ކައުންސިލްގެ ކަރަންޓް ބިލަށް ދެ މިލިއަން!

މިދިޔަ އޮގަސްޓް މަހުން ފެށިގެން ކަރަންޓް އައްޑޫ ސިޓީ ކައުންސިލްގެ ކަރަންޓް ބިލްތަކަށް 2,518.089.08ރ. އަރާފައިވާ ކަމަށް ބުނެފި އެވެ.
ކައުންސިލުން ބުނީ އޮގަސްޓްމަހުގެ ނިޔަލަށް ކަރަންޓަށް 4,223,452.48ރ. ހަރަދުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މި އަހަރުގެ ބަޖެޓުން އައްޑޫ ސިޓީގެ ކަރަންޓްގެ ޚަރަދަށް ކައުންސިލްގެ އިދާރާއަށް ލިބިފައި ވަނީ 4,225,267.00ރ. އެވެ.
މީގެ އިތުރުން މި އަހަރުގެ ބަޖެޓްގައި ސަރުކާރުން ޓެލެފޯންގެ ޚަރަދަށް ދެއްވާފައި ވަނީ، 150,000.00ރ. އެވެ.
އެކަމަކު އޮގަސްޓް މަހުގެ ނިޔަލަށް ފޯން ބިލަށް 193,488.09ރ. ހަރަދުވެފައިވެ އެވެ. މި އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޓެލެފޯންގެ ބިލްތަކަށް ފައިސާ ނުދެއްކި އޮތުމުން ދިރާގުގެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 46,717.59ރ. އެވެ. އެ ބިލްތައް ފަހުން ފިނޭންސް މިނިސްޓްރީން ވަނީ ހިދުމަތް މެދުކަނޑާލުމުން ގުޅައި ދީފަ އެވެ.
މީގެ އިތުރުން އިންޓަނެޓްގެ ޚިދުމަތުގެ ބިލްތައް އަދާ ކުރުމަށް 2013 ވަނަ އަހަރުގެ ބަޖެޓުން ލިބިފައި ވަނީ، 195,000.00ރ. ލިބުނު އިރު، އޮގަސްޓް މަހުގެ ނިޔަލަށް 794,831.27ރ. ހަރަދުވެފައިވެ އެވެ.
އޮގަސްޓް މަހުން ފެށިގެން އިންޓަނެޓްގެ ބިލްތަކަށް ފައިސާ ނުދެއްކި އޮތުމުން ދިރާގުގެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ، 131,300.00ރ. އެވެ.
"ސެޕްޓެމްބަރު މަހުގެ ޚަރަދަށް ވާ ފައިސާ މިހާތަނަށް ލިބިފައި ނެތުމުން ޕްރީސްކޫލްތަކަށް ދެވޭ އެހީގެ ފައިސާ މިހާތަނަށް ދެވިފައި ނެތުމުން އެފަރާތްތަކުގެ ޝަކުވާ މެދުނުކެނޑި ލިބެމުން ދެ އެވެ. އަދި މި އިދާރާގެ ފޯން،އިންޓަރނެޓް ޚިދުމަތް އަދި ކަރަންޓް ޚިދުމަތް މެދުކެނޑިއްޖެނަމަ ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދެވި ކައުންސިލްގެ ހިންގުން ހުއްޓުމަކަށް އަތުވެދާނެތީ، މިއިދާރާއިން ހުށަހަޅާ އިދާރީ ޚަރަދުތަކުގެ ވައުޗަރއަށް ފައިސާ ދޫކޮށް ދެއްވުން އެދި ދެންނެވިފައިވާނެ އެވެ." ކައުންސިލުން ނެރުނު ބަޔާނެއްގައިވެ އެވެ. "މިއިދާރާ އިން އޮގަސްޓް 2013 ގެ ނިޔަލަށް ޚަރަދުކުރެވިފައި ވަނީ ވަރަށް ބޮޑަށް ޚަރަދުތައް ކޮންޓްރޯލްކުރެވިގެން ލިބިފައިވާ ބަޖެޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިންނެވެ. ނަމަވެސް ކައުންސިލް އިދާރާގެ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި އޮފީސް ހިންގުމުގެ ޚިދުމަތްތަކުގެ ޚަރަދުތަކަކީ ކޮންމެހެންވެސް ފައިސާ ލިބިގެންނޫނީ މިއަހަރުގެ ނިޔަލަށް ދެކޮޅު ނުޖެއްސޭނެ ޚަރަދުތަކަށްވާތީ ބަޖެޓަށް އިތުރު ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ސެޕްޓެމްބަރުގައި ދަންނަވާފައިވާނެ އެވެ."
ކައުންސިލަށް އަންނަ އަހަރު ދޭން ނިންމާފައިވާ ބަޖެޓާ ގުޅޭ ގޮތުން ކައުންސިލުން ވަނީ އިއްޔެ ނޫން ކުރީ ދުވަހު މަޖިލީހުގެ ބަޖެޓް ކޮމިޓީ އާ އެކު މަޝްވަރާކޮށްފަ އެވެ.
އަންނަ އަހަރު އައްޑު ސިޓީ ކައުންސިލަށް ދޭން ނިންމާފައި ވަނީ 49 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު އެއީ އެކަށީގެންވާ ވަރުގެ ބަޖެޓެއް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ