2018 ގައި ރާއްޖޭގެ ވެރިކަން ކުރާނީ ނަޝީދު – މުސްޠަފާ

އަންނަ 2018 ވަނަ އަހަރު ފެނިގެންދާނީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ހުލުގު ހެޔޮ ވެރިއެއް ކަމަށާއި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ ރޭ އޭނަ ކުރެއްވި ޓުވީޓެއްގައެވެ. މުސްތަފާގެ ޓްވީޓްގައި ވަނީ މާތްﷲގެ އިރާދަފުޅާއެކު 2018 ގައި ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ ލޯތްބާއި ހިނިތުންވުމާއި އޯގާތެރިކާމާއެކު ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ހުލުގު ހެޔޮ ވެރިއެއް ކަމަށެވެ. އަދި އެ ވެރިޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
މުސްތަފާ މިހެން ވިދާޅުވި ނަމަވެސް ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ރައީސް ނަޝީދަށް ފުރުސަތެއް ނެތް ކަމަށާއި، މާލެ ވަޑައިގެންފިނަމަ ރައީސް ނަޝީދު ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށެވެ.
13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެގައުމުން ހިމާޔަތް ހޯއްދަވައިގެން ހުނެއްވި ރައީސް ނަޝީދު މިހާރު ހުންނެވީ ލަންކާގައެވެ.
ރައީސް ނަޝީދު އުންމީދު ކުރައްވަނީ ބައިނަލްއަޤުވާމީ ޕްރެޝަރު ރާއްޖެ އަށް ބޮޑުވެގެން އިންތިޚާބުގައި ވާދަކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ދަތުރުފުޅާއި ބެހޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ މުހިންމު "މިޝަންއެއް" ގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ