ކޮންމެ އަހަރަކުވެސް ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ރަމަޟާން މަހުގައި ކުރިއަށްގެންދާ ކްރިކެޓް ކާނިވަލް މިއަދު ހަވީރު ފަށައިފިއެވެ.
ކުރިކެޓް ބޯޑުން ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުވެސް ތިން މުބާރާތެއް ތާވަލް ކޮށްފައިވާ ކަމަށާއި އެގޮތުން މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތް ކަަމަށެވެ. މިއަހަރުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި ޖުމްލަ 12 ޓީމު ވަނީ ބައިވެރިވެފައެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް ކްލަބާއި ބައްދަލުކޮށް ޝުގަރކޯން މެޗު ކާމިޔާބުކުރީ 72 ލަނޑުންނެވެ. ދެވަނަ މެޗު މެރީގްލޯ އާއި ބައްދަލުކޮށް 8 ވިކެޓުން ކާމިޔާބުކުރީ ކޭޑީއެމްގެ ޓީމުންނެވެ.
ފުރަތަމަ މެޗުގެ ޓޮސް ދިމާވުމުން ޝުގަރކޯން ގަސްދުކުރީ ކުޅުމަށެވެ. 8 އޯވަރު ހަމަވިއިރު 1 ކުޅުންތެރިން ނުބައިވެގެން ޝުގަރކޯން ހަދާފައިވަނީ 141 ލަނޑެވެ. ޖަވާބުގައި ޕޮލިސް ކްލަބު ކުޅެންއަރާ 8 އޯވަރު ނިމުނުއިރު 3 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 69 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި އާދަމް ޒަމީލާއެވެ.
ދެވަނަ މެޗުގެ ޓޮސް ދިމާވުމުން ކޭޑީއެމް ގަސްދުކުރީ ހޮވުމަށެވެ. މެރީގްލޯ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 72 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 13 ލަނޑު ހެދި އަރަފާތެވެ. ޖަވާބުގައި ކޭޑީއެމް ކުޅެންއަރާ 5 އޯވަރުގެ ތެރޭގައި 74 ލަނޑު ވަނީ ހަދާފައެވެ.
ކުރިކެޓް ބޯޑުން ބުނީ، އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތަށްފަހު ދެވަނައަށް އޮތް މުބާރާތަކީ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތް ކަމަށެވެ. މީގެއިތުރުން ކުރިކެޓް ރޯދަމަހުގެ އެންމެފަހު މުބާރާތަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފަށާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ. މިތިން މުބާރާތުގެ ހުރިހާމެޗެއް ވެސް ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައެވެ.
ރަމަޟާން މަހުގައި ކުރިއަށްގެންދާ ކްރިކެޓް ކާނިވަލް މިއަދު ހަވީރު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ