މި ސަރުކާރުގައި ގެއްލުނު ފައިސާ ހޯދުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ގެއްލިފައިވާ ފައިސާތަށް އަނބުރާ ހޯދުމަށް އެމްޑީޕީން ބައިވެރިވާ ސަރުކާރެއްގައި މަސައްކަތް ކުރުމަށް އެ ޕާޓީން ގަރާރެއް ފާސްކޮށްފި އެވެ.
މިއަދު ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވުނު މަޖިލީހުގައި ހިޔާނާތުގެ ފައިސާ ހޯދުމުގެ ގަރާރު ފާސްކޮށްފައިވަނީ ގައުމީ މަޖިލީހަށް ހާޒިރުވެތިއްބެވި 52 މެންބަރުންގެ އިއްތިފާގުންނެވެ. މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއެވެ.
ޝިފާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ގެ ސަރުކާރުގެ ފުރަތަމަ ދުވަހު ކުރެއްވުމަށް ވައުދުވެފައިވާ އެއްކަމަކީ މި ސަރުކާރުން ގެއްލުވާލައިފައިވާ ދިވެހި ރައްޔިތުންގެ ފައިސާ ހޯދުމުގެ މަސައްކަތް އަމަލީ ގޮތުން ފެށްޓެވުން ކަމަށެވެ. އަދި މި ގަރާރަކީ އެ ފައިސާ ހޯދުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި އެކަމަށް ބޭނުންވާ ފަންނީ މީހުން ހޯދައި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާ ހޯދުމަށް އިއްތިހާދުގެ ކެންޑިޑޭޓަށް ބާރު އެޅުއްވުން ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.
" މި ގަރާރަކީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާއާއި މުދާ ބަންޑާރަ ނައިބު މެދުވެރިކޮށް ހޯދައި، ދައުލަތަށް އެފައިސާ ރުޖޫއަކުރުމަށް ކުރެވޭ މަސައްކަތް އަލަށް އުފެދޭ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެށްޓެވުމުން އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން، އެކަމަށް ބޭނުންވާނެ ފަންނީ ތަޖުރިބާކާރު ފަރާތްތަށް ހޯދައި އެކަމަށް ވާން ޖެހޭ ތައްޔާރީތަށް އެމްޑީޕީގެ ޗެއާޕާސަން އާއި ހަވާލުކުރުން. އަދި  ވަގަށް ނަގާފައިވާ  ދައުލަތުގެ ފައިސާ ހޯދުމަށް އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯހިލްއަށް ބާރު އެޅުން" ޝިޔާޒް ވިދާޅުވިއެވެ.
ހިޔާނާތުގެ  ފައިސާ ހޯދުމުގެ ޤަރާރު ފާސްވެފައިވާއިރު އެ ގަރާރުގައިވާ ގޮތަށް ކަންތައްތައް ފަހިކޮށްދިނުމުގެ މަސްއޫލިއްޔަތު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާ ވަނީ ހަވާލުކޮށްފައެވެ.
" އިރާދަކުރެއްވިއްޔާ އަޅުގަނޑާއި ހަވާލުކުރެއްވި މަސްއޫލިއްޔަތާއި މެދު އަޅުގަނޑު ވަރަށް ފަރުވާތެރިވާނަން. އަދި އިބްރާހިމް މުހައްމަދު ސޯހިލް ވެރިކަމާއި ހަވާލުވެ ދައުލަތުގެ ބަންޑާރަ ނައިބެއް އައްޔަނުކުރައްވާ ބަންޑާރަ ނައިބާއި ހިޔާނާތުގެ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމުގެ ކުރިން އަޅުގަނޑާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިންމާނަން."  ހަސަން ލަތީފް ވިދާޅުވިއެވެ.
މިއަދު ފާސްކުރެވުނު ގަރާރަށް ޤައުމީ މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުން ވަނީ ވާހަކަފުޅު ދައްކާފައެވެ. އަދި ގިނަ މެމްބަރުން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ބޮޑެތި ވައްކަންތަށް ކޮށްފައިވާކަމަށާއި އަދިވެސް ވައްކަން ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ހިޔާނާތުގެ ފައިސާ ހޯދުމަށް އެމްޑީޕީއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ފާސްކުރެވުނު ގަރާރަށް ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މި ގަރާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ތިން ކަމެއް ކުރައްވާނެ ކަމަށެވެ.
" އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން މި ގަރާރަށް. އަޅުގަނޑުވާނެ ވެރިކަމާއި ހަވާލުވެ ތިން ކަމެއް ފުރަތަމަ ދުވަހުން ފެށިގެން ކުރުމަށް ވާނީ ވައުދުވެފައި. އެއީ ނާއިންސާފުން ހައްޔަރުކުރެވިފައިވާ ހައްޔަރީންނާއި ރާއްޖެއަށް ނާދެވޭގޮތަށް ރާއްޖެއިން ބޭރުކުރެވިފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްޤު ހޯދައި ދިނުމަށާއި، ރައީސް ޔާމީން އާއި އޭނާގެ ބައިވެރިން ދައުލަތުގެ ހަޒާނާއިން ކުރައްވާފައިވާ ވައްކަމުގެ ފައިސާ ހޯދުމާއި މާލޭގެ މަގުތަކުގައި ހަޤީގަތް ނޭނގޭ ގޮތަށް މަރާލެވިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުން" އިބޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ