ރައްޔިތުންގެ މަޖިލިސް: ހަޅުތާލަށް ދިއުމުގެ ކުރިން އެހެން ގޮތްގޮތުން މައްސަލަތައް ހައްލުކުރުމަށް މެންބަރުން ގޮވާލައްވައިފި

މިހާރަކަށް އައިސް ތަފާތު ކަންކަމާ ގުޅިގެން އެކި ދާއިރާތަކުގެ މީހުންނާއި އާންމު ރައްޔިތުން ހަޅުތާލުކުރުން އާންމުވެފައިވާ އިރު، ހަޅުތާލަކަށް ދިއުމުގެ ކުރިން އެހެން ގޮތްގޮތުން އެ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި އެވެ.
މެންބަރުން މި ކަމަށް ގޮވައިލެއްވީ، ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ހަޅުތާލުކޮށް އެކަމުގެ ސަބަބުން، ރިސޯޓްތައް ހިންގާ ފަރާތްތަކަށާއި މުވައްޒަފުންނަށް ވެސް ގެއްލުން ލިބި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މަސައްކަތް ފެށިފައިނުވާތީ، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، އައްޑޫ މެންބަރު އިބްރާހީމް ޝަރީފް މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
މި މައްސަލަ ހުށަހަޅުއްވަމުން އައްޑޫ މެންބަރު ޝަރީފް ވިދާޅުވީ، ހައްގުތައް ނުލިބިގެން އެތައް ރިސޯޓެއްގައި ހަޅުތާލުކުރުމަކީ ޓޫރިޒަމްގެ ދާއިރާ އަށް ވަރަށް ބޮޑު ލޮޅުމެއް އަރާ ކަމެއް ކަމަށެވެ. އަދި މި ކަންކަން ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 15 ހާހެއްހާ މީހުންގެ ހައްގުތައް ފުރިހަމަ ގޮތުގައި ލިބެމުން ނުދަނީ، މިހާރު އަމަލުކުރަމުންދާ ވަޒީފާއާ ބެހޭ ގާނޫނު ފުރިހަމަ އަށް ތަންފީޒުކުރެވެމުން ނުދާތީ އެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރެވިގެން ނޫނީ ގައުމީ މަސްލަހަތު ވެސް ހިމާޔަތްނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ހުށަހެޅުއްވި އިރު ހާޒިރުވެ ތިއްބެވި 18 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އިއްތިފާގުން މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު ކުރެވުނު ބަހުސްގައި، ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ވިދާޅުވީ، މި މައްސަލައަކީ ސިޔާސީ ބޭނުމަކަށްޓަކައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް މިއީ ކަމާ ބެހޭ ދާއިރާތަކުގެ މެދުގައި ވާހަކަ ދެކެވި އަވަސް ހައްލެއް ހޯދަން ބޭނުންވެފައިވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ގއ. މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އެ ދާއިރާގެ މުވައްޒަފުން ވެސް، މަޖިލީހުގެ މެންބަރުން ވެސް، ރިސޯޓް ހިންގާ ފަރާތްތައް ވެސް އަދި ސަރުކާރު ހިންގާ ފަރާތްތަކުން ވެސް ޒިންމާދާރުވާންޖެހޭނެ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި އުފައްދާ ގާނޫނުތަކަކީ ވެސް ދިވެހި ވެއްޓަށް ފެތޭ ގާނޫނުތަކަކަށް ވާންޖެހޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
މި މައްސަލައިގައި ބަހުސްކުރެއްވި ބައެއް މެންބަރުން ވަނީ، ރިސޯޓްތަކުގައި ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާ ދެމެދު ތަފާތުކުރުންތައް ގެންގުޅެމުންދާ ކަން ފާހަގަކުރައްވައިފަ އެވެ. އެ ގޮތުން ބޭރުގެ މެނޭޖްމަންޓްތަކުން ހިންގާ ބައެއް ރިސޯޓްތަކުގައި ދިވެހިންނާ މެދު ފަރުވާ ކުޑަކުރާ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
ރައީސްގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ، ރިސޯޓް މާހައުލުގައި ދިވެހީންގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. ނަމަވެސް ހައްގެއް ގެއްލިގެން އެފަދަ ޝަކުވާއެއް ހުށަހެޅޭނެ އެއްވެސް ގޮތެއް ރިސޯޓްތަކުގައި ހަމަޖެހިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޏ. މެންބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ މީހުންގެ ހައްގުތައް ގެއްލެވީ ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށްވާ ނަމަ، އެ ކަމާ ގުޅޭ އިދާރާތަކުން އެ ދަތިތައް ފާހަގަކޮށް މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މިހާރު އޮތީ ގާނޫނީ ވެރިކަމަށް ބާރުއެޅޭ ފަދަ ސަރުކާރެއް ކަމަށް ވިޔަސް އެފަދަ ސަރުކާރެއް ހިންގަން ބޭނުންވާ ގާނޫނުތައް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ