ރީތިރަށް ރިސޯޓަށް ފުލުހުން އެރުން: އެއީ ހޯމް މިނިސްޓަރު ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ކަމެއް: ހިއުމަން ރައިޓްސް އެމްބެސަޑަރު

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ މުވައްޒަފުންތަކެއް ކުރި ހަޅުތާލަކާ ގުޅިގެން ހޯމް މިނިސްޓަރު ގާސިމް އިބްރާހިމް އެ ރަށަށް ފުލުހުން ފޮނުއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ދައުލަތުގެ ހިއުމަން ރައިޓްސް އެމްބެސަޑަރު މުހައްމަދު ލަތީފު (ގޯގޯ ލަތީފް) ވިދާޅުވެއްޖެ އެވެ.
ރީތިރަށް ރިސޯޓުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އެ ހަމަނުޖެހުމާ ބެހޭ މައުލޫމާތު އޮޅުންފިލުވައިދިނުމަށް ވަޑައިގެން އިންނެވި ގޯގޯ ލަތީފް ވިދާޅުވީ، އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި އެ ރަށަށް ފުލުހުން ފޮނުވީ ސީދާ ހޯމް މިނިސްޓަރު ގާސިމުގެ އަމުރުގެ ދަށުން ކަމަށެވެ.
ހިއުމަން ރައިޓްސް އެމްބެސަޑަރު އިތުރަށް ވިދާޅުވީ، އިއްޔެ ފުލުހުން ހަރަކާތްތެރިވީ ރިސޯޓު އޯނަރުންގެ އެޖެންޓުން ގޮތުގައި ކަމަށެވެ. އަދި އެކަން ރަނގަޅަށް ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޯގޯ ލަތީފު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުން ވެސް ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް ހޯމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މަޖުތަބާ ވިދާޅުވީ، އެ ރަށަށް ފުލުހުން ފޮނުވުމާ މެދު ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވެސް ރުހިވަޑައިނުގަންނަވާ ކަމަށާއި އެކަން ނުކުރުމަށް ކޮމިޝަނަރު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެރަށަށް ފުލުހުން ފޮނުވީ ހޯމް މިނިސްޓަރު "އިންސިސްޓް ކުރުމުން" ކަމަށް ޕޮލިސް ކޮމިޝަނަރު ފަސީހު އޭނާ ކައިރީގައި ވިދާޅުވި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ. އަދި އެއީ އޭނާއަށް އެނގިވަޑައިގެން ހިނގި ކަމެއް ނޫން ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ އަނެއް ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީގު (ސައްޕެ) ވެސް ވިދާޅުވީ އެއީ އޭނާއަށް ވެސް އެނގިވަޑައިގެން ވީކަމެއް ނޫން ކަމަށެވެ.
ހިއުމަން ރިސޯސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާމިދު އަބްދުލްގަފުރު ވިދާޅުވީ، އެންމެ ފުރަތަމައިނުން ފެށިގެން ވެސް އެ މައްސަލަ ހައްލުކުރެވޭތޯ އެ ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށެވެ. އަދި ފުލުހުން އެ ރަށަށް އެރިފަހުން ހޯމް މިނިސްޓަރު ގާސިމާއި ހިއުމަން ރިސޯސް މިނިސްޓަރު ހަސަން ލަތީފާއި ޕޮލިސް ކޮމިޝަނަރު ފަސީހާ އެއްކޮށް ބައްދަލުވުމެއް ބޭއްވި ކަމަށް ހާމިދު ވިދާޅުވި އެވެ. އަދި ފުލުހުން އެ ރަށުން ބޭލުމަށް ނިންމީ އެ ބައްދަލުވުމުގައި ކަމަށާއި އެކަމަކު އެވަގުތު ވެސް ގާސިމް ހުންނެވީ ފުލުހުން އެރަށުން ބޭލުމާ ދެކޮޅަށް ކަމަށް ހާމިދު ވިދާޅުވި އެވެ.
ރީތިރަށުގައި ހަމަނުޖެހުން ހިނގުމަށް މެދުވެރިވީ ރިސޯޓުގެ ދުއިސްތައެއްހާ މުވައްޒަފުން ހަޅުތާލު ކުރުމާ ގުޅިގެން މެނޭޖްމަންޓުގެ ފަރާތުން 13 މީހަކު ވަޒީފާއިން ވަކިކޮށް އެމީހުން ބޭލުމަށް އެ ރަށަށް ފުލުހުން އެރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ