އިނގިރޭސިވިލާތުން ބޭސްފަރުވާކުރަން ނަޝީދަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެއް: އުމަރު
އިނގިރޭސިވިލާތަށް ވަޑައިގެން ބޭސްފަރުވާކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދަށް އެ ހުއްދަދީފައި ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްވާފައިވާ ގާނޫނީ ލަފާގެމަތިން ކަމަށެވެ. ބަންޑާރަ ނައިބު ދެއްވި ލަފާގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރި ކަމާ ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައީސް ނަޝީދަށް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި އެމީހާގެ އަނބިމީހާ އަށް ނުވަތަ ފިރިމީހާ އަށް ރާއްޖެއިންނާއި ރާއްޖެ އިން ބޭރުން ދައުލަތުގެ ޚަރަދުގައި ސިއްހީ ޚިދުމަތް ހަމަޖައްސައްވާނެ ކަމަށެވެ. ހޯމް މިނިސްޓަރު ވިދާޅުވީ މިއަދު ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމަނިކުފާނަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ގުނަން ފަށާނީ ރާއްޖެ އިން ބޭރަށް ދެވޭ ދުވަހުން ފެށިގެން ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އޮޕަރޭޝަނަށް ފަހު އިތުރަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާދެއްވައިފި ނަމަ ގަވާއިދު ބުނާ ގޮތުން ރާއްޖެ އިން ބޭރުގައި ނަޝީދު ހުންނެވުމަށް އިތުރަށް ދެވޭނީ 45 ދުވަހުގެ މުއްދަތެއް ކަމަށެވެ. ސާޖަރީއެއް ހެދުމަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ރައީސް ނަޝީދަށް ދީފައި ވަނީ އިއްޔެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ