކަށް ބަދަލެއް ގެނެސްފައިވާ ނަމަ، އެ ފަރާތެއް ހޯދައި ފިޔަވަޅު އަޅައި ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ފޮރިން މިނިސްޓަރު ޑރ. ޝަހީދު މިއަދު ވިދާޅުވީ ފޮރިން މިނިސްޓްރީގެ ފައިލްގައިވާ ލިޔުމާއި ކޮމެޓީގައި މިހާރު ގެންގުޅޭ ލިޔުމާ ތަފާތުތަކެއް އެބަހުރި ކަމަށެވެ. ނުވަތަ ފޮރިން މިނިސްޓަރު ވިދާޅުވާ ގޮތުން އެ ލިޔުމާ ބަޔަކު ވަނީ "ކުޅެފަ" އެވެ. އެކަމަކު އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ. އަދި އެ ލިޔުމާ އެކު އެމެރިކާ ސަރުކާރުން ފޮނުވާފައިވާ ޑިޕްލޮމެޓިކް ލިޔުމަކީ ވެސް ބާތިލު އެއްޗެއް ކަމަށް ފޮރިން މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވީ ގާނޫނީ އުޒުރުތަކެއް ދައްކަވައި ސަރުކާރުގެ ބައެއް އިސް ވެރިން ކޮމެޓީ އަށް ވަޑައިނުގަންނަވަނީ މި މައްސަލަ ލަސްކުރުމުގެ ގޮތުން ކަމަށެވެ. އަދި އެއްބާރުލުން ދެއްވާނެ ކަމަށް އެމްޑީޕީގެ މެމްބަރުން ކޮމެޓީގައި ވިދާޅުވުމަށް ފަހު ސަރުކާރުގެ ވެރިން ކޮމެޓީ އަށް އެއްބާރުލުން ނުދެއްވައި ތިއްބެވީ އެ ބޭފުޅުންނަށް ހެއްދެވިފައިވާ ގޯސްތައް ރަނގަޅު ކުރެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އަބަދުވެސް މި ފެންނަނީ ކަމެއް ގޯސްވެ އެ ބޭފުޅާ އަށް އެކަމުން ސަލާމަތްނުވާ ހިސާބަށް ދިޔައީމަ ނޫނީ މަޝްވަރާގެ އަތެއް ދިއްކޮށް ނުލާ. އަޅުގަނޑުމެން މިއަދު ވެސް މަޝްވަރާ އަދި މި ކަމުގައި އެއްބާރުލުން ދެވޭ މިންވަރަކަށް ޖާގަ ދޭން އަޅުގަނޑުމެން ވިސްނިން. އެހެން ނަމަވެސް މިހާތަނަށް އަޅުގަނޑުމެން ހޯދި ހޯދުންތަކާއި ދިރާސާކުރި ދިރާސާކުރުންތަކުގައި އަޅުގަނޑުމެންނަށް މިހާރު ސިފަކުރެވޭ ފައިލްތަކަށް ބަލާއިރު ކުށްވެރިވެފައި ތިބި ބަޔަކު ރާއްޖޭގައި ހައްޔަރު ކުރާކަށެއް ނުގެނެވޭނެ. އަޅުގަނޑުމެންނަށް ސިފަކުރެވޭ ގޮތުގައި މުޅި ރާއްޖެ ޖަލަކަށް ހަދައިގެން ހައްޔަރުކުރަން ގެންނަ ބައެއް މިއީ. ކުށެއް ނެތް ބައެއް ވެއްޖިއްޔާ މިހާރުން މިހާރަށް ދޫކޮށްލަންވީ. އެކަމަށް މަރުހަބާ ވެސް ކިޔަން. ސަޕޯޓް ވެސް ކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.
ލިޔެކިޔުންތައް ލީކްވި ގޮތް ބަލައި ދިނުމަށް އެދިވަޑައިގެން އަލީ ވަހީދު ވެސް ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ