އީޔޫއިން ވަކިވެވޭނީ މަޖިލީހުން ނިންމައިގެން ކަމަށް އިނގިރޭސި ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އިނގިރޭސި ވިލާތަށް ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭ މައްސަލާގައި އިނގިރޭސި ސަރުކާރާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. ވިލާތުގެ އިއްތިހާދުން ޔޫކޭ ވަކިވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް އެގައުމުގައި ނެގި އިރު، އެ ގައުމުގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓު ލިބުނީ އެ އިއްތިހާދުން ވަކިވުމަށެވެ. އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ގެންދެވީ، ވިލާތުގެ އިއްތިހާދުން އެގައުމު ވަކިވުމަށް ޓަކައި ކުރަން ޖެހޭ ކަންކަން އަވަހަށް ފެށުމަށް ޓަކައި މަސައްކަތް ކުރަމުންނެވެ. އެކަމަށް އެކަމަނާ ބޭނުންކުރެއްވީ، އީޔޫގެ މެމްބަޝިޕާ ބެހޭ ގޮތުން އެކުލަވާލި ލިޒްބަން މުއާހަދާގެ 50 ވަނަ މާއްދާ އެވެ. އެ މައްސަލާގައި އިނގިރޭސި ހައި ކޯޓުން ނޮވެމްބަރު މަހު ވަނީ އިނގިރޭސި ސަރުކާރާ ދެކޮޅަށް ހުކުމެއް ނެރެ، އީޔޫ އިން ވަކިވުމުގެ ކަންކަން ސަރުކާރުން ކުރުމުގެ ކުރިން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެ ހުކުމް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އިރު، ސުޕްރީމް ކޯޓުން މިއަދު ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. އިނގިރޭސި ސުޕްރީމް ކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން އަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުނު ހުކުމުގައި ބުނެފައި ވަނީ ލިޒްބަން މުއާހަދާގެ 50 ވަނަ މާއްދާގެ ދަށުން، ވިލާތުގެ އިއްތިހާދުން ޔޫކޭއަށް ވަކިވެވޭނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެން ކަމަށެެވެ. "ބްރެގްޒިޓު"ގެ ކަންކަން ކުރުމަށް ޓަކައި ޕާލަމެންޓުގެ ރުހުން ހޯދަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާ އިރު، އިނގިރޭސި ބޮޑުވަޒީރުގެ ކަންބޮޑުވުމަކީ އެކަމަނާގެ ޕްލޭނަށް ރުހުން ނުލިބުމެވެ. ސަބަބަކީ، ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ ތެރެއިން ވެސް، ބޮޑުވަޒީރު ތެރީސާއަށް ތާއީދުކުރާ މެމްބަރުންގެ އަދަދު މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ