ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ގިނަ އަދަދަކަށް ޕެޕަރސްޕްރޭ ޖެހުމުން ހާލު ގޯސްވި އަބްދުﷲ ސަލީމު ހޭނާރާ ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން ހޭއަރައިފި އެވެ.
އަބްދުﷲ ސަލީމްގެ ހާލު ގޯސްވީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒު ކުރިމަތީގައި މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން އެ ސަރަހައްދަށް ގޮސް، ކުނޫޒުގެ ތެރެއަށް ވަދެ އެތަނުގައި ތިބި މީހުންނަށް އެއްވެސް އިންޒާރެއް ނުދީ ގިނަ އަދަދަކަށް ޕެޕަ ސުޕްރޭ ޖެހުމުން އޭގެ އަސަރުކޮށްގެންނެވެ.
އުމުރުން 43 އަހަރުގެ ސަލީމުގެ މޫނަށް އަމާޒުކޮށް ފުލުހުން ޕެޕަ ސުޕްރޭ ޖެހުމުން އޭނާ އަށް ފިޓް ޖެހިފައިވާ ކަމަށް އެވަގުތު އެތަނުގައި ތިބި މީހުންނާއި އަބްދުﷲ ސަލީމުގެ އާއިލާއިން ބުނެފައިވެ އެވެ.
އަބްދުﷲގެ ހާލު ސީރިއަސްވުމުން މިމަހުގެ 22 ވަނަ ދުވަހުގެ ރެއިން ފެށިގެން އޭނާއަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.
އަބްދުﷲގެ އާއިލާ އިން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި އޭނާ ހޭއަރައިފި ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރުވެސް އޭނާ ގިނަ ވަގުތު ބާއްވަނީ ނިންދަވާފައި ކަމަށްވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަބްދުﷲގެ އާއިލާ އިން ބުނީ މީގެ ކުރިންވެސް އޭނާއަށް ފިޓް ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު ފިޓް ޖެހިފައި މިވަނީ ވަރަށް ގިނަ ދުވަހަށް ފަހު ކަމަށްވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
އެސްއޯ ފުލުހުން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކުނޫޒަށް ވަދެ އެތަނުގައި ތިބި މީހުންނާ ދެކޮޅަށް އާދަޔާ ހިލާފަށް ބާރުގެ ބޭނުންކުރި މައްސަލަ ބަލައިދިނުމަށް ޖުމްހޫރީ ޕާޓީން ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި އެދިފަ އެވެ.
ފުލުހުން ޕެޕަ ސުޕްރޭ ޖެހުމުން ހާލުދެރަވި އަބްދުﷲ ހޭއަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ