ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަން، ބައިނަލްއަގްވާމީ ދުނިޔެ ވެސް ދެކޮޅު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ ދައުވާ މިއަދު އަނބުރާ ގެނެސްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ދައުވާކުރަނީ 21 ދުވަސް ވަންދެން ޤާނޫނާއި ޚިލާފަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަަބްދުﷲ މުހައްމަދު އެކަހެރި ކޮށް، ބަންދު ކޮށްގެން ގެންގުޅުނު މައްސަލައިގައެވެ.
އެނގިފައިވާ ގޮތުން، ޕީޖީއިން މި މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ، އިތުރަށް ދިރާސާ ކުރުމަށް ކަމަށް ބުނެއެވެ. އެ ދައުވާ އަލުން ރައީސް ނަޝީދުގެ މައްޗަށް ކުރައްވާނެކަން އަދި ޕީޖީ އޮފީހަކުން ހާމަކޮށްފައެއް ނުވެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފްގެ ޝަރީއަތް އަޑުއެހުމަށް ހައިކޯޓު ކައިރީ ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ އަނބުރާ ގެންނެވި ކަމަށްޓަކާ ޕީޖީއަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
"ޝުކުރު ދަންނަވާ ސަބަބަކީ، އިންސާފުވެރި ހައްލެއް، މި ގައުމުގެ ހަމަޖެހުން ހޯދުމަށްޓަކާ، މިގައުމުގެ މުސްތަގުބަލަށްޓަކާ އަޅުގަނޑުމެން އެންމެން ވެސް މި މަސައްކަތްކުރަނީ. ހަމަ އެގޮތަށް އެމަނިކުފާނު (ޕީޖީ) ވެސް މަސައްކަތްކުރަވަނީ. އެކަމަށްޓަކާ އެމަނިކުފާނަކަށް ފަށްފަށުން ޝުކުރު ދަންނަވަން" ގާސިމް ވިދާޅުވި އެވެ.
ޕީޖީއަށް ގާނޫނު އަސާސީގެ ތެރެއިން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކަންތައްތަަށް ކުރެއްވުމަށާއި، އެއްވެސް ކަމަކާ ބިރުފުޅުވަޑައިނުގަތުމަށް ވެސް ގާސިމް ވަނީ މިއަދު ޕީޖީއަށް ގޮވާލާފަ އެވެ.
"ބިރުފުޅެގެން ވަޑައިނުގަންވާށޭ އަޅުގަނޑުމެން މިތިބީ މަނިކުފާނާއެކީގަ އޭ" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ބައިނަލްއަގްވާމީ ދުނިޔެ ވެސް މިހާރު ދެކޮޅު ކަމަށާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ރައްޔިތުން ވެސް އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ކުރަން ތާއީދުނުކުރާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"އެ ދައުވާ ކުރިއަށް ގެންދިޔުން މިހާރު މުހިއްމެއް ނޫން. އެކަންކުރުމުގެ ވަގުތު ފާއިތުވެއްޖެ. މިއުޅެނީ މީހަކު މަރައިގެނެއް ނޫން. މިކުރެވިގެން އުޅޭ ކަމުގެ ބުރަދަނާއި ހުރިހާ ކަންތައްތަކަކަށް ރިޔާޔަތްކުރުމަށް ސަރުކާރަށާއި ޕީޖީއަށް ގޮވާލަން. ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭތޯ ނުވަތަ ނޫންތޯއެއް ނޫން މުހިއްމީ. މުހިއްމީ ގައުމުގެ މަސްލަހަތު" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރާ ދަޢުވާ އަނބުރާ ގެންގޮސްފައިވާއިރު، އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއި ގުޅޭގޮތުން ދައުލަތުން ދައުވާ ކުރާ ހުރިހާ ފަރާތެއްގެ މައްޗަށް ކުރެވުނު ދައުވާތައް ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލްވެސް ހިމެނެއެވެ.
މީގެ އިތުރުން، އެމްއެންޑީއެފްގައި މާލެ އޭރިއާގެ ކުރީގެ ކޮމާންޑަރ އަދި މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރޓޑ އިބްރާހިމް މުހައްމަދު ދީދީ، އަދި އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް މި މައްސަލައިގައި ދަޢުވާ ކޮށްފައިވާ އިރު، މި ބޭފުޅުންގެ މައްޗަށް ކުރި ދަޢުވާތައް ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ
ނަޝީދުގެ މައްޗަށް ދައުވާކުރަން ބައިނަލްއަގްވާމީ ދުނިޔެ ވެސް ދެކޮޅު - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ