މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ ހަތް ދުވަހަށް ގޭބަންދުކޮށްފި
އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެންބަރު އަޒްރާ މޫސާ ހަތް ދުވަހުގެ މުއްދަތަށް ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އަަޒްރާ ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީ ރޭ ފެށި އެއްވުން ހިނގާލުމަކަށް ބަދަލުކޮށް މަޖީދީ މަގަށް ނިކުތް ފަހުންނެވެ. އަޒްރާއާ އެކު އިތުރު ބަޔަކު ވެސް ރޭ ހައްޔަރު ކުރިއެވެ. ނަމަވެސް އެ މީހުން ބަންދުގައި ބަހެއްޓެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ރޭގެ މުޒާހަރާގެ ތެރެއިން ވަނީ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހު ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ މިއަދު އޭނާ ދޫކޮށްލާފައެވެ. އިދިކޮޅު ފަރާތްތަކުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނުފަހުންނެވެ. އެ އަމުރުގައި ސިޔާސީ ލީޑަރުން މިނިވަންކުރަން އަމުރުކޮށްފައިވާ ބައި ސުޕްރީމް ކޯޓުން ފަހުން ވަނީ ބަދަލުކޮށްފައެވެ. އެ ބައި ބާތިލްްކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހައްޔަރުކޮށް ސަސްޕެންޑުކުރިފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ