މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

މިއަދު ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަކަށް މޫސުން ގޯސާވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 12 ޖެހުމާއި ހަމަޔަށް ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމަޔަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.
މި ވަގުތުގައި އެދެމެދުގައި ހިމެނޭ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކުރިޔަށް އޮތް ވަގުތުތަކުގައި ކަނޑުގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވިފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.
އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ނުކުރުމަށާއި، ދަތުރެއް ކުރާ ކަމުގައިވާ ނަމަ މޫސުމާއި ބެހޭ މައުލޫމާތުތައް އެ އޮފީސް މެދުވެރިކޮށް ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގަދައަށް ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ