ހަތަރު މެންބަރުންގެ ގޮނޑިއެއް ނުގެއްލޭނެ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުން ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް އެޕާޓީން މިރޭ ބުނި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނާއެކު މިރޭ ކުނޫޒުގައި އެމަނިކުފާނުގެ ރިޔާސަތުގައި ބޭއްވުނު ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ޕީޕީއެމުން ވަކިކޮޮށްފައިވާ ކަމަށް އެޕާޓީން މިރޭ އިއުލާންކުރި މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުއާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް އެވެ. ނަމަވެސް މިބޭފުޅުން ވަނީ މީގެ އެތައް ދުވަހެއް ކުރިން ޕީޕީއެމުން ވަކިވެފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމުން ހަތަރު މަޖިލިސް މެންބަރުން ވަކިކޮށްފައިވާ ކަން އެޕާޓީން މިރޭ ބުނި ނަމަވެސް ގާނޫނާ ހިލާފު ކަމެއް ނުނިންމޭނެ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވާނަމަ އެއީ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ހިލާފު ނިންމުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ އުސޫލުތަކާއި ހިލާފުވެގެން ޕާޓީން ވަކިކުރި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީ ތަކާ ބެހޭ ގާނޫނުގައި ވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ބުނުން ގަބޫލުނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެ ވޯޓް ކާމިޔާބު ކުރާނެ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވީ 45 މެންބަރުން ކަމަށްވީ ނަމަވެސް އެ ދުވަހުގެ ވޯޓު ކާމިޔާބު ކުރާނީ އެއަށްވުރެ ގިނަ ވޯޓުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މަސީހު ވަކިކުރުމަށްފަހު މަޖިލީހުގެ ތެރެއިން ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން މަސައްކަތް ކުރައްވަނީ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ކަމަށާއި "ގޭމްޕްލޭން ރާވައި ނިންމާފައިވާ" ކަމަށެވެ. އަދި ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން މަސައްކަތް ކުރަނީ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުން މިއަދު ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަދި އެމަނިކުފާނު ދަރިކަލުން ފާރިސް މައުމޫން ހުންނެވީ ހިތްވަރުގަދަކޮށް ސާބިތުކަމާއެކު ކަމަށްވެސް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަން އޮތީ މިއަދު ހައްދު ފަހަނައަޅާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ