ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާ ގުޅިގެން ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް) ގެ މެމްބަރު ކޮލެޖުތަކުގެ ކިޔެވުން މެދުކަނޑާލުމަށް ރަސްމީކޮށް ނިންމައިފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާގެ ސަބަބުން ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)ގެ ފަރާތުން ފަންނީ ލަފާދީފައިވާތީ، އެ އެސޯސިއޭޝަނުގެ މެމްބަރުންގެ ގޮތުގައި ހިމެނޭ ކޮލެޖުތަކުގެ ކިޔެވުން މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ނުބޭއްވުމަށް އެ ޖަމްއިއްޔާގެ އިސްވެރިން ނިންމަވާފައިވާ ކަމަށެވެ.
އެ ޖަމްއިއްޔާގެ މެމްބަރުންގެ ގޮތުގައި ހިމެނޭ ކޮލެޖުތަކަކީ ވިލާ ކޮލެޖު، ސައިރިކްސް ކޮލެޖު، މެޕްސް ކޮލެޖު، ކްލިކް ކޮލެޖު، އެވިޑް ކޮލެޖު އަދި މައި ކޮލެޖެވެ.
ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަނުން ބުނީ ހާލަތު އިތުރަށް ގޯސްނުވާނަމަ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކިޔެވުން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި އެ ޖަމްއިއްޔާގެ މި ނިންމުމަށް ރާއްޖޭގެ އެހެން އަމިއްލަ ކޮލެޖުތަކާއި މަތީތައުލީމު ދޭ މަރުކަޒުތަކުން ވެސް އަމަލުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.
މި ނިންމުމަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އިތުރަށް ފެތުރިގެންދިޔަ ނުދިނުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ކުރާ އިލްތިމާސަށް ބޯލަނބައި، މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަނުން ބުނެއެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ލަފާދީފައެވެ. އެހެންކަމުން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 ހިމެނޭގޮތުން ރަސްމީ ތައުލީމުގެ ނިޒާމުގައި ހިމެނޭ ހުރިހާ ސްކޫލެއް ވަނީ މެދުޓާމް ޗުއްޓީ ނިމެންދެން ބަންދުކޮށްފައެވެ. އަދި ރާއްޖޭގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމީ ޔުނިވާސިޓީ ވެސް ވަނީ ބަންދުކޮށްފައެވެ.
އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދުން ފެށިގެން އެ ޔުނިވާސިޓީގެ ކިޔެވުން ވެސް ބަންދުކޮށްފައިވާ ކަމަށާއި ދެން ކިޔެވުން ފަށާނީ ރޯގާގެ ކަންތައް ހަމަޔަކަށް އެޅުމުން ކަމަށެވެ.
ގައުމީ ޔުނިވާސިޓީން ބުނީ މިއަދުން ފެށިގެން އެ ޔުނިވާސިޓީގެ ހުރިހާ ކުލާހެއް މެދުކަނޑާލާފައިވާ ކަމަށާއި ދެން ކިޔަވައިދޭން ފަށާނީ މެދުޓާމް ބަންދަށްފަހު ކަމަށެވެ.
އަދި އަންނަ ހަފުތާގައި ބާއްވަން ނިންމާފައިވާ ގައުމީ ޔުނިވާސިޓީގެ ގުރެޖުއޭޝަން ވެސް ވަނީ މުއްދަތު ނެތް ގޮތަށް ފަސްކޮށްފައެވެ.
އެޗުވަންއެންވަން ވައިރަސް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވެ ނުރައްކާ ހާލާތަކަށް ގޮސްފައިވާތީ، ބަލީގެ އެލާޓް ލެވެލް ތިނަކަށް ވަނީ ބަދަލުކޮށްފައެވެ. އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫ ރާއްޖެއިން ޖެހުނު މީހުންގެ އަދަދު 51 އަށް އަރާފައިވާއިރު މިރޯގާއަށް ޕޮޒިޓިވެގެން ފަރުވާދެމުން ދަނިކޮށް އުމުރުން 26 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ.
ފީމްގެ މެމްބަރު ކޮލެޖުތަކުގެ ކިޔެވުން މެދުކަނޑާލަން ރަސްމީކޮށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ