ވިލާ ކޮލެޖު ހުރި ބިމުގެ މުއްދަތު 99 އަހަރަށް އިތުރު ކޮށްދެއްވުމަށް ގާސިމް އެދިވަޑައިގެންފި

ވިލާ ކޮލެޖް ކުރިއަށް ގެންދާ ބިމުގެ މުއްދަތު އިތުރު ކޮށްދެއްވުމަށް، އެ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމް އެދި ވަޑައިގެންފިއެވެ.
ގާސިމް މިކަމަށް އެދިވަޑައިގެންނެވީ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް-ވިލާ ކޮލެޖްގެ ތިންވަނަ ގްރެޖުއޭޝަން ހަފްލާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، 2008 ވަނަ އަހަރު މިހާރުވެސް ހުރި ބިމުގައި ވިލާ ކޮލެޖް ގާއިމް ކުރީ ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ޓެންޑާ ކުރުމުން އެއްވަނަ ލިބިގެން ކަމަށެވެ.
ނަމަވެސް ކޮލެޖްގެ މަސައްކަތް މިހާތަނަށް އައިއިރު، ބޮޑެތި ހަރަދުތަކެއް ކޮށް އާ އިމާރާތްތައް ގާއިމްކޮށް އާ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިހާރު މިއޮތް ފިޔަވަޅުން ކުރިއަށް ޖެހިލަން އެބަޖެހޭ، ކަމަށާއި ޕްރައިވެޓް ޕާޓްނާޝިޕްގެ ތެރެއިން ކުރާ މަސައްކަތް މިއަށްވުރެ ހަރުދަނާ ވާނެ އުސޫލުތަކެއް ގައުމަށް ބޭނުންވާ ވާ ކަމަށެވެ.
އަދި ޕްރައިވެޓް ސެކްޓާ، ސަރުކާރުން އިތުރަށް ހުޅުވާލަދޭންޖެހޭ ކަމަށާއި ވިޔަފާރީގެ ދާއިރާ ނޫން، ތައުލީމާއި ސިއްހީ ދާއިރާތަކުގައި ވެސް މަސައްކަތް ކުރެވޭނޭ އިތުރު ފުރުސަތު ދީ ޔަގީކަން ދިނުމަކީ، ސަރުކާރަށް ބަރޯސާވުން ކުޑަވެ ރައްޔިތުންގެ ފުދުންތެރިކަން ހުރިހާ ރޮނގަކުން ވެސް ކުރިއަރައިދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވިލާ ކޮލެޖަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވި ނަމަވެސް އެ ބިން ލިބިފައިވަނީ 35 އަހަރަށް ކަމަށެވެ. އަދި އެ ބިން 99 އަހަރަށް ސަރުކާރުން ނުދޭންވީ ކީއްްވެތޯ ގާސިމް ސުވާލު ކުރެއްވިއެވެ.
"ސަރުކާރުގެ ބަޖެޓަށް ބަރޯސާވުމެއް ނެތި، ސަރުކާރުން ދެއްވި ބިންކޮޅެއް ގައި އަޅުގަނޑުމެން އިމާރާތް ކޮށްގެން އަޅުގަނޑުމެން ކުރަމުންދާ މިމަސައްކަތް، މިދަންނަވަނީ ވިލާ ކޮލެޖްގެ ވާހަކަ، ވަރަށް އާދައިގެ ގޮތަކަށް ހުރި އިމާރާތްތަކެއް އަލުން އިންވެސްޓްކޮށްގެން މިވަނީ ހަދާފަ، ވަރަށް ބޮޑެތި ހަރަދުތައް ކުރެވިފަވަނީ، ނަމަވެސް 35 އަހަރު ދުވަހަށް ލިބިފައިވަނީ. އަޅުގަނޑު ދަންނަވާނީ 99 އަހަރަށް ކީއްވެތޯއޭ ނުދެއްވަންވީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ގެ ވާހަކައިގަ ވިލާ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ދިނުމަށްވެސް ސަރުކާރަށް ގޮވައި ލެއްވި އެވެ.
ގާސިމް ވިދާޅުވީ، މާކުރިންވެސް ވިލާ ކޮލެޖް ހުރީ ޔުނިވާ ސިޓީގެ ސްޓޭޓަސްގައި ކަމަށެވެ.
ކުރީގެ ސަރުކާރު އައި އިރުވެސް ކުރި ހުރިހާ ޓެސްޓުންވެސް ޔުނިވާ ސިޓީއެގައި ހުންނަންޖެހޭ ހުރިހާ ކަމެއް އެ ކޮލެޖްގައި ހުރިކަމަށް ފާސްވެފައިވާ ކަމަށެވެ.
ނަމަވެސް، މިހާތަނަށްވެސް ވިލާ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ނުލިބިގެން އުޅެނީ ކީއްވެތޯ، ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ