ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ދޫކޮށްލައިފިއެވެ.
އަމީތު ހައްޔަރުކުރީ ހޯމަ ދުވަހުގެ ރޭ ކުނޫޒު ސަރަހައްދުންނެވެ. މެމްބަރު އަބްދުﷲ އަހްމަދު ހައްޔަރުކުރީ ހޯމަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަޖީދީމަގު އޯޑިއޯން ކައިރީގައި ހުންނަވައި މީޑިއާއަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށެވެ. މި ދެބޭފުޅުން ވެސް މިރޭ ވަނީ ދޫކޮށްލާފައެވެ.
މީގެ އިތުރަށް ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދާއި، ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދު ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރުވެސް ފުލުހުން ވަނީ މެމްބަރު އަމީތާއި މެމްބަރު އަބްދުﷲ ހައްޔަރު ކޮށްފައެވެ. މިދެބޭފުޅުން އަނެއްކާވެސް ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރުމަށްފަހު މިހާރު ދޫކޮށްލާފައި ވީނަމަވެސް މިރޭގެ މުޒާހަރާގެ ތެރެއިން ވެސް ވަނީ މެމްބަރަކު ހައްޔަރުކޮށްފައެވެ. މިރޭ ހައްޔަރުކުރީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ. މީގެ އިތުރަށް މާލެ ސިޓީގެ ކައުންސިލަރު އަޒްރާ މޫސަ ވެސް މިރޭ ވަނީ ހައްޔަރުކޮށްފައެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު މާލޭގައި ކޮންމެ ރެއަކުވެސް މުޒާހަރާ ކުރަމުންދާއިރު މި މުޒާހަރާތަކުގެ ތެރެއިން ކޮންމެ ރެއަކުވެސް މީހުން ހައްޔަރުކުރަމުންދާ މަންޒަރު ފެނިގެންދެއެވެ. ނަމަވެސް ހައްޔަރުކުރާ މީހުންގެ މައުލޫމާތު ފުލުހުން ހާމަކުރަމުން ނުދާތީ މުޒާހަރާތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ސީދާ އަދަދެއް ނޭނގެއެވެ.
މެމްބަރު އަމީތާއި އަބްދުﷲ ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ