ނަޝީދު ވެރިކަމަށް އައުމަށް ކުރާ މަސައްކަތަކީ ސިހުރު ހެދުން - އިމްރާން

ދިވެހި ރައްޔިތުންގެ ތާއީދު ނެތްކަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ފެނިވަޑައިގެންފައިވާ ކަމަށާއި އެހެންވެ ވެރިކަމަށް އައުމަށްޓަކައި ނަޝީދު ކުރާ އެންމެ ބޮޑު މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ސިހުރު ހާހޫރަ ހެދުން ކަމަށް އަދާލަތު ޕަޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދާ ދިނުމަށާއި އެ ފަރާތްތަކުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލާ ގައުމީ ހަރަކާތުން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އެ ހަރަކާތުގެ އިސް ބައިވެރިއެއް ކަމަށްވާ އިމްރާން ވިދާޅުވީ ރައީސް ނަޝީދު ހަދާ ސިހުރަ ހާހޫރަ ދިވެހި ގިނަ ރައްޔިތުންނަށް ނުޖެހޭ ކަމަށެވެ.
އެއީ ނަމާދު ކުރާ، ހެޔޮ އެއްޗެހި ކިޔާ، ޝަހާދަތް ކިޔުމާއި ކުރުސި އާއި ހެނދުނާއި ހަވީރުގެ ދުއާތައް ކިޔާ ބަޔަކަށްވާތީ ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވި އެވެ.
"މީނަ ވަރަށް މަސައްކަތްކުރޭ އޭނަގެ ލާދީނިއްޔަތު މިތާ ފެތުރުމަށްޓަކައި ވެރިކަމަށް އަންނަން، ވެރިކަމަށް އައުމަށްޓަކައި އޭނާއަށް އެބަފެނޭ މިއަދު ދިވެހި ރައްޔިތުންގެ ތާއީދު އޭނާއަށް ނެތް ކަން، އެހެންވެ ވެރިކަމަށް އައުމަށްޓަކައި އޭނަ ކުރާ އެންމެ ބޮޑު މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ސިހުރަ ހާހޫރަ ހެދުން، މީނަ ދިވެހި ރައްޔިތުންނަށް ހަދާ ސިހުރަ ހާހޫރަ، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ނުޖެހޭ." އިމްރާން ވިދާޅުވި އެވެ.
ރައީސް ނަޝީދު ބޭނުންވަނީ ރައްޔިތުން ދީނުގެ ހުރި ހުރިހާ އަސްލުތަކާއި ދުރަށް ގޮސް ނަޝީދު ހަދާ ސިހުރު ހާހޫރައަށް ނުވަތަ އޭނަ ޖަހާ ބެރަށް ވިޔަސް އަދި ނަޝީދު ދޭ ބުއިމަށް ވިޔަސް ބޯ ބަޔަކަށް ވުމަށް ކަމަށާއި އެހެންކަމުން ނަޝީދު ބޭނުންވަނީ މިކިޔާ ދުއާތަކުގެ ބަދަލުގައި އެހެން ބަދަލެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"އޭނަ ބުނަނީ ކީކޭ؟ ވީ ހޭވް، އަހަރުމެންނަށް ޖެހެއޭ، އެއީ ކޮން ބައެއް ތޯ؟ ކޮން ބައެއް ތޯ އަހަރުމެންނަކީ؟ އޭނަ އެތާ ވާހަކަދައްކަން ތިބި ކްރިސްޓިއަން ފާދިރީންތޯ؟ ނުވަތަ އެމްޑީޕީގެ ރައްޔިތުންތޯ؟ ނުވަތަ ދިވެހި ރައްޔިތުންތޯ؟ ހަމަ ޔަގީނުންވެސް ދިވެހި ރައްޔިތުންނެއް ބޭނުމެއް ނޫން، އޭނަ އެބުނާ ވިއުގެ ތެރޭގައި ހިމެނޭ ބައެއް ނޫން، ދިވެހި ލޮބުވެތި ރައްޔިތުންނަކީ އޭނަގެ ބައެއް ނޫން." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެމްޑީޕީގައި ތިބި ގިނަ މެންބަރުންނަކީ ވެސް ނަޝީދު ވިދާޅުވާ ވިއުގެ ތެރޭގައި ހިމެނޭ ބައެއް ނޫން ކަމަށާއި ނަޝީދު ވިދާޅުވާ ވިއުގައި ހިމެނެނީ ނަޝީދާއި އެކު ތިބި މަދު މީސްކޮޅަކާއި ކްރިސްޓިއަން ފާދިރީން ކަމަށެވެ. އެހެންކަމުން ނަޝީދާއި ބެހޭގޮތުން ގުރުއާނުގެ ނިޔާ ކިއުމަކީ ކުށަކަށް ނުވާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ނަޝީދު އެކުރައްވަނީ ދިވެހި ރައްޔިތުންނަށް ފުރައްސާރަ އާއި މަލާމަތް ކަމަށާއި އަދި ﷲ ގެ ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ ލާދީނީ ހަރަކާތްތަކުން ރާއްޖެ އާއި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށާއި ނަޝީދުގެ ލާދީނީ ހަރަކާތްތަކުން ރާއްޖެ ސަލާމަތްކޮށްގެން ނޫނީ ކުރިއަށް ދެވޭނެ އެއް ގޮތެއް ވެސް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ