އަބްދުﷲ ގާޒީ ވީތަނެއް ނޭނގިގެން އާއިލާ އިން ހޯދަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި ފަހުން، އޭނާ ވީ ތަނެއް ނޭނގިގެން އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮރަޕްޝަންގެ ތުހުމަތުކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން، އޭނާވީ ތަނެއް ހޯދުމަށް އާއިލާ އިން ވަނީ ރޭ ފުލުސް އޮފީހަށާއި އެމްއެންޑީއެފަށް ވެސް ގޮސްފަ އެވެ.
"އެކަމަކު އެ ދެ ތަނުން ވެސް އަޅުގަނޑުމެންނާ މުއާމަލާތުކުރީ ވަރަށް ހަރުކަށިކޮށް. ބުނީ ރަސްމީ ގަޑީގައި އަންނާށޭ އަބްދުﷲ ވީ ތަނެއް ބަލަން. އަޅުގަނޑުމެން އެ މުއައްސަސާތަކާއެކު ރޭގައި ވާހަކަ ދެއްކީ ވަރަށް ސުލްހަވެރިކަމާ އެކު. އަބްދުﷲ ހައްޔަރުކުރި ފަހުން 24 ގަޑިއިރުވީމަ، ފުރަތަމަ ރޭގައި މިދިޔައީ ވެސް ފުލުހުންނާއި ސިފައިން ކައިރިއަށް އޭނާ ވީ ތަނެއް ބަލަން. އޭގެ ކުރިން އަޅުގަނޑުމެން މިތިބީ ހިމޭނުން،" އަބްދުﷲ ގާޒީގެ އާއިލާގެ މެމްބަރަކު ނަން ހާމަނުކުރަން އެދި ބުންޏެވެ. "އަޅުގަނޑުމެންގެ އާދޭހަކީ އަބްދުﷲ ވީ ތަނެއް ބުނެދޭށޭ. ގުޅޭނެ ގޮތެއް ހަމަޖައްސައިދޭށޭ. ދުނިޔޭގައި ހުރިކަމުގެ ޔަގީންކަން ދޭށޭ."
އަބްދުﷲ ގާޒީ ވީ ތަނެއް އާއިލާ އަށް ނޭނގޭ ކަމަށް ބުނާއިރު ފުލުހުން އިއްޔެ ހައި ކޯޓުގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރުމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އަދި އެމްއެންޑީއެފުން އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު އޭނާގެ ގޭ ކައިރީގައި ފުލުހުން ހަރަކާތްތެރިވީ މަސްލަހަތު ހިފެހެއްޓުމަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހައި ކޯޓުގައި ފުލުހުން ވަނީ ބުނެފަ އެވެ.
އަބްދުﷲ ގާޒީގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ، ސިފައިންނާއެކު ފުލުހުން ވެސް އަބްދުﷲގެ ގެއަށް ވަތް ކަމަށެވެ.
"ތި ބޭފުޅުންނަށް ތި ފެންނަ ވީޑިއޯ އިން އެ ފެންނަނީ ފުލުހުން ގޭގެ ބޭރުގައި އުޅޭ ތަން އެކަނި ނޫންތޯ؟ ޔުނިފޯމްގައި ޕޮލިސް ޖަހާފައި ތިބި ބަޔަކު މިގޭ ތެރެއަށް ވަދެގަތް. އަދި އާދައިގެ ހެދުމުގައި ކޮން ބައެއްކަން ނޭނގޭ ބަޔަކު ވެސް މި ގެ އަށް ވަތް. އެހެންވީމަ ފުލުހުން އެބަޖެހޭ މި މައްސަލާގައި ޖަވާބުދާރީވާން. އެކަމުން ސަލާމަތްވާނެ ގޮތެއް ފުލުހުންނަކަށް ނެތް،" އޭނާ ބުންޏެވެ.
އާއިލާއިން ބުނީ އަބްދުﷲ ގާޒީ ގެންދިޔަ ފަހުން، ނުފެންނާތީ އާއިލާގެ އެންމެންނަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އާއިލާ އިން ގަބޫލުކުރާ ގޮތުގައި އެމްއެންޑީއެފުން ވަނީ "އަބްދުﷲ ޖަހައިގެންފައި" ނުވަތަ "ކިޑްނެޕް"ކޮށްފަ އެވެ.
"ބަޔަކު އައިސް އަރައިގަނެ ފަނޑިޔާރަކު ގެންދިޔަ ފަހުން ވީނުވީއެއް ނޭނގުމަކީ ދެން ކިޑްނެޕްކުރުން ނޫން ކޯޗެއްތޯ؟ އަބްދުﷲގެ އަންހެނުންނަކަށް ނޭނގޭ ވީ ތަނެއް. ގެންދިޔަފަހުން 48 ގަޑިއިރު މިވަނީ އަބްދުﷲގެ އެއްވެސް ހަބަރެއް އަންހެނުންނަށް ވީކީ ނޫން. ދެން ވިސްނާލާ އާއިލާ އަށް ކުރާނެ އަސަރު،" އާއިލާއިން ބުންޏެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާ ގުޅޭ ގޮތުން އާއިލާ އިން ބުނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ހުދޫދުގެ ތެރޭގައި އެ ކަންކަން ސާބިތުކުރުމަކީ އޮތް ކަމެއް ކަމަށެވެ. އަދި އެ ކަމަށް އާއިލާ އިން ހުރަސްއެޅުމަށް އެއްކަމެއް ވެސް ނުކުރާނެ ކަމަށް އާއިލާގެ ފަރާތުން ބުންޏެވެ.
"ކުށެއްގެ ތުހުމަތުކުރަންޏާ އެކަމެއް ސާބިތުކުރުމުގެ ފުރުސަތު އެންމެ ބޮޑެތި ޖިނާއީ ކުށްވެރިންނަށް ވެސް ލިބޭ. އެ ހައްގު އަބްދުﷲ އަށް ވެސް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މެމްބަރު ބުންޏެވެ. "އަޅުގަނޑުމެންގެ އާއިލާ އަށް ކިހާ ބޮޑެތި ދުއްތުރާތައް ޖައްސާތޯ؟ އެކަމަކު އެއްވެސް ކަމެއްގައި މިހާތަނަށް އަޅުގަނޑުމެން އެއްޗެއް ނުބުނަން. އަބްދުﷲ ހައްޔަރުކުރުމުން ވެސް އަޅުގަނޑުމެންގެ އާއިލާގެ އެކަކު ވެސް ނުދާނެ މުޒާހަރާކުރާކަށް. ހޯމް މިނިސްޓަރުގެ ގޭ ދޮށަށް ހަޅޭއްލަވާކަށް ނުދާނަން. އަޅުގަނޑުމެން ޗާޓުން ވެސް ބޭރެއް ނުވާނަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ