ގުދުސްގެ މައްސަލާގައި ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލު ސިފައިންގެ މެދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް އަށް މީހަކު ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީންގައި އިއްޔެ ހުކުރު ނަމާދަށްފަހު ކުރިއަށް ގެންދިޔަ ހިނގާލުންތަކެއްގެ ތެރެއިން އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ ޒަހަމުތައްވެސް ލިބިފައިވެ އެވެ.
ހުކުރު ދުވަހުގެ ހަމަލާތަކަށް ފަހު ޝަހީދުކޮށްލި މީހުންނާއެކު ގުދުސްގެ މައްސަލާގައި ޝަހީދުކޮށްލެވުނު ފަލަސްތީން މީހުންގެ އަދަދު މިހާރު އަށަކަށް އަރާފައިވާއިރު 164 މީހުންނަށް އެކި ވަރުގެ ޒަހަމުތައް ލިބިގެން ގާޒާގައި ފަރުވާދީފައިވެ އެވެ. މީގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް ޕަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގައި އަނިޔާވި 100 މީހުން ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ފަލަސްތީނުގެ ތިން މީހަކު ހުކުރު ދުވަހު ޝަހިީދުކޮށްލީ އިސްރާއީލު ސިފައިންގެ ގަޔަށް ގާ އުކުމުގެ ސަބަބުންނެވެ. އަނެއް ދެމީހުން ޝަހީދުކޮށްލީ ހަމާސްއިން 'ޑޭ އޮފް ރޭޖް'ގެ ނަމުގައި ކުރިއަށް ގެންދާ އިހްތިޖާޖުތަކުގެ ތެރެއިން އިސްރާއީލާއި ގާޒާގެ ބޯޑަރު ކައިރިން އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައެވެ.
އޭގެ ކުރިން ޝަހީދުކޮށްލި މީހުންގެ ތެރެއިން އެކަކީ އޭނާގެ މެޔަށް އިސްރާއިލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ހާލުސީރިއަސްވި މީހެކެވެ. އަދި ހުޅަނގު އައްސޭރީގެ ރާމާﷲ ގައި ހުރި ޗެކްޕޮއިންޓެއްގައި ހަރަކާތްތެރިވި އިސްރާއީލު ފުލުހަކު ފަލަސްތީނު މީހެއްގެ ގަޔަށް ވަޅި ހެރުމަށްފަހު ބަޑިޖަހައިގެންވެސް މީހަކު ޝަހީދު ކޮށްލި އެވެ. މީގެ އިތުރުން 'ސޫސައިޑް ވެސްޓެއް' ލައިގެން އާންމުންގެ ތެރެއަށް ނިކުތް ފަލަސްތީނުގެ ރައްޔިތަކުވެސް އިސްރާއިލު ސިފައިން ޝަހީދުކޮށްލީ ވަޅިން ހަމަލާދީގެންނެވެ.
އިސްރާއީލުގެ އެތައްހާސް ސިފައިން ހަތިޔާރާ އެކު ފަލަސްތީނުގެ އާންމުންނާއި ދިމާކޮށްލައިގެން އުޅެނީ ގުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން މުޒާހަރާކޮށް އިސްރާއީލު ސިފައިންނާ ދެކޮޅަށް ގަލުން ހަމަލާދޭތީ ކަަމަށް ބުނެ އެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ ފަލަސްތީނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހުޅަނގު އައްސޭރީގައި ހަތިޔާރާ އެކު ހަރަކާތްތެރިވަނީ 2500 ސިފައިން ކަމަށެވެ. އަދި ގާޒާގައި ހަރަކާތްތެރިވަނީ 3،500 ސިފައިން ކަމަށެވެ.
މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ ފަލަސްތީނުގެ އިސްވެރިންނާއި އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ބައްދަލުކުރެއްވުމަށް ނިންމެވި ތާރީހު ފަހަނަ އަޅާފައިވަނިކޮށެވެ. ފަލަސްތީނުގެ އެއްވެސް އޮފިޝަލަކު ޕެންސް އާއި ބައްދަލު ނުކުރެއްވުމަށް ނިންމެވުމުން މި ބައްދަލުވުން މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. އެހެންނަމަވެސް ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވީ ފަލަސްތީނުން މަޝްވަރާއަށް ތައްޔާރުވީހާ އަވަހަކަށް އެމެރިކާއިން މަޝްވަރާ ކުރުމަށް އޮތީ ތައްޔާރަށް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހިލުމަށް ވަގުތު ބޭނުންވާ ކަމަށް އެމެރިކާއިން ގަބޫލު ކުރާ ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވެސް ވަނީ އެމެރިކާއާއި އެކު މަޝްވަރާ ކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. އައްބާސް ވިދާޅުވީ ބައިނަލްއަގްވާމީ ދުނިޔެއާ ދެކޮޅަށް އެމެރިކާއިން ނިންމި ހަރުކަށި ނިންމުމަށްފަހު ސުލްހައިގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެމެރިކާއަށް ނޯންނާނެ ކަމަށެވެ. އަދި އެމެރިކާއަކީ ސުލްހައިގެ ބައިވެރިއެއް ކަމަށް ބަލައިނުގަނެވޭ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ފަލަސްތީނުގެ އިތުރުން އެމެރިކާގެ ނިންމުމާ ދެކޮޅަށް ބައެއް މުސްލިމު ގައުމުތަކުގައިވެސް ގެންދަނީ މުޒަހަރާކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންގެ ނުރުހުމުގައި އިސްރާއިލުގެ ވެރިރަށް ކަމުގައި ގުދުސް ބަލައިގަނެ، އެމެރިކާ އެމްބަސީ ތެލްއަވީވުން ގުދުސަށް ބަދަލު ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ މިމަހުގެ ހަވަނަ ދުވަހު އެވެ.
އޭގެ ފަހުންނާއި ކުރިންވެސް ގުދުސް މައްސަލާގައި އެމެރިކާއަށް ބައިނަލްއަގްވާމީ ފާޑުކިއުންތަކާއި އިންޒާރުތައް ލިބެމުން އައި ނަމަވެސް ޓްރަމްޕް ވަނީ ގޮތްދޫ ނުކުރައްވާ އޭނާގެ ރިޔާސީ ކެމްޕޭނުގައި ވީވައުދު ފުއްދެވުމުގެ ގޮތުން ގުދުސްއާއި ގުޅޭ ގަރާރުގައި ސޮއި ކުރައްވާފަ އެވެ. އަދި ރަސްމީކޮށް އެމެރިކާއިން ބަލައިގަންނަ އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް އެގަރާރުގައި ކަނޑައަޅާ، އެމްބަސީވެސް ގުދުސަށް ބަދަލު ކުރައްވާނެ ކަން ޓްރަމްޕް އިއުލާން ކުރެއްވި އެވެ. އެހެންނަމަވެސް އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިދިޔަ ހަފްތާގައި ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށެވެ. އަދި މިކަން ބައިނަލްއަގްވާމީ ދުނިޔެއިން ބަލައިގަތުމަށް ހުރިހާ ގައުމުތަކަށް އޯއައިސީ އިން ވަނީ ގޮވާލާފަ އެވެ.
ގުދުސްގެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ އަށް މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ