އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ގެ ސްކޫލް ބޯޑުން ނެރުނު ޤަރާރު

بسم الله الرحمن الرحيمސްކޫލް ބޯޑްއަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާމާލެ، ދިވެހިރާއްޖެޤަރާރުތާރީޚް: 13 ޑިސެމްބަރ 2010އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ 100 ޕަސެންޓް އިސްލާމީ މި ދިވެހި ރާއްޖޭގައި ހުރި އިސްލާމީ ތަޢުލީމް ދޭ ހަމައެކަނި މަދަރުސާއެވެ. މި މަދަރުސާގެ ޢުމުރުން 23 އަހަރު ފުރިފައިވާ އިރު، މި ދިވެހި މުޖްތަމަޢުގެ ވަރަށް ގިނަ ބައެއްގެ ހިތްތައް ވަނީ މި މަދަރުސާ އަށް އަމާޒުވެފައެވެ. ނަމަވެސް ދިވެހި އުންމަތަށް އިސްލާމީ ހިދާޔަތުގެ އަލިކަން ފެތުރުމުގެ ރާސްތާގައި، މި މަދަރުސާ ރިހި ޔޫބީލަށް މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި މި މަދަރުސާއާ ކުރިމަތިވެފައިވަނީ ވަރަށް ހިތްދަތި އަދި ކުރިމަގާ މެދު ނުތަނަވަސްކަން ނުހަނު ބޮޑު ކަންތަކެކެވެ.ހިނގަމުން މިދާ 2010 ވަނަ އަހަރުގެ ކިޔެވުން ފެށުނުތަނާ މި މަދަރުސާގެ އިމާރާތަށް ލިބުނު ގެއްލުމާ ގުޅިގެން، މި މަދަރުސާގެ ކިޔެވުން، މަންދު ކޮލެޖްގެ އިމާރާތަށް ސަރުކާރުން، ވަގުތީ ގޮތުން ބަދަލުކުރެއްވި އެވެ. އެ ދުވަހުން ފެށިގެން މި މަދަރުސާގެ ދަރިވަރުން ކިޔަވަމުން އައީ ނުހަނު ތާށިކަން ބޮޑު މާހައުލެއްގަ އެވެ. ދަރިވަރުން ކިޔެވުމަށާއި ހެލިފެލިވެ އުޅުމަށް ވެސް އަދި އިތުރު ހަރަކާތެއް ހިންގުމަށް ވެސް ލިބިފައިވާ އިމަކީ އެ ދަރިވަރަކު ކިޔަވަމުންދާ ކްލާސް ރޫމްގެ ހަތަރުފާރުން އެތެރެ އެކަންޏެވެ.މި މަދަރުސާގައި ދެ ސްޓްރީމަށް ކިޔަވައިދެމުންދާ އިރު ސައެންސް ސްޓްރީމްގެ ދަރިވަރުން، 2009، 2010 ވަނަ އަހަރު ވެސް ކިޔަވާފައިވަނީ ސައެންސް ލެބޯޓެރީއެއްގެ ޚިދުމަތް ވެސް ނުލިބިއެވެ. އަދި މި އަހަރު މަންދު ކޮލެޖަށް ބަދަލުވީ ފަހުން މި މަދަރުސާގެ ދަރިވަރުންނަށް ލައިބްރަރީގެ ޚިދުމަތް ވެސް ލިބިފައެއް ނުވެ އެވެ. ބައެއް ގްރޭޑްތަކުގައި ދެ ކްލާސް އެއްކޮށްލައިގެން އެއް ކްލާހެއްގައި 40 އަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދޭން ޖެހުމުން ކިޔަވައިދިނުމަށް ހުރަސްއެޅި ކިޔެވުމަށް ދަރިވަރުންނަށް ނުހަނު ގިނަ ދަތިތައް ކުރިމަތިވިއެވެ. ދަރިވަރުން ތޮއްޖެހިފައި ތިބުމުގެ މައްސަލައަށް ވެސް ޙައްލެއް ނުލިބި އަދި ދަރިވަރުންގެ އިތުރު ހަރަކާތެއް ހިންގާނެ ހުސް ބިމެއް ވެސް މި މަދަރުސާ އަށް ނުލިބި އަހަރު ނިމިގެން ދިޔައީ، އެކަން ފަހިކޮށްދިނުމަށް އެދި ސަރުކާރުގައި ތަކުރާރުކޮށް އާދޭސް ކޮށްކޮށް ތިއްބައެވެ.އަހަރު ނިމިގެން ދިޔަ އިރު މި މަދަރުސާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ، އަންނަ  2011 ވަނަ އަހަރު އަލަށް މި މަދަރުސާއަށް ވަންނަން ބޭނުންވާ ކުދިންނަށް ޖާގަ ނުލިބުމުގެ މައްސަލައެވެ. 136 އަށް ވުރެ ގިނަ ކުދިން މި މަދަރުސާއަށް ވަނުމަށް އެދިފައިވާ އިރު، ޖާގަ ހުރި ގޮތުން، އަންނަ އަހަރު މި މަދަރުސާ އިން ފުރުސަތު ދެވެން އޮތީ އެންމެ 32 ކުދިންނަށެވެ. އަދި އިތުރު 100 އަށް ވުރެ ގިނަ ކުދިން މަދަރުސާ އަށް ވަނުމަށް އެދި ނަންނޯޓްކޮށްފައިވާ އިރު އެއިން އެއްވެސް ކުއްޖަކަށް ފުރުސަތު ދެވެން ނެތުމުން، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި، މި މަދަރުސާ އިން ވާނީ ތަކުރާރުކޮށް ސަރުކާރުގައި ދަންނަވައިފައެވެ. ނަމަވެސް އައު ދިރާސީ އަހަރު ފެށެން ތިން ހަފުތާއަށް ވީއިރު ވެސް އެ ކަމަށް އެކަށޭނަ ހައްލެއް ސަރުކާރުން ހޯއްދަވައިދެއްވާފައި ނުވުމުގެ އިތުރުން، ސަރުކާރުން ދައްކަވަމުން ގެންދަވަނީ އެކަން ކޮށްދެއްވެން ނެތް ކަމުގެ ބަހަނާތަކެވެ.މި މަދަރުސާއަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ހައްލުކޮށްދިނުމަށް އެދި، މަދަރުސާގެ ބޯޑުން ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ މި މަދަރުސާގެ ބޯޑަށް ޔަގީންކޮށް އެރުވީ، ޢަރަބިއްޔާ މިހާރު ހުރި ބިމުގައި ނުވަތަ މާލޭގެ މެދުތެރެއިން ޢަރަބިއްޔާ މިހާރު ހުރި ބިމަށް ވުރެ ކުޑަ ނޫން ބިމެއްގައި “ޢަރަބިއްޔާ އަށް ވަރަށް ފުރިހަމަ ސްކޫލެއް އިމާރާތް ކޮށްދެއްވާނެ” ކަމަށެވެ. އަދި އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްޠަފާ ލުޠުފީއާ އެކު މި މަދަރުސާގެ ބޯޑުން ބޭއްވި ތަފާތު ބައްދަލުވުންތަކުގައި މިނިސްޓަރު ވަނީ، ޢަރަބިއްޔާ މިހާރު ހުރި ބިމުގައި ޢަރަބިއްޔާ އަލުން އިމާރާތްކޮށްދެއްވުމަށް ސަރުކާރުން ނިންމާވާފައިވާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އެ ބިމުގައި ޢަރަބިއްޔާ ޢިމާރާތްކުރާނޭ ގޮތުގެ ކުރެހުން ނިންމައި ސްކޫލް ބޯޑާއެކު މަޝްވަރާކުރެއްވުމަށް ފަހު އެޑިޔުކޭޝަނުން ވަނީ، ޢަރަބިއްޔާ މިހާރު ވެސް ހުރި ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަން މީޑިއާ މެދުވެރިކޮށް އިޢުލާން ވެސް ކުރައްވާފައެވެ.އޭގެ ފަހުން ޢަރަބިއްޔާ މިހާރު ހުރި ބިމުގައި، ޢަރަބިއްޔާ ޢިމާރާތް ނުކުރާނެ ވާހަކައެއް ފެތުރެމުން ދިޔުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އެޕޮއިންޓްމެންޓަކަށް ސްކޫލް ބޯޑުން އެދިފައިވާތާ މަސްދުވަސް ވެގެން ދިޔައިރު ވެސް އެޕޮއިންޓްމެންޓެއް ނުދެއްވައި، ދެ ވަނަ ފަހަރަށް އެދުމުން ވެސް ރައީސްގެ ބަދަލުގައި ބޯޑާ އެކު ބައްދަލުކުރެއްވީ ރައީސްގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ސްޕެޝަލް އެންވޯއީ އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއެވެ. އެ ބައްދަލުވުމުގައި ޒަކީ ވެސް ވިދާޅުވީ “ޢަރަބިއްޔާ އިން ބޭނުންވާ ގޮތަށް ޢަރަބިއްޔާގެ އައު ޢިމާރާތުގެ ކަންތަކާއި ޖާގައިގެ ކަންތައް ހަމަޖެހިގެންދާނެ” ކަމަށެވެ. އަދި، “ކުރީ ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ނުވިކަމުގައި ވިޔަސް މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް އެ ކަމެއް ކޮށްދެއްވާނެ” ކަމަށެވެ. އަދި، “ޢަރަބިއްޔާގެ މީހުން ބޭނުންވާ ކަމަށްވަންޏާ އެ ގޮތަކަށް ޢަރަބިއްޔާގެ ކަންތައް ވެސް ހަމަޖެހިގެންދާނެ” ކަމުގެ ޔަގީންކަން ޒަކީ ދެއްވިއެވެ. މިގޮތަށް ސަރުކާރުންނާއި މިނިސްޓްރީން ވާހަކަފުޅުތަކާއި މަންޒަރުތައް ދައްކަވަމުން ގެންދަވާތީވެ މިބޯޑުން ސަރުކާރަށް ވަރަށް ބޮޑަށް އިތުބާރުކުރީމެވެ.ނަމަވެސް، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އާއި އެޑިޔުކޭޝަން މިނިސްޓަރު، މި މަދަރުސާގެ ބޯޑަށް އެފަދަ އުންމީދީ ޔަގީންކަމެއް ދެއްވުމަށް ފަހު، މި މަދަރުސާގެ ބޯޑާ އެއްވެސް މަޝްވަރާއެއް ކުރެއްވުމެއް ނެތި، ޢަރަބިއްޔާ މިހާރު ހުރި ބިން ސަރުކާރުގެ އެހެން ބޭނުމަކަށް ނެންގެވުމަށް ފަހު، މިހާރު ޢަރަބިއްޔާ ހުރި ބިމަށް ވުރެ 5000 އަކަފޫޓު ކުޑަ ބިމެއްގައި، މަދު ކްލާސްތަކެއް ހިމެނޭ ގޮތަށް ޢަރަބިއްޔާ އިމާރާތްކުރުމަށް ނިންމަވާފައިވާތީ، މި ބޯޑުން އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.ޢަރަބިއްޔާގައި މިހާރު ވެސް 600 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ އިރު، އަންނަ އަހަރު އިތުރު 136 ދަރިވަރުން މި މަދަރުސާ އަށް ވަނުމަށް އެދިފައިވުމުން، އަރަބިއްޔާގެ ދަރިވަރުންގެ ޖުމްލަ އަދަދު އަންނަ އަހަރު 700 އަށް ވުރެ ގިނަވާނެ އެވެ. ނަމަވެސް މިހާރު ސަރުކާރުން ނިންމާފައިވާ ގޮތަށް، މއ. ޗާނދަނީގޭގައި ޢަރަބިއްޔާ ޢިމާރާތްކުރާ އިރު، އެ ތަނުގައި ހުންނާނީ 15 ކްލާސް ރޫމް ކަމަށްވެފައި، ސަރުކާރުން މިހާރު ގެންގުޅޭ ވަށައިޖެހޭ ތަޢުލީމުގެ ސިޔާސަތާ އެއްގޮތަށް އެއް ދަންފަޅި އަށް ކިޔަވައިދޭ ނަމަ، ޢަރަބިއްޔާގެ އައު ޢިމާރާތުގައި ޖުމްލަ 480 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައެއް ނުދެވޭނެއެވެ. މިއީ 2011 އަދި 2012 ވަނަ އަހަރު ޢަރަބިއްޔާ އަށް އިތުރު ކުދިން ނުވައްދައި މިހާރު ތިބި ކުދިންނަށް އެކަނި ކިޔަވައިދިނުމަށް ވެސް އެކަށޭނަ ޖާގައެއް ނޫންކަމަށް ވާތީ، ސަރުކާރުގެ މި ނިންމުން ވީ އެންމެ އަވަހަކަށް ބަދަލުކުރުމަށް، ޢަރަބިއްޔާ ސްކޫލްގެ ބޯޑުން ގޮވައިލަމެވެ.ދިވެހި ރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމަކަށްވެފައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަން، ޤާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާތީ އާއި ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމް ދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި އިސްލާމް ދީނަށް ލޯބި ޖެއްސުމަށް ބާރުއަޅަންވާނެ ކަމަށް ޤާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހިނދު، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ، މި ދިވެހި ރާއްޖޭގައި ހުރި ދީނީ ތަޢުލީމު ދޭ ހަމައެކަނި މަދަރުސާ ކަމަށްވާތީ، މި މަދަރުސާގައި ތައުލީމް ޙާޞިލްކުރަން ބޭނުންވާ ދިވެހި ދަރީންނަށް އެ ފުރުޞަތު އެންމެ ފުރިހަމަ ގޮތުގައި ތަނަވަސްކޮށްދިނުމަކީ، ދިވެހި ސަރުކާރުގެ މައްޗަށް އޮތް ދީނީ އަދި ދުސްތޫރީ ވާޖިބެއް ކަމުގައި ދަންނަވަމެވެ.އެހެން ނަމަވެސް މި މަދަރުސާއާ މެދު ސަރުކާރުން މިހާރު ޢަމަލުކުރަމުންގެންދަވަނީ މި މަދަރުސާގެ ކުރިމަގު މިހާރަށް ވުރެ ބަނަކޮށް، އިސްލާމީ ތަޢުލީމު އުނގެނެން ބޭނުންވާ ދަރީންނަށް އެ ފުރުޞަތު ހަނިވެގެންދާ ފަދަ ގޮތަކަށް ކަމަށް ވެސް އަޅުގަނޑުމެން ޤަބޫލުކުރަމެވެ. އަދި ހަމަ އެފަދައިން ސަރުކާރުން މި މަދަރުސާއާ މެދު ޢަމަލުކުރަމުން ގެންދަވަނީ، ރާއްޖޭގައި ހުރި  އެހެނިހެން މަދަރުސާތަކާ އަޅާ ބަލާއިރު، ދެ ވަނަ ދަރަޖައިގެ މަދަރުސާއެއްގެ ގޮތުގައި ގިންތިކުރެވޭ ފަދަ ގޮތަކަށް، ވަރަށް ބޮޑު ތަފާތުކުރުމަކާ އެކުގައި ކަމަށް ވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެއެވެ.އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ޢިމާރާތުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި، އެތައް ފަހަރަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިޔުކޭޝަން މިނިސްޓްރީގައި ދެންނެވުމުން ވެސް، މި މަދަރުސާގައި މިހާރު ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި އަލަށް މި މަދަރުސާ އަށް ވަނުމަށް ބޭނުންވެފައި ތިބި ދިވެހި ދަރީންގެ ޙައްޤުތަކަށް ބެއްލެވުމެއް ނެތި، ޢަރަބި އިސްލާމީ ތަޢުލީމުގެ ފުރުޞަތު ސަރުކާރުން ހަނިކުރަމުންގެންދަވާ ކަމީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މިއީ، ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމީ ވަޙްދަތު ގެއްލި، އިސްލާމް ދީން އުނގެނި ދަސްކުރުމަށް، މި ފަހަކަށް އައިސް ދިވެހިންގެ ހިތްތަކުގައި އުފެދިފައިވާ ބޮޑު ޝައުޤުވެރިކަން ފަނޑުވެގެންދިއުމަށް މެދުވެރިވާނެ ސަބަބެއް ކަމުގައި ފާހަގަކުރަމެވެ.ޢަރަބިއްޔާއަކީ ވެސް ދިވެހި ދަރީންތަކެއް ތަޢުލީމު ޙާޞިލުކުރަމުންދާ މަދަރުސާއަކަށް ވުމުގެ އިތުރުން، މިއީ ދިވެހި ރާއްޖޭގައި ހުރި އިސްލާމީ ތަޢުލީމު ޙަޤީޤީ މާނައިގައި ދޭ ހަމައެކަނި މަދަރުސާކަމަށްވާތީ، މި މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް ބޯޑާއި މެނޭޖްމަންޓްގެ އެދުމާ އެއްގޮތަށް އަދި ރައީސުލް ޖުމްހޫރިއްޔާ އާއި އެޑިޔުކޭޝަން މިނިސްޓަރު ވެސް މި ސްކޫލްގެ ބޯޑަށް ޔަޤީންކަން ދެއްވާފައިވާ ގޮތުގެ މަތީން، ޢަރަބިއްޔާގެ އައު ޢިމާރާތުގެ ކަންތައް ހަމަޖައްސަވައި ދެއްވައި، 2011 ވަނަ އަހަރު މި މަދަރުސާ އަށް ވަންނަން އެދިފައި ތިބި، 136 ކުދިންނަށް އަންނަ އަހަރު، މި ސްކޫލަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދި ސަރުކާރުގައި ދެންނެވުމަށް މި ޤަރާރު ފާސްކުރީމެވެ.ޤަރާރު ނެރުނީ:1-      ޑރ. ޢަބްދުލް ޙަމީދު އަހްމަދު (ބޯޑްގެ ޗެއާމަން)2-      އިސްމާޢީލް ޝަރީފް (ބޯޑްގެ ވައިސް ޗެއާމަން)3-      އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު (ބޯޑް މެމްބަރ)4-      އަޙްމަދު ޢަބްދުالله ސަޢީދު (ބޯޑް މެމްބަރ)5-      އަޙްމަދު ނަޢީމް (ބޯޑް މެމްބަރ)6-      އަޙްމަދު ޚަލީލް (ބޯޑް މެމްބަރ)7-      ޝަހުލާ އަޙްމަދު (ބޯޑް މެމްބަރ)8-      މަރިޔަމް ޤާސިމް (ބޯޑް މެމްބަރ)9-      ޢާއިޝަތު ނުޒުހާ (ބޯޑް މެމްބަރ)10-  މުޙައްމަދު ޝާކިރު (ބޯޑް މެމްބަރ)11-   އައިމިނަތު ނިޒާރު (ބޯޑް މެމްބަރ)ޑރ. ޢަބްދުލްޙަމީދު އަޙުމަދުބޯޑުގެ ޗެއަރމަންކޮޕީ:ރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައްޔިތުންގެ މަޖިލިސްގެ މެމްބަރުންހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ