މަގާމުން ވަކި މީހަކަށް ނުބަލާ ޙުކުމް ކޮށްފައި ވާތީ – އަބްދުﷲ ދީދީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރުމުން ދޭހަވެގެން މިދިޔައީ ފަނޑިޔާރަކަށް ހުށަހެޅޭ މަައްސަލައެއްގައި މީހެއްގެ ގިންތިއަކަށް، ފަންތިއަކަށް، މުޖުތަމަޢުގައި އެމީހެއްގެ ނުފޫޒު ހުރި މިންވަރަކަށް އަދި އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ބެލުމެއް ނެތި ގޮތް ނިންމުމަކީ އޭގެ ސަބަބުން އެފަނޑިޔާރަކު ކުރިމަތިލާން ބޭނުން ނުވާ އެތައް ކަމަކާއި ކުރިމަތިކުރުވާ ކަމެއް ކަން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރި އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) ވިދާޅުވެއްޖެއެވެ.
ޑީޑީ މިހެން ވިދާޅުވީ މަގާމުން ދުރުކުރުމުން މިރޭ ނެރުއްވި ބަޔާނެއްގައެވެ.
އޭނާގެ ބަޔާނުގައި މީހެއްގެ ގިންތިއަކަށް، ފަންތިއަކަށް، މުޖުތަމަޢުގައި އެމީހެއްގެ ނުފޫޒު ހުރި މިންވަރަކަށް އަދި އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ބެލުމެއް ނެތި ގޮތް ނިންމިކަމަށް އެއިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ކަމަށް ބެލެވެއެވެ.
އަބްދުﷲ ގާޟީ ވަގަށް ނެގި މައްސަލައިގައި ނަޝީދު ޖަލަށް ލާން ޙުކުމް އިއްވި ޕެނަލްގައި ޑީޑީ އިންނެވިއެވެ. ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން މަސައްކަތް ކުރަނީ ނަޝީދު ޖަލަށް ލާން ޙުކުމް ކުރީތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ޑީޑީގެ ވަކީލުން މީގެ ކުރިން ސުޕްރީމް ކޯޓުގައި ވެސް ވިދާޅުވެފައި ވެއެވެ.
ޑީޑީ ނެރުއްވި ބަޔާނުގައި ވިދާޅުވީ މިއަަދަކީ ކަޅު ދުވަހެއް ކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ މަސްރަހު އޮތް ގޮތުން މިފަދަ ދުވަހެއް އަތުވެދާނެކަމުގެ އިހުތިމާލު ނެތް ކަމުގައި ނުބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެންމެހައި ނުފޫޒުތަކުން އެއްކިބާވެގެން އުޅެވޭ ފަދަ ފަނޑިޔާރުގެއެއް ގާއިމްވެފައި އޮތުން މުހިއްމުވަނީ ވެސް މިފަދަ ނޭދެވޭ އަސަރުތަކުން ފަނޑިޔާރުން ހިމާޔަތް ކުރުމަށެވެ. ރައްޔިތުންނަށް އަދުލު އިންސާފު އޭގެ ޒާތުގައި ލިބިދިނުމަށެވެ. ކުލައަކަށް ނަސްލަކަށް، ބާރުވެރިކަމަކަށް ބެލުމެއް ނެތި އަނިޔާއިން މީހުުން ހިމާޔަތްކޮށްދީ ޙައްޤުތައް އޭގެ ޙައްޤުވެރިންނަށް ލިބިދިނުމަށެވެ." ބަޔާނުގައި ޑީޑީ ވިދާޅުވެފައިވެއެވެ.
ޑީޑީ މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ އޭނާ އަކީ އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް މީހަކަށް ވެސް އަދި އަމިއްލަ ނަފްސަށް ވެސް ނުހައްޤު އެއްވެސް މަންފާއެއް ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ދުޢާއަކީ މިދިވެހިރާއްޖޭގައި ޙައްޤަށް ނަސްރުދޭ އަމަލު އިންސާފަށް މަގުފަހިކޮށްދޭ ވެއްޓެއް ގާއިމްވެފައި އޮތުމެވެ." ޑީޑީގެ ބަޔާން ނިންމާލަމުން ވިދާޅުވިއެވެ.
ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ފޮނުވިތާ 24 ގަޑިއިރު ނުވަނީސް މަޖިލީހުން ވަނީ ޑީޑީގެ މައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވާ، އެކޮމެޓީން އެމައްސަލަ ދިރާސާކޮށް، އަނބުރާ މަޖިލީހަށް ފޮނުވާ، މަޖިލީހުން އެކަމަށް ބަހުސްކޮށް، ޑީޑީ މަގާމުން ދުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ