ސީއެސްސީގެ މެމްބަރު ކަމަށް 21 ބޭފުޅަކު، އެޗްއާރުސީއެމްގެ މެމްބަރު ކަމަށް 57 ބޭފުޅަކު ކުރިމަތިލައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް 21 ބޭފުޅަކު އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް 57 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ދެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މި މަހުގެ ތިން ވަނަ ދުވަހު ހުޅުވާލި ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ސީއެސްސީގެ ފަސް ގޮނޑިއަށް ކުރިމަތިލެއްވި 21 ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ 19 ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ. މީގެ ތެރޭގައި ސީއެސްސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ފަސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް "ހަވީރަ" ށް އެނގިފައި ވެ އެވެ. އެޗްއާރުސީއެމްގެ ފަސް ގޮނޑިއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 39 ފިރިހެން ބޭފުޅުންނާއި 18 އަންހެން ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 57 ބޭފުޅުންގެ ތެރޭގައި ވެސް މިހާރު އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އެނގިފައި ވެ އެވެ.
ރައީސް އޮފީހުން ބުނީ ސީއެސްސީ އާއި އެޗްއާރުސީއެމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ޝަރުތު ހަމަވޭތޯ ބަލައި އަދި އެ ބޭފުޅުންގެ މައުލޫމާތުތައް ދިރާސާ ކުރުމަށް ފަހު ދެ ކޮމިޝަނަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ގާނޫނު އަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި 297 ވަނަ މާއްދާގެ (ހ) އާއި ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުންނެވެ. އަދި އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގާނޫނު އަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި 297 މާއްދާގެ (ހ) އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން ކަމަށެވެ.
ރައީސް އޮފީހުން އަދި ބުނެފައި ވަނީ އެޗްއާރުސީއެމާއި ސީއެސްސީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް މެމްބަރުން އައްޔަންކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާ ހޯދައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ