ދ.ކުޑަހުވަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާއިގުޅިގެން އެރަށުގެ 103 ގެއެއް ކަރަންޓީނުކޮށްފިއެވެ.
ކުޑަހުވަދޫއިން ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރާފޭބުން މަނާކޮށް މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
އެރަށުގެ މިހާރުގެ ހާލަތާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ މިދިޔަ 24 ގަޑިއިރުތެރޭ އަލަށް ބައްޔަށް ޕޮޒިޓިވްވި އެކަކާއިއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 20 އަށް އަރާފައިވާކަމަށެވެ.
މިގޮތުން ޑައިރެކްޓް ކޮންޓެކްޓުވެގެން 600 ސާމްޕަލްނަގާފައިވާއިރު އެރަށުގައި ރެންޑަމް ސާމްޕަލްނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ރައީސް ޝާމް ވިދާޅުވިއެވެ.
މިހާލަތާއި ގުޅިގެން އެރަށުގެ ސްކޫލް ވަގުތީގޮތުން ބަންދުކޮށްފައިވާއިރު، އޮފީސްތަކަށް ނިކުތުންވެސް ހުއްދަކުރެވިފައިވަނީ މަޖުބޫރީ ހާލަތްތަކާއި ގުޅިގެންކަމަށް ޝާމް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ކޮވިޑް ފެތުރުނަ ނުދީ ހުއްޓުވުމަށްޓަކައި، ގެއިން ނިކުތުން ވަނީ ވަގުތީގޮތުން މަނާކޮށްފައިކަމަށާއި، އެކި ވިޔަފާރިތައްކުރާ ފަރާތްތަކާއި ގުޅިގެން ޑެލިވަރީގެ ހިދުމަތްތައް ކުރިއަށްގެންދާ ކަމަށް ޝާމް ވިދާޅުވެފައިވެއެވެ.
ކުޑަހުވަދޫއަކީ އެތައް ގިނަ ބަޔަކު ސިއްހީ ފަރުވާ ހޯދަންދާ ރަށެއްކަން ފާހަގަކުރައްވާ ޝާމް ވިދާޅުވީ، އެއިދާރާގެ ހާއްސަ ހުއްދައާއިއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެރަށުން ސިއްހީ ހިދުމަތްތައް ލިބޭނެކަމަށެވެ.
އަދި އެރަށު އެއަރޕޯޓުގެ ހިދުމަތްތައް ކުރިއަށްދާކަމަށާ ފަތުރުވެރިންނަށް އެއާޕޯޓުގެ ހިދުމަތްތައް މެދުނުކެނޑި ލިބޭކަމަށެވެ. އަދި އެމީހުންދާން ބޭނުންވާ މަންޒިލްތަކަށް ލޯންޗު މެދުވެރިކޮށް ދަތުރުކުރެވޭކަމަށެވެ. ހަމައެހެންމެ މަސްވެރިކަމުގައި އުޅޭ މިހުން އެކަމަށްޓަކައި ކަނޑުދަތުރުކުރުމަށް ރަށުގެ އިދާރާގެ ހުއްދަ އާއިއެކު ރަށުން އަރާ ފޭބޭނެކަމަށްވެސް ޝާމް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެރަށުގައި ހިންގުނު ވެކްސިން ޕްރޮގްރާމްގެދަށުން ގިނަ އަދަދެއްގެ މީހުނަށް ވެކްސިން ދީފައިވާނެކަމަށާއި، ވެކްސިން ދިނުމުގައި އެރަށު ހޮސްޕިޓަލުގެ މުއައްޒަފުން ހަރަކާތްތެރިވަމުންދާކަމަށް މައުލޫމާތުލިބެއެވެ.
ނަމަވެސް ޝާމް ވަނީ މިފަދަ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން ކަނޑައަޅާ އުސޫލްތަކަށް އަމަލުކުރިނަމަވެސް މިހާލަތުގައި އެރަށުގައި ފްލޫ ކްލިނިކެއް ގާއިމު ކުރެވިފައި ނުވާތީ ދިމާވާ ދަތިތައް ފާހަގަކޮށްފައެވެ. އެގޮތުން ދ.އަތޮޅު ހޮސްޕިޓަލަކީ ގިނަ މީހުން އެކި ކަހަލަ ސިއްހީ ހިދުމަތްތައް ހޯދުމަށްދާ ތަނަކަށްވުމާއިއެކު އެރަށުގައި މި ފެސިލިޓީ ގާއިމުވެފައި ނެތުމުގެ ސަބަބުން ކޮވިޑް ބަލީގެ ޝިކާރައަކަށްވާ ގިނަ މީހުންނަށް ފަރުވާދޭން މަޖުބޫރުވަނީ ހޮސްޕިޓަލުގައިކަމަށް ވިދާޅުވެ، ކައުންސިލް ރައީސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޝާމް ވަނީ މިހާލަތުގައި ރަށުގެ ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް އެރަށު ރައްޔިތުންނަކީ އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންތެރިވާ ބައެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ކުޑަހުވަދޫ 103 ގެއެއް ކަރަންޓީނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ