އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްދެެވެން ނެތް: ޕީޖީ

މޭޑޭގައި ކުރި މުޒާހަރާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަންގާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
ދެހާސް ފަސް ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން އަބްދުﷲ ރަޝީދަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އަބްދުﷲ ރަޝީދު މަރުވީ ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދަނިކޮށް އޮކްޓޯބަރު 10، 2017 ގައެވެ.
އެ މައްސަލައިގައި އެޗްއާރްސީއެމުން ހިންގި ތަހުގީގަށްފަހު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އަބްދުﷲ ރަޝީދަށް އިހުމާލުވެފައިވާ ކަމަށް ނިންމައި، އެ ސާވިސަސްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ތަފާތު ދެ ފަހަރެއްގެ މަތީން ޕީޖީއަށް ފޮނުވައިފައެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހުގަ އާއި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެމައްސަލައިގެ ތަހުގީގުގައި އެޗްއާރްސީއެމްއަށް ފާހަގަ ކުރެވުނު ކަންކަން ބަޔާންކޮށް އެކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަބްދުﷲ ރަޝީދުގެ ސިއްހީ ހާލަތު ގޯސްވެގެން އެންމެ ފުރަތަމަ ފަރުވާ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.
އަދި އޭނާގެ ހާލު ދެރަވެގެން އެމަހުގެ ނުވަ ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންދެވުމާ ހަމައަށް ތަފާތު ތިން ފަހަރެއްގެ މަތިން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދީފައިވާ ކަމަށާއި އައިޖީއެމްއެޗުގައި އޭނާ އެޑްމިޓްކޮށް، މަރުވުމާ ހަމައަށް ގިނަ ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކޮށްފައިވާކަން ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަބްދުﷲ ރަޝީދަށް ފަރުވާދިނުމުގައި ކަރެކްޝަންސް އާއި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި އެވަގުތު މަސައްކަތް ކުރަމުން ދިޔަ ދެ ޑޮކްޓަރުން ވެސް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އެއް ޑޮކްޓަރަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ޑޮކްޓަރެއް ނޫން ކަމަށާއި މާފުށީ ޖަލުގައި އޭރު ސިއްހީ ފަރުވާ ފޯރުކޮށްދެމުންދަނީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ނޫންކަން ވެސް ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރްސީއެމްގެ ތަހުގީގު ނިންމައި، ކަރެކްޝަންސްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅި ނަމަވެސް ޕީޖީން ވަނީ އެ މައްސަލާގައި ޖިނާއި ނިޔަތާ ގުޅޭ އެއްވެސް ކަމެއް ސާބިތުކުރެވޭ ވަރަށް ހެއްކާ ގަރީނާ ލިބިފައިނުވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ބަޔާނުން އެ ފަރާތްތަކުގެ ރަސްމީ ވާޖިބު އަދާނުކޮށް ދޫކޮށްލިކަމުގެ ދައުވާއެއް ކުރެވެން ނެތްކަން ވެސް ޕީޖީގެ ފަރާތުން އަންގާފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އޭގެ އިތުރުން އެ ހާދިސާ ހިނގުމާ ހަމައަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކ. މާފުށީ ޖަލުގައި ސިއްހީ ހިދުމަތްދިނުމަށް ލައިސަންސެއް ހޯދާފައި ނެތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށުގެ އުންސުރުތައް ފުރިހަމަވާކަމެއް ނޫން ކަމަށް ވެސް ޕީޖީން ވަނީ އެޗްއާރުސީއެމަށް އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ