އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަންކަމަށް ނާއިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރޭ އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އިތުބާރު އެ މަނިކުފާނުގެ މައްޗަށް ފުރިހަމައަށް އެބައޮތް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ރޭ ދަންވަރު ކުއްލި ގޮތަކަށް ނާއިބު ރައީސާ އެކު އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ނައިބު ރައީސް ހުންނެވީ ގާނޫނު އަސާސީގައި ބުނާ ޒިންމާ އުފުއްލަވަން ތައްޔާރަށް ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ނައިބު ރައީސް އަރިހު ދެންނެވި އެއް ވާހަކަ އަކީ ރައީސްގެ މަގާމު ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ހުސްވެއްޖެ ނަމަ، "ރައްޔިތުންގެ ވެރިކަމެއް" ކުރެއްވިދާނެތޯ އެވެ. "ރައްޔިތުންގެ ވެރިކަމެކޭ" އިދިކޮޅު ފަރާތްތަކުން ދެންނެވީ، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި، ހުރިހާ ޕާޓީތަކެއް، (އޭގެ ތެރޭގައި އެމްޑީޕީ ވެސް ހިމެނޭ ގޮތަށް) ސަރުކާރު ހިންގެވުން ކަމަށެވެ.
"[ނައިބު ރައީސް] ވިދާޅުވި އެ ޒިންމާ ގާނޫނީ ހަމަތަކުގެ މަތިން އަދާކުރާނަމޭ،" އަމީން ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެފަދަ ހާލަތެއްގައި ރާއްޖޭގެ އަމަންއަމާންކަން ގާއިމްކޮށް، ހުރިހާ ހަމަނުޖެހުމެއް ނައްތާލައި 2013 ނިމެންދެން އިސްތިއުފާ ނުދެއްވާ ހުންނަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށެވެ.
"ތިން ވަނަ އަށް އަޅުގަނޑުމެން ޔަގީންކުރީ ކިތަންމެ ޕްރެޝަރެއް އައި ކަމުގައި ވިޔަސް އިސްތިއުފާ ނުދީ ހުރެވިދާނެތޯ؟ ވިދާޅުވީ އިސްތިއުފާ ނުދީ ހުރެވިދާނެއޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2013 ނިމެންދެން މިހާރު އޮތް ހަމައެކަނި އޮޕްޝަނަކީ ނާއިބު ރައީސް ކަމަށެވެ.
" އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު މިހާރު އެބަ އޮތް އޭނާ އަށް. އޮޕޮޒިޝަން އިއްތިފާގުން ރޭގައި ނިންމީ މުހަންމަދު ވަހީދު ހަސަން މަނިކަށް ތާއީދުކުރަން،" އުމަރު ވިދާޅުވި އެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފް ރޭ ވިދާޅުވީ 23 ޑިސެމްބަރު އިއްތިހާދުގެ ވިސްނުން ހުރި ގޮތް ނައިބް ރައީސް އަށް ދަންނަވާފައިވާ ކަމަށެވެ. ރައީސް ނަޝީދަކީ ރައްޔިތުންނަށް ހުރި ބިރެއް ކަމަށާއި ރާއްޖެ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނައިބް ރައީސް އަރިހުގައި މިއެދުނީ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާށޭ. އެއާއެކު ދިވެހި ސިފައިންނާއި ފުލުހުން މިހާރުން މިހާރަށް އެމަނިކުފާނުގެ އޯޑަރަށް ތަބާވާށޭ. އެއީ ރައީސް ނަޝީދަކީ މިއަދު ރައީސުލް ޖުމްހޫރިއްޔާއެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ރޭ ވިދާޅުވީ ދަންވަރުގެ ވަގުތެއްގައި ނައިބް ރައީސްއާ ބައްދަލުކުރަން ޖެހުނީ ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ޖުޑިޝަރީ ފުނޑުފުނޑުކޮށްލައި، ރައްޔިތުންނަށް އިހާނާތްތެރިވެ 2013 ގައި އިންތިހާބު ވެސް ނުބާއްވާނެ ކަމަށް ކަށަވަރުވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ކަމަށެވެ.
މަދަނީ ޖަމިއްޔާތަކާއި ސިޔާސީ އަށް ޕާޓީއަކުން ގުޅިގެން އުފައްދާފައިވާ 23 ޑިސެމްބަރު އިއްތިހާދުން ނައިބް ރައީސް ދިރިއުޅުއްވާ މ. ހިލާލީ ގޭގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ފަހު އުމަރު ވިދާޅުވީ ރައީސް ނަޝީދަކީ ގައުމުގެ ވެރިމީހާ ކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް މިހާރު ނެތް ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ވެސް ނައިބު ރައީސް އަށް ބައިއަތުހިފުމަށް އިއްތިހާދުގެ ފަރާތުން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
"އަޅުގަނޑުމެން އެންމެން ވެގެން [ޑިސެމްބަރު އިއްތިހާދުން] މިތިބީ މުހައްމަދު ވަހީދު ހަސަން މަނިކާ ގުޅިގެން ބައިއަތު ހިފަން. އެހެންވީމާ މި އިއްތިހާދުގެ ފަރާތުން ގޮވާލަނީ ސަލާމަތީ ހުރިހާ ބާރުތަކަށް މިހާރުން މިހާރަށް މުހައްމަދު ވަހީދު ހަސަން މަނިކަށް ބައިއަތު ހިފުމަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނައިބު ރައީސަކީ ރައްޔިތުންގެ ތާއީދާ އެކު ސީދާ ވޯޓަކުން އިންތިހާބު ކުރެވިފައިވާ ބޭފުޅެއް ކަމަށެވެ. ރައީސް ނަޝީދު ގާނޫނު އަސާސީއާ ހިލާފުވެވަޑައިގެންނެވި ނަމަވެސް ނައިބް ރައީސް މިހާތަނަށް ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރޭގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަންކަމާ މެދު ނައިބު ރައީސް ދެކެވަޑައިގަންނަވާ ގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ވީޑިއޯ: އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ނިއުސް ކޮންފަރެންސް
ހުށަހެޅި ހުރިހާ ކަމަކަށް ނާއިބު ރައީސް އެއްބަސް: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ