މާތްﷲ ގެ އިރާދަފުޅާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރޭނެ: ގާސިމް އިބްރާހިމް

މާތްﷲ ގެ އިރާދަފުޅާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރޭނެ ކަމަށާއި، ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުވެސް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކުރިމަތިކުރަމުންދާ ހުރަސްތަކަށް އިޝާރާތް ކުރައްވައި ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ "ހަމަ ޖެހޭނީ ތެޅިތެޅި ތިބެން" ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެއް ކެންޑިޑޭޓް ނެރޭނަން. އަދި ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުވެސް ކުރާނަން. ހަމަ ޖެހޭނީ ތެޅިތެޅި ތިބެން، އިންޝާﷲ" ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އިދިކޮޅު ސިޔާސީ ޕާޓީތައް ރޫޅިއްޖެ ކަމަށާއި، އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓް ނެރުމުގެ ފުރުސަތު ނެތްކަމަށް ދޭހަވާގޮތަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންގެންދަނިކޮށެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންގެންދަނީ، އިދިކޮޅު އެންމެބޮޑު ޕާޓީކަމުގައިވާ އެމްޑީޕީން ޕްރައިމެރީ ބޭއްވުމަށް ތައްޔާރުވަމުން ދިއުމާއި، ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން ދިއުމާ ގުޅުވައިގެންނެވެ.
"މިހާރު" ނޫހަށް ދެއްވި އިންޓަރވިއުއެއްގައި، ކުރީގެ ރައީސް މުހަންމަދު ނަޝީދުވެސް މިއަދު ވިދާޅުވެފައިވަނީ، ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނުނެރޭވޭނެ ކަމަށް ދެކި، އެކަމާމެދު އުއްމީދު ކަނޑާލަން އަދި ގާތްވެސް ނުވާ ކަމަށާއި އިންތިހާބަށް ޕާޓީތައް ނުކުންނާނީ އެކުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ