ޙަމާސް އިން އިސްރާޢީލް ދައުލަތެއްކަމުގައި ޤަބޫލެއް ނުކުރާނެ

އަލްއަޚް އިބްރާހީމް ނާޒިމްޙަމާސްގެ ސިޔާސަތު ކަނޑައަޅާ ގޮފީގެ ވެރިޔާ ޚާލިދު މަޝާލް ބުނާގޮތުގައި އެ ޖަމާޢަތުން ދުނިޔޭގެ ފިއްތުންތަކަށް ބޯލަނބައި އިސްރާޢީލް ދައުލަތެއްކަމުގައި ޤަބޫލެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ޙަމާސް އިން އިޚްތިޔާރުކުރާނީ ހަތިޔާރު ބޭނުންކޮށްގެން އިސްރާޢީލް އާއި ދެކޮޅަށް ޖިހާދުކުރުމެވެ.ޚާލިދު މަޝާލް މިހެން ބުނެފައި ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި އޮތް އެއްވުމެއްގައި ވާހަކަދައްކަމުންނެވެ. މި އެއްވުން ބޭއްވިފައި ވަނީ ޒަޔަނިސްޓް އިސްރާޢީލުން ފަލަސްޠީނުގެ ޣައްޒާ އަށް ދެމުންދިޔަ ޢުދުވާނީ ހަމަލާތައް ނިމުނުތާ އެއް އަހަރު ފާހަގަކުރުމުގެ ގޮތުންނެވެ. އިސްރާޢީލްގެ މި ޢުދުވާނުތަކުގައި ވަނީ 1400 ފަލަސްޠީނު މީހުން ޝަހީދުވެފަ އެވެ. މީގެ ތެރޭގައި 420 ކުޑަކުދީން ހިމެނެ އެވެ. މީގެ އިތުރުން 5300 މީހުން ވަނީ ޒަޚަމްވެފަ އެވެ. ޚާލިދު މަޝާލް ބުނާގޮތުގައި ޙަމާސް އިން އިތުރު ހަނގުރާމައެއް ބޭނުމެއް ނުވެ އެވެ. ނަމަވެސް ފޭރިގަނެފައިވާ މުސްލިމުންގެ މުޤައްސަލް ބިން އަލުން މިނިވަންކުރުމަށް ހަތިޔާރު ބޭނުންކޮށްގެން ޖިހާދުކުރުމުގެ މަގުގައި އެމީހުން ދެމިތިބޭނެ އެވެ.ފަލަސްޠީނުގެ ބިން ހިފެވި އެ ޤައުމުގެ ރައްޔިތުން އަޅުވެތިކުރެވިފައި އޮތް އޮތުން ޙަމާސް އިން ޤަބޫލެއްނުކުރާނެ އެވެ. އަދި ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒަޔަނިސްޓުންނަށް އެއްވެސް ޙައްޤެއް އޮންނަންޖެހޭނެކަމަށް އެ ޖަމާޢަތުން ނުދެކޭނެ އެވެ. އެބައިމީހުން އެންމެ އިސްކަންދޭނީ އިސްރާޢީލް އާއި ދެކޮޅަށް ޖިހާދުކުރުމަށެވެ.މަޝާލް ބުނިގޮތުގައި، އެމީހުންނަށް ފިއްތުންތައް ކުރިމަތިކުރުމާއި، ހަތަރުފަރާތުން ޙިޞާރުކުރުމާއި، ފައިސާގެ ދަޅަދެއްކުންތަކަށް ޙާމާސް ނުހެއްލޭނެ އެވެ. އެމީހުންނަށް ‘އިތުރު ދޮރުތައް’ ހުޅުވާދިނުމާއި، ވާހަކަދެއްކުމަށް ދައުވަތުދިނުން ފަދަ އެއްވެސް ކަމަކުން ޙަމާސް މޮޔަހައްދާ ނުލެވޭނެ އެވެ. މިއިން އެއްވެސް ކަމަކުން ފަލަސްޠީނު މީހުންގެ ޙައްޤުތަކަށް އުނިކަން އަތުވެދާނެކަހަލަ ކުޑަވެސް ފުރުޞަތަކަށް އެމީހުން ޖާގަނުދޭނެ އެވެ. ޙަމާސްގެ އަމާޒަކަށް އޮތީ ފަލަސްޠީނުގެ ބިން އެތަނުގެ މުސްލިމް ރައްޔިތުންނަށް އެއްކޮށް ލިބިދިނުމެވެ.މަޝާލް މި އިޝާރާތްކުރަނީ ޣައްޒާ ހަނގުރާމައިގެ ފަހުން ހުޅަނގުގެ ޑެލިގޭޝަންތަކާއި ޙަމާސް އާއި ދެމެދު ވާހަކަދެއްކުންތައް ބޭއްވެމުންދާ ދިޔުމަށެވެ. މީގެ އިތުރުން އެމެރިކާގެ ފަރާތުން ކުރިން ރަޝިޔާ އަށް ކަނޑައަޅާފައި ހުރި އެމްބެސެޑަރ ޖެކް މެޓްލޮކް ހިމެނިގެންވީ ވަފުދަކާއި ޙަމާސްގެ ފަރާތުން ބައްދަލިކޮށްފައި ވާތީ އެކަމަށެވެ.މަޝާލް ބުނާގޮތުގައި ޣައްޒާ މިއަދު ދަނީ ޔަހޫދީ ދައުލަތުގެ މައްޗަށް ކާމިޔާބު ހޯދަމުންނެވެ. މިހެންކަމާއެކު ޣައްޒާ އަށް މިވަނީ ޒަޚަމްތަކެއް ލިބިފަ އެވެ. އެތަނުގެ ރައްޔިތުންގެ ގެދޮރުތަށް ވަނީ ހަލާކުވެފަ އެވެ. އަދިވެސް ޣައްޒާ ވަނީ ޙިޞާރުކުރެވި މުޅިންހެން ބަންދުކުރެވިފަ އެވެ. މީގެ އިތުރުން ޣައްޒާ އާއި މިޞުރާއި ދެމެދު ދަގަނޑު ފާރެއް ބިނާކުރެވެމުން ދަނީ އެވެ. މީގެ ބޭނުމަކީ ޣައްޒާ އަށް އެއްވެސް އެއްޗެއް އެތެރެވިޔަނުދީ އެމީހުން ބަނޑަށްޖެއްސުމެވެ. މިއަދު ޙަމާސް އިން ހަނގުރާމައެއްކުރަން ބޭނުންވެގެން އުޅެނީއެއް ނޫނެވެ. އެކަމަކު ހަނގުރާމަކުރަން އެމީހުންނަށް ޖައްސުވައިފިނަމަ ހިތްވަރާއެކު ހަނގުރާމަކުރާނެ އެވެ.ޙަމާސްގެ ފަރާތުން މިހާރު ވަނީ އެބައިމީހުންގެ ހުރިހާ ހަނގުރާމަވެރި ގްރޫޕްތަކަށް އިސްރާޢީލް އާއި ދެކޮޅަށް ހަމަލާދިނުން މިވަގުތައް މަޑުޖައްސާލުމަށް އަންގާފަ އެވެ. މީގެ އެއް އަހަރު ކުރިން އިސްރާޢީލުން ޣައްޒާ އާއި ދެކޮޅަށް ހަނގުރާމަ ފެށީ ޙަމާސް އިން އިސްރާޢީލްގެ ރަށްތަކަށް ރޮކެޓް ހަމަލާތައް ދޭކަމަށް ބުނެފަ އެވެ. މިހެންކަމާއެކު އިސްރާޢީލްގެ ވައިގެ ހަމަލާތަކުގައި އެތަކެއް ބައިވަރު ފަލަސްޠީނު މީހުންނެއް ވަނީ މަރުވެފަ އެވެ.2007ވަނަ އަހަރުން ފެށިގެން އިސްރާޢީލް އާއި މިޞުރު ގުޅިގެން ވަނީ މުޅި ޣައްޒާ ބަންދުކޮށް ޖަލަކަށް ހަދާފަ އެވެ. މިހެންކަމާއެކު އެތަނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ލިބުން ވަނީ ވަރަށް ދަތިވެފަ އެވެ.ރައީސް މަހުމޫދު ޢައްބާސްގެ ސަރުކާރުން އިސްރާޢީލް އާއި ޞުލްޙަވުމަށް ގެންގުޅޭ ހަމަތަކާއި ޙަމާސް ކަނޑައެޅިގެން ދެކޮޅެވެ. މީގެ އެއް އަހަރު ކުރިން އިސްރާޢީލުން ޣައްޒާ އަށް އަރާ ޢުދުވާނީ ހަމަލާތައް ދޭން ފެށުމާއިއެކު މަހުމޫދު ޢައްބާސް ވަނީ އިސްރާޢީލް އާއި އެކު ދައްކަމުން އައި ޞުލްޙައިގެ ވާހަކަތައް ހުއްޓާލާފަ އެވެ. މި ވާހަކަތައް އަލުން ފެށޭތޯ އެމެރިކާއިން ކުރި މަސައްކަތްތައް މިހާތަނަށް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.މަޝާލް ބުނާގޮތުގައި މަހުމޫދު ޢައްބާސްއާއި އެކު ޞުލްޙަވެވޭނެ މަގެއް ފެނޭތޯ ބެލުމަކީ ފަލަސްޠީނު މީހުންގެ ޖިހާދު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ. އެކަމަކު އެކަން ކުރާނެ ވަކި ގޮތެއް މަޝާލް ބަޔާނެއްނުކުރެ އެވެ. މީގެ ކުރިން މިޞުރުން އިސްނަގައިގެން ޙަމާސް އާއި ފަތަޙަ ޞުލްޙަކުރެވޭތޯ ކުރި މަސައްކަތުން ވަނީ އެދެވޭ ނަތީޖާއެއް ނުކުންނަގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ