ހިތަދޫ އުތުރު ދާއިރާގެ ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް އިސްކަންދޭނަން - ޢަލީ

ހިތަދޫ އުތުރު ދާއިރާގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތަކާއި ފުރުސަތުތައް ނެތީ، އެވާހަކަދައްކާ އެކަންކުރާނެ ބަޔަކުނެތިގެން ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ޢަލީ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޢަލީ ބާއްވަމުންދާ ކަންމަތީ ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެވަސީލަތްތަކާއި ވިޔަފާރީގެ ފުރުސަތާއި ޤަނޫނީ އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށެވެ.
"މިދާއިރާގެ ޒުވާނުން އެތިބީ ވަސީލަތްތައް ނެތިގެން، ފުރުސަތުތަކަށް އެދިއެދި. ކުޅޭނެ ދަނޑެއްނެތް. ވިޔަފާރިއެއް ފެށޭނެ ގޮތެއްނެތް. ޤާނޫނީ އެހީތެރިކަން ބޭނުންވާ ޒުވާނުން އެބަތިބި. މިކަންކަމަށް އަޅުގަނޑު އިސްކަންދޭނީ. ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން" ޢަލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގައި ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައްހުރީ މީގެ 25 އަހަރުކުރިން ވެސް އޮތް ހާލަތުގައިކަމަށާއި އެކަން ރަނގަޅުކުރެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭފަދަ މީހަކަށް ކަމަށެވެ.
"ދަންނަވަންތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ޒިންމާއެއް މިކަންކަމާމެދު ވަކާލާތުކޮށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީ. މި ވާހަކަތައް ނުދައްކާ ހަމައެކަނި ބަޓަނަށް ފިތަން އިންނަ މެންބަރަކަށް މިކަމެއް ނުވާނެ. އަދި ސަރުކާރަށް ޖެއްސުންކޮށްގެން ޒުވާނުންނަކަށް ކުރިއެރުމެއްވެސް ނުލިބޭނެ" ޢަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކުޅިވަރާއި ވިޔަފާރިއާއި ތަޢުލީމީ ފުރުސަތުތަކުގެ އިތުރުން މިދާއިރާގެ ޒުވާނުން މަސްތުވާތަކެއްޗާއި ކުށަށް އަރައިގަތުމުން ސަލާމަތްކުރަންޖެހޭކަމަށެވެ. އަދި ޤާނޫނީ އެހީތެރިކަން ބޭނުންވާޒުވާނުންނަށް އެފުރުސަތު ފަހިކޮށްދީ، ޒިންމާދާރު ޒުވާނުންނަށް ހަދަން މަސައްކަތްކުރައްވާނެކަމަށެވެ.
“ވަރަށް ގިނަ ޒުވާނުން ބޭނުންވޭ ޤާނޫނީ އެހީތެރިކަން. އެމީހުން ބޭނުންވޭ ޒިންމާދާރު ގޮތުގައި ވަޒީފާ އަދާކުރާ ޒުވާނުންނަށްވާން. އެކަންނުވެ އޮތީ އެމީހުންނާއި އަޅާނުލާތީ. އަޅުގަނޑަކީ ޒުވާނުންނާއެކު މިހާރުވެސް ކުޅިވަރުކުޅެންދާ އަދި އެޒުވާނުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ހިލޭސާބަހަށް މިހާރުވެސް ފޯރުކޮށްދޭ މީހެއް. އެމަސައްކަތް އަޅުގަނޑުމެން ވަރުގަދަކުރާނަން. އަޅުގަނޑުމެން ޒުވާނުން ކުރިއަރުވާނަން.” ޢަލީ ވިދާޅުވިއެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމަކީ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ތަޢުލީމީ ޒުވާން ޤާނޫނީ ވަކީލެކެވެ. އެނާ މިހާރުވެސް ގެންދަވަނީ ޤާނޫނީ އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެޚިދުމަތް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ