އާޒިމާ ވިދާޅުވާ ފައިސާގެ "އަސްލު ހަގީގަތް" ގާސިމް ހާމަކުރައްވައިފި

ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ކަމަށް ބުނާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި ވިލާގެ ހެޔޮނިޔަތް ނެތް ކަމަށް ބުނެ ސަރުކާރުން ހޯދަން އުޅެނީ ނުހައްގު ފައިސާތަކެއް ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެބައޮތް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ދައްކަވާފައިވާ ވާހަކަފުޅުގެ ހަގީގަތް ހާމަކޮށްދެއްވުމުގެ ގޮތުން އެކަމާ މެދު ވަރަށް ތަފުސީލްގޮތެއްގައި މިރޭ ކުރެއްވި ޓުވީޓުތަކެއްގައާއި ނެރުއްވި ބަޔާނެއްގައެވެ.
ގާސިމް ވިދާޅުވީ އާޒިމާ ހައްދަވަނީ އެނގިވަޑައިގެން ހުންނަވައި ކަނޑައެޅިގެން ބޮޑު އިތުރުފުޅެއް ކަމަށެވެ. އެވިދާޅުވާ ފައިސާއާ ގުޅޭ ގިނަ މައްސަލަތައް ކޯޓުތަކުގައި ފެށީ ވިލާގެ ވަކީލެއްގެ ގޮތުގައި ޚުދު އެކަމަނާ ހުންނަވައިގެންކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދަށުކޯޓާއި ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގައި ވެސް އެދައުވާތައް ކުރިއަށް ގެންދެވި، އެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައިވާކަން ވެސް އެކަމަނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހުރިހާ ކަމެއް ކޮށްދެއްވުމުގައި ވިލާގެ ފަރާތުން އެކަމުގައި ހުރިހާ ކޯޓުތަކަކަށް ވަޑައިގެން އުޅުއްވާފައި، އެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ނިންމީ އެތައް މިލިއަން ޑޮލަރެއް ވިލާއަށް ސަރުކާރުން ދިނުމަށްކަން އެނގިވަޑައިގެން ހުންނަވައި އެއާ މުޅިން ޚިލާފަށް މިހާރު އެކަމަނާ ތަކުރާރުކޮށް ވާހަކަދައްކަވާތީ ހިތާމަކުރައްވާ ކަަމަށް ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހީމްގެ ޓުވީޓުތަކުގައި ވިދާޅުވެފައި ވެއެވެ.
އޭރު ކަން ހިނގާދިޔަގޮތް އެމަނިކުފާނު ވަނީ ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން ވިލާއާ އެއްކޮޅަށް އެއް މައްސަލަ ނިމުމުން 2014 ވަނަ އަހަރު ސަރުކާރުން ބޭނުންވީ މިގޮތަށް ދެންހުރި މައްސަލަތައް ކުރިއަށް ނުގެންގޮސް، ސެޓްލްމަންޓް އެގްރިމެންޓަކަށް ގޮސް، މައްސަލަ ޖެހިގެން އުޅޭ ފަސް ރަށަށް "އެމެންޑެޑް އެންޑް ރީސްޓްރަކްޗާޑް އެގްރިމެންޓެއް" ހެދުމަށް ކަމަށެވެ. އަދި އެގޮތަށް ވިލާއިން އެއްބަސްވުމުން އެ ފަސް ރަށުގެ އެއްބަސްވުން އެގޮތަށް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުންތައް ހެދުމުގެ ކުރިން މިކަމާ ގުޅިގެން ވިލާއިން ކޯޓަށް ހުށަހަޅާފައިވާ ހުރިހާ މައްސަލައެއް އަނބުރާ ގެންދިޔަކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ގާސިމް ވިދާޅުވީ އާޒިމާއާއި ސަރުކާރުން ބުނަމުންދާ ފައިސާތަކުގެ މައްސަލަތަކަކީ އެއްބަސްވުންތަކާ ޚިލާފަށް އަދި ގާނޫނާ ވެސް ޚިލާފަށް އެ އެއްބަސްވުންތައް ސަރުކާރުން ބާތިލްކޮށްލައި، ނުހައްގުން ކަންތައްތަކެއް އުފައްދައިގެން ހަގީގަތް އޮޅުވާލައިގެން ސަރުކާރުން ހިންގި ބޮޑު އަނިޔާވެރި އަމަލުތަކެއް ކަމަށެވެ. އެ ފަސް އެއްބަސްވުން އުވާލުމަށްފަހު ސަރުކާރުން ކޯޓުތަކުގައި ވެސް ބުނަމުން ގެންދިޔައީ މިހާރު "ގުޑްވިލް" (ހެޔޮނިޔަތް) ނެތުމުން ކަމަށެވެ. އެއާއެކު ވިލާއިން ދައްކަން ނުޖެހޭ އެތައް މިލިއަން ޑޮލަރެއް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ސަރުކާރުން ބުނަމުން ގެންދަނީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ ހެޔޮނިޔަތް ނެތުމުން ކަމަށް ބުނެ ފަސް އެއްބަސްވުން ބާތިލްކުރީ ސަރުކާރުން ހިންގަންފެށި ނުބައި އަދި ގާނޫނާ ޚިލާފު އަމަލުތަކާ ގުޅިގެން އެކަމާ ދެކޮޅަށް އެމަނިކުފާނު ބަސްވިދާޅުވާން ފެއްޓެވުމުން ކަމަށެވެ. އެމަނިކުފާނު ދިވެހިރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހަމަޖެހުމާއި ސަލާމަތަށް އަދި ގައުމަށް މިފަދަ ނުބައި ކަންކަމުގެ ސަބަބުން ލިބިގެން ހިނގައިދާނެ ހުތުރު ނަމާއި ދެރައާއި ނިކަމެތިކަމުން ސަލާމަތްކުރުމުގެ މުހިންމުކަން ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. މިގޮތުން އެމަނިކުފާނު ފުރަތަމަ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ޓެރަރިޒަމްގެ ދައުވާއަށް ބަދަލުކުރުމުން އެކަން ނުކުރުމަށް ކަމަށެވެ. ސަބަބަކީ އެއީ ވަރަށް ބޮޑު ނިކަމެތިކަމެއް އެތެރެއާއި ބޭރުން ލިބިގެންދާނެ ކަމަކަށް ވާތީ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ސަރުކާރަށް ގޮވާލެއްވިކަން ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމެއްގެ ގޮތުން ކާނަލް ނާޒިމަށް މެދުވެރިވި މައްސަލައާމެދު ގާނޫނީ އިމުގެ ތެރެއިން ފާޑުވިދާޅުވެ ނާޒިމާމެދު އަމަލުކުރި ގޮތް ބަލައިނުގަނެވޭ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ އެހިސާބުން ވިލާގެ ހެޔޮނިޔަތް ނެތް ކަމަށް ބުނެ އެ ފަސް އެއްބަސްވުން ބާތިލްކޮށް ނުހައްގުން ފައިސާތަކެއް ހޯދުމަށް ހިންގަނީ ގާނޫނާ ޚިލާފު އަމަލެއް ކަމަށެވެ. އާޒިމާ އެވިދާޅުވަމުން ގެންދަވާ ބޮޑު އަދަދުގެ ފައިސާ ސަރުކާރަށް ލިބެންޖެހޭ ގޮތަކީ މިއީ ކަމަށެވެ. އެއްވެސް ހާލެއްގައި މިއީ ވިލާއިން ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށް މިބަޔާނުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ދިފާއުގައި ވިލާ ގުރޫޕާ ގުޅޭގޮތުން މިފަދަ ހަގީގަތެއް ނެތް ވާހަކައެއް އާޒިމާ ވިދާޅުވުމުން ގިނަ ބަޔަކު ދަނީ އެކަމަނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މީގެ ކުރިން ވިލާ ގުރޫޕުގެ ވަކީލެއްގެ ގޮތުގައި އާޒިމާ މަސައްކަތް ކުރައްވާފައި މިއަދު ވިލާ ބަދުނާމުކޮށް ހަގީގަތެއް ނެތް ވާހަކަތައް އާޒިމާ ދައްކަވަމުން ގެންދަވަނީ މަގާމުގެ ދަހިވެތިކަމުގައި ކަމަށް ގިނަ ބަަޔަކު ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ