ފެނަކީ މާތް ﷲ ދެއްވާފައިވާ ވަރަށް އަގުބޮޑު ނިޢްމަތެއް - މައުމޫން

ފެނަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ގިނަގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢްމަތެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރެއްވުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވަވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި 3 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި މާތް ﷲ އުޑުތަކާއި ބިން ހެއްދެވުމުގެ ކުރިން ވަނީ ފެން ހައްދަވާފައިކަން ކީރިތި ޤުރްއާނުން ވަރަށް ރަނގަޅަށް ދޭހަވެއެވެ.
އަދި އިންސާނުންނާއި މިކައުނުގައި ލައްވާފައިވާ ދިރުން ހުރި ކޮންމެ އެއްޗެއް މާތް ﷲ ލައްވާފައިވަނީ ފެނުން ކަމުގައިވެސް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ.
"ކީރިތި ޤުރްއާނުގެ އަލީގައި ފެނުގެ ނިޢްމަތް" މި މައުޟޫޢުގެ މައްޗަށް ރޭ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު ބިނާކުރައްވާފައިވަނީ ކީރިތި ޤުރްއާނުގައި ފެނާބެހޭގޮތުން ވަޙީ ކުރައްވާފައިވާ އާޔަތްތަކުގެ މައްޗަށެވެ. އަދި އެ އާޔަތްތަކުން ދޭހަވާ ކަންތައްތަކަށް ސައިންސުން ލިބެންހުރި ހެކިތައްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މިކަން ކުރެއްވީ ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއްގެ އެހީގައެވެ.
ހަނަފަސްވެ މަރުވެފައިވާ ބިންގަނޑަށް މާތް ﷲ ދިރުން ދެއްވަނީ ވިލާތަކުން ވެއްސަވާ ފެނުން ކަމަށާއި، އެފެނުގެ ސަބަބުން ބިންގަނޑަށް އާރޯ ތާޒާކަން ލިބި ގޮވާމާއި މޭވާއަޅާ ގަސްތައް ހެދި، އޭގެ ސަބަބުން އިންސާނުންނަށާއި ދިރުން ހުރި ހުރިހާ އެއްޗަކަށް މާތް ﷲ ރިޒްޤް ތަނަވަސްކޮށްދެއްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ފެނުގެ އެންމެ މުހިންމު އެއް ޚާއްޞިއްޔަތަކީ ފެނަކީ ޠާހިރު އަދި އެހެން އެއްޗެތި ޠާހިރު ކުރުވާ އެއްޗެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި މިހާރު ދުނިޔެއަށް ކުރިމަތިވަމުން އަންނަ ފެނުގެ ދަތިކަމުގެ މައްޗަށް ބައްލަވައި ލައްވަމުން، މާތް ﷲ ކޮންމެ ނިޢްމަތެއްވެސް ދެއްވާފައިވަނީ އެކަލާނގެ އިރާދަކުރައްވާ ވަކި މިންވަރަކަށް ކަމަށާއި ފެނަކީވެސް ކީރިތި ޤުރްއާނުގައި އަންގަވާފައިވާގޮތުގައި ވަކި މިންވަރަކަށް ދެއްވާފައިވާ ނިޢްމަތެއްކަމަށްވާތީ، ބޭކާރުގޮތުގައި ފެން އިސްރާފުކޮށްގެން ނުވާނެ ކަމަށާއި އަދި ފެނުގެ ނިޢްމަތަށް ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އިސްލާމްދީނަކީ ޢާލަމީ އަދި ޚާތަމީ ދީނެކެވެ." މި މައުޟޫޢުގެ މައްޗަށް ރޭގެ ޖަލްސާގައި ޑޮކްޓަރ އަފްރާޝީމް ޢަލީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މާތް ﷲ އިސްލާމްދީން ނޫން އެހެން ކޮންމެ ދީނެއްވެސް ފޮނުއްވާފައިވަނީ ވަކި ބަޔަކަށް ވަކި ދުވަސްވަރަކަށެވެ. މިއާޚިލާފަށް މާތް ﷲ އިސްލާމްދީން ފޮނުއްވާފައިވަނީ މުޅި އިންސާނިއްޔަތަށެވެ.
އަދި އިސްލާމްދީން ފޮނުއްވުމުން އެހެން ހުރިހާ ދީނެއް ބާޠިލްވެގެން ދިޔައީ ކަމަށާއި އިސްލާމްދީން ފާޅުވީއްސުރެ ޤިޔާމަތް ދުވަހަށް ދާންދެން މާތް ﷲ ޤަބޫލު ކުރައްވާ ދީނަކީ ހަމައެކަނި އިސްލާމްދީންކަން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުސްލިމުން އިސްލާމްދީނުގެ ހުރިހާ ކަމެއްވެސް އަދާކުރަންޖެހޭނީ މާތް ﷲ އާއި އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާ އަންގަވާފައިވާ ގޮތަށް ކަމަށާއި ދީނުގެ ކަންތައްތައް އަދާކުރުމުގައި ޣައިރު މުސްލިމުންގެ ލަފަޔާއި މަޝްވަރާ އެއްގޮތަކަށްވެސް ހޯދާކަށް ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން ރޭގެ ޖަލްސާ ފަށްޓަވައި ދެއްވީ އަލްޤާރީ އަޙްމަދު ރަޝީދު އިބްރާހީމެވެ. ޖަލްސާ ހިނގަމުންދާނެގޮތް ވިދާޅުވެ ދެއްވީ އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމެވެ.
މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވަވަމުން ގެންދަވާ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މި ރަމަޟާން މަހުގެ 27 ވިލޭރެއެވެ. އެއީ އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގެރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ