އެމްޑީއެންގެ ރިޕޯޓް ލިޔެފައިވަނީ އިސްލާމްދީނާމެދު ނަފްރަތު އުފައްދާކަށް ނޫން: ނަޝީދު

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މަގްސަދަކީ އިސްލާމްދީނާމެދު ނަފްރަތު އުފެއްދުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ޝެއިހް ހުސެއިން ރަޝީދު ލިޔުއްވާފައިވާ ޝަހީހް މުސްލިމްގެ ދިވެހި ތަރުޖަމާ ނެރުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ އެމްޑީއެން އާއި އެ ޖަމިއްޔާގެ ރިޕޯޓް ދިފާއު ކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން އެ ރިޕޯޓު ވިދާޅުވި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެ ރިޕޯޓުގެ މައްސަލައިގައި 47 މެމްބަރުން ބަހުސް ވެސް ކުރެއްވި ކަމަށެވެ. އަދި ހުރިހާ މެމްބަރުންނަށް ވެސް އެ ރިޕޯޓުގައި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ދޭން ޖެހޭ ގަދަރާއި ކަރާމާތް ނުދިނުމާއި ބައެއް ބަސްތައް އެ އޮންނަ ހަމައިގެ ތެރެއިން ބޭނުންކޮށްފައި ނެތްކަން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އެޖަމިއްޔާއިން ނެރުނު ރިޕޯޓުގެ މަގްސަދަކީ އިސްލާމްދީނާމެދު ނަފްރަތު އުފެއްދުން ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އިސްލާމްދީނަށް ނަފްރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް. އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި ރިޕޯޓް ލިޔުނު ކުދިން ވެސް އެއްވެސް ހާލަތެއްގައި އެ ބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު. އެއީ އިނގެރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފައި ހުރި ގޮތެއް، އެއީ ވާގޮތެއް ބައެއް ޔުނިވަރިޓީތަކުގައި ގިނަ ދުވަހު ކިޔަވާފައި،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ރާއްޖޭގެ މާހައުލާއި ރާއްޖޭގެ އިލްމުވެރިން ނެރޭ ފޮތްތަކާއި އިސްލާމްދީނާއި ގުޅިގެން ދުނިޔޭގައި ނެރޭ ފޮތްތަކަށް އަހުލުވެރިވާންޖެހޭ ކަމަށާއި އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވެސް ދިމާވީ އެ އިލްމަށް އަހުލުވެރިވެފައި ނެތުމުން ކަމަށެެވެ.
އެމްޑީއެން އިން ރާއްޖޭގެ އިސްލާމް ޓެކްސްޓް ފޮތްތަކުގެ މައްޗަށް އެކުލަވައިލި ރިޕޯޓުގައި ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ބައެއް ކަންކަމާމެދު ސުވާކު އުފައްދާފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެހެން ނަމަވެސް އެ މައްސަލައިގައި އެމްޑީއެންއާމެދު ފިޔަވަޅެއް އެޅިކަން ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ