ހޮނު އެޅުމުގެ ސަބަބުން ކަރަންޓް ކެނޑުނު އޮޅުވެލިފުއްޓަށް އަލުން ކަރަންޓްދީފި

ރޭ އިރާކޮޅު ޅ. އޮޅުވެލިފުއްޓަށް ހޮޅުއަޅައި މުޅި ރަށުން ކަރަންޓް ކެނޑިފައި އޮތުމަށް ފަހު، އެ މައްސަލަ ހައްލުކޮށް އަލުން ރަށަށް ކަރަންޓް ދީފި އެވެ. އޮޅުވެލިފުށިން ކަރަންޓް ކެނޑިފައި ވަނީ ރޭ އެރަށަށް ކުރި ވިއްސާރާގައި ހޮޅު އެޅުމުގެ ސަބަބުން އިންޖީނުގޭގެ ޕެނަލް ބޯޑަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ކަރަންޓް ކެނޑުމާ އެކު އެ ރަށު އިންޖީނުގޭގެ ސްޓާފުންގެ އިތުރުން ޅ. ނައިފަރުގެ ފެނަކަ އިންޖީނުގޭގެ ޓެކްނިކަލް ޓީމަކުން ކުރި މަސައްކަތުން މިއަދު ހެނދުނު 8:15ގައި އަލުން ކަރަންޓް ދީފައިވާ ކަމަށެވެ. ހޮނު އެޅުމުގެ ސަބަބުން ރަށުގެ ވަރަށް ގިނަ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަން އާޒިމް ފާހަގަކުރެއްވި އެވެ. އެގޮތުން ގޭގައި ބޭނުންކުރާ ޓީވީތަކުގެ އިތުރުން ކައުންސިލް އިދާރާގެ ބައެއް ކޮންޕިއުޓަރު ސިސްޓަމްތައް ވެސް ހަލާކުވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. "އިލެކްޓްރޯނިކް ސާމާނުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލް ކައުންސިލުން ނަގަމުން މިދަނީ. ކައުންސިލް އިދާރާއިން އިންޓަނެޓްގެ ހިދުމަތް ވެސް ކެނޑިފައި ވަނީ. ސަރުކާރުގެ އިދާރާތަކާ މުއާސަލާތުކުރަން ބޭނުންކުރާ ވިއުގައިގެ ހިދުމަތެއް ވެސް ނުލިބޭ،" އާޒިމް ވިދާޅުވި އެވެ. ކައުންސިލް އިދާރާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މިވަގުތަށް ކައުންސިލް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކައިގެން އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ